📸 Appointment of Chief Judge to Family court. pic.twitter.com/BZsJNGZlwG
— Judicial Service Commission (@MaldivesJSC) March 30, 2022
މާރިޗް 31 – 2022
ރާއްޖޭގެ އާއިލާ އާއިބެހޭ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް
ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަން ކުރުމުގެ ތާރީޚީ ކުރިއެރުމަށް މަރުހަބާ
ރާއްޖޭގައި ފަނޑިޔާރުން އައްޔަން ކުރުމާބެހޭ މުއައްސަސާ، ޖުޑިޝަލް ސަރވިސް ކޮމިޝަނުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ދިވެހިރާއްޖޭގެ އާއިލާ އާއިބެހޭ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އަލްއުސްތާޛާ ހުޒައިފާ މުހަންމަދު އައްޔަން ކޮށްފައިވާ ކަމުގެ ތާރީޚީ، އުންމީދީ އަދި އުފާވެރި ޙަބަރަށް މި ޖަމްޢިއްޔާއިން މަރުހަބާ ކިޔަމެވެ. އަދި އިސް ފަނޑިޔާރު އަލްއުސްތާޛާ ހުޒައިފާ މުހަންމަދު އަށް އުތެމަ ޖަމްޢިއްޔާގެ ފަރާތުން ވަރަށް ހޫނު މަރުހަބާއަކާއި ތަހުނިޔާ އަރިސްކުރަމެވެ.
ރާއްޖޭގެ ފަހުގެ ތާރީޚަށްބަލާއިރު ފުރަތަމަ ފަހަރަށް އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރެވުނީ 2007 ވަނަ އަހަރުއެވެ. އަލްއުސްތާޛާ ހުޒައިފާ މުހަންމަދު އަކީ އެ އަހަރު އައްޔަން ކުރެވުނު ތިން އަންހެން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ. ދިވެހިރާއްޖޭގެ ކޯޓުތަކަކީ ޒަމާނުއްސުރެ އަންހެނުންގެ ހިއްސާނެތި، އަންހެނުންނަށް ކުރާ ތަފާތުކުރުންތަކުގެ ސަބަބުން އިންސާފުހޯދުމަށް ހުރަސްއެޅޭފަދަ ނޭދެވޭ ސިފަތަކެއް ހުރި މުއައްސަސާއެކެވެ. މިކަމުގެ ނޭދެވޭ އަސަރުތައް ދިރާސާތަކުންނާ އާންމު ރައްޔިތުންގެ ހިތިތަޖުރިބާ ތަކުން އަދު ވަނީ އިހުނަށްވުރެ ފުޅާކޮށް ސާފުވެ ހާމަވެފައެވެ. އެހެންކަމުން އަންހެނުންނަށް ވީތީ ކުރާ ތަފާތުކުރުންތައް ތާރީޚުގެ އަނދިރި ސަފްހާތަކަށް ދޫކޮށްލުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. މިކަމުގައި ލިބޭ ކޮންމެ ކުރިއެރުމަކީ ރާއްޖޭގައި އަންހެނުންނަށް އަދުލްއިންސާފު ލިބިގަތުމުގެ އަސާސީ ޙައްޤު ކަށަވަރު ކުރުމަށާއި، މި އަސާސީ ޚިދުމަތް ލިބިގަތުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އަދު ރާއްޖޭގެ ކޯޓުތަކުގައި 184 ފަނޑިޔާރުން ތިއްބަވާއިރު، އަންހެނުންގެ އަދަދަކީ 21 އަދި ފިރިހެނުންގެ އަދަދަކީ 163 އެވެ. މި ބޮޑު ފަރަގު ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް ގިނަގުނައެވެ. މިކަމުގައި އަދުގެ ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރައްވާ މަސައްކަތް މި ޖަމްއިއްޔާއިން ބަލައިގަންނަ ކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. އަދި މިފަދަ ކުރިއެރުންތައް ލިބެމުންދާ އެއް ސަބަބެއްކަމަށް ދެކެނީ އެ ކޮމިޝަނުގެ އަންހެން ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛާ ހިސާން ހުސައިން ގެ ރިޔާސަތުގައި ކުރައްވަމުން ގެންދަވާ ހެޔޮބަދަލު ގެނުވަނި މަސައްކަތް ތަކެއްގެ ސަބަބުން ކަމަށްވެސް ދެކެމެވެ.
މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކޮށް، އަދި ބައިނަލްއަޤުވާމީ ގޮތުން ބައިވެރިވެފައިވާ މުއާހަދާ ސީޑޯއިން ބާރުއަޅާ އެޅުމަށް އިޖާބަދީ ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން މިންތީގެ ނަހަމަކަން ނައްތާލުމަށް ކުރާ މަސައްކަތް ހަލުއިކުރުމަކީ ރާއްޖޭގެ ތަރައްގީއާ ކުރިއެރުމަށް ނުހަނު މުހިންމުކަމެކެވެ. މި ޖަމްޢިއްޔާގެ އެދުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޤާނޫނީ މުޅި ނިޒާމުގައި އަންހެނުންގެ ބައިވެރިވުން ދުވަހެއް ދުވަހަކަށް އިތުރުވުމެވެ. މިޖަމްޢިއްޔާގެ އަބަދުގެ އުންމީދަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަކީ އަންހެނުންގެ ހަމަހަމަ ޙިއްޞާ ލިބިގެންވާ، އިންސާފުވެރި، ނަޒާހަތްތެރި، ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިގެންވާ އަދުލްވެރި ހަރުދަނާ ނިޒާމަކަށް ވެގެންދިއުމެވެ.
![Press cover [En] Uthema Maldives](https://uthema.org/wp-content/uploads/Press-cover-En-Uthema-Maldives-300x225.png)










![Rising above the cracks [Uthema Maldives]](https://uthema.org/wp-content/uploads/Rising-above-the-cracks-Uthema-Maldives-300x225.jpg)







![Jaaaga eh neiy-protest [Refty credit] uthema](https://uthema.org/wp-content/uploads/Jaaaga-eh-neiy-protest-Refty-credit-960-300x225.jpg)

































































