

![NGO logos Maldives uthema Joint Press Statement of CSOs [logos]](https://uthema.org/wp-content/uploads/NGO-logos-Maldives-uthema.png)
18 އެޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤާގުޅޭ ގޮތުން ޖަމްޢިއްޔާތަކުގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ނެރޭ ޢާންމު ސިޓީ
18 އެޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. ފެންޓެނޯއި ނަމަކަށް ކިޔާ ޢިމާރާތާ ޖެހިގެން ހުރި ގަރާޖެއްގެ ފުރާޅު މައްޗަށް އަންހެނެއް ވެއްޓިފައިވާ މައްސަލައާގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ތަޙުޤީޤާގުޅޭ ގޮތުން މިހާތަނަށް މީޑިއާއަށް އެ ޚިދުމަތުންނާއި އެ އަންހެން މީހާގެ ޢާއިލާއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މި ޖަމްޢިއްޔާތަކުން ކަންބޮޑުވާ ކަންކަން ހުރުމާއެކު، މިނިވަން އިންޞާފުވެރި ތަޙުޤީޤެއް ހިންގުމަށް ގޮވާލައި، ދަންނަވަމެވެ.
މި މައްސަލައިގައި އަނިޔާ ލިބިފައިވާ އަންހެން މީހާގެ ޢާއިލާގެ ފަރާތުން އަނިޔާ ލިބުނު ފަރާތަށް، ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ތަކުރާރުކޮށް ފުލުހުންގެ ޚިދުމަތުގައާއި އެފަރާތަށް ފަރުވާދެމުންދާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ކިބައިން އެދިފައި ވީނަމަވެސް، އެކަށީގެންވާ އަވަސް މިނުގައި ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓެސްޓު ހަދާފައިނުވާތީ، އެކަމުގެ ކަންބޮޑުވުން މި ޖަމްޢިއްޔާތަކުން ފާހަގަކުރަމެވެ.
ޖިންސީ ކުށުގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިޞްލާޙުގެ ދަށުން މިފަދަ ކުށްތަކަށް ތުހުމަތުކުރެވޭނަމަ، ރޭޕް ކިޓު މެދުވެރިކޮށް، ޓެސްޓު ހެދުމަކީ ފުލުހުންގެ ޚިދުމަތާއި އަނިޔާ ލިބުނު ފަރާތަށް ފަރުވާ ދޭ ޞިއްޚީ އިދާރާގެ ޤާނޫނީ ޒިންމާއެކެވެ. މި މައްސަލައިގައި ޑޮކްޓަރުން ޓެސްޓު ހެދުމަށް ލަފާދީފައިވާކަމަށާއި، އެހެނަސް ފެމިލީ ޕްރޮޓެކްޝަން ޔުނިޓުން ދޭންޖެހޭ ޑައިރެކްޝަން ދިނުމުގައި ލަސްވެފައިވާކަމަށް ޢާއިލާއިން މީޑިއާއަށް މަޢުލޫމާތު ދީފައިވާއިރު، ގެވެށި އަނިޔާ އަދި ޖިންސީ އަނިޔާއަށް ރެސްޕޮންޑުކުރުމުގެ ޤައުމީ ނިޒާމުގެ ތެރޭގައި މި ޔުނިޓު ޤާއިމްކޮށްފައިވަނީވެސް މިފަދަ މައްސަލަތަކުގައި ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން ޔުނިޓާ ގުޅިގެން އަވަސްކަމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށެވެ. މިގޮތުން އަނިޔާ ލިބުނު ފަރާތުގެ ޔޫރިން ސާމްޕަލް ނަގައި މަސްތުވާތަކެއްޗަށް ޓެސްޓުކުރެވުނުކަން ފުލުހުންގެ ފަރާތުން މީޑިއާ އަށް މަޢުލޫމާތު ދީފައިވާއިރު، އާއިލާއިން ތުހުމަތުކޮށްފައިވާ ޖިންސީ އަނިޔާއާ ގުޅިގެން ޓެސްޓުކުރުމަށް ދިގުލައިގެން ގޮސްފައިވާތީ، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެކަށީގެންވާ ގޮތުގައި މި ޙާލަތުގައި އެޅިފައި ނެތްކަމުގެ ކަންބޮޑުވުން އުފެދެވެ.
އަދި މި މައްސަލައިގައި މިޑީއާ އާއި އެންމެ ފުރަތަމަ ބައްދަލުކޮށް ފުލުހުންގެ ޚިދުމަތުން ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އަންހެންމީހާގެ ވަނަވަރު މީޑިއާ އާ ޙިއްސާކޮށް، އެހެންނަމަވެސް، ފިރިހެން މީހާގެ މަޢުލޫމާތު ޙިއްސާކޮށްފައިނެތުމާއި، އޭނާގެ އައިޑެންޓިޓީ ޙިމާޔަތްކުރުމަށްޓަކައި އޭނާގެ މޫނު ފުސްކޮށް، ވީޑިއޯ ފުޓޭޖުތަކެއް ދައްކާފައިވާކަމަށް މީޑިއާއިން ރިޕޯޓުކޮށްފައިވާއިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތާއި އަނިޔާ ލިބުނު ފަރާތާދެމެދު އިދާރީ ތަފާތުކުރުންތަކެއް ގެންގުޅެފައިވާކަމަށް ބެލެވެއެވެ. ފުލުހުންގެ މުއައްސަސާއިން މި ތަފާތުކުރުން ގެންގުޅެފައިވާ ސަބަބެއް ސާފުކޮށްދެއްވުމަށް މި ޖަމްޢިއްޔާތަކުން ގޮވާލަމެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި، އަދި ވަކިން ޚާއްޞަކޮށް ޢާންމުންގެ ސަމާލުކަން ލިބުނު މިފަދަ ބޮޑެތި މައްސަލަތަކުގައި، ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރިއަށްގެންގޮސްފައިވާ ގޮތާމެދު ކަންބޮޑުވުންފާޅުކޮށް އިޞްލާޙުކުރަންޖެހޭކަމަށް ފެންނަ ކަންކަން މި ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވާނެއެވެ. ވިކްޓިމް ސެންޓަރޑް އެޕްރޯޗަކުން މައްސަލަ ބެލުމަށާއި، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު އެހެންވެސް ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރެވޭ އަވަސްކަމާއެކު އެފަރާތްތަކުގެ މައްޗަށް ޤާނޫނު ހިންގުމަށާއި، އިމްޕިއުނިޓީ ހުއްޓުވުމަށާއި، ޖިންސީ ކުށަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި އެއްގޮތް އުޞޫލުން ޤާނޫނުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށާއި، އަނިޔާ ލިބޭ މީހާއަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މި ޖަމްޢިއްޔާތަކުން ގޮވާލާފައިވާނެއެވެ. އަދި އަނިޔާލިބޭ ފަރާތަށް އިންސާނިޔަތުކަން ބެހެއްޓުމާއި، އޭނާގެ އިންސާނީ ކަރާމާތަށް އިހުތިރާމު ހިފެހެއްޓިގެންވާ ގޮތަށް ކަންކުރުމަކީ ފުލުހުންގެ މުއައްސަސާގެ ޒިންމާއެއްކަމަށް މި ޖަމްއިއްޔާތަކުން ދެކެމެވެ.
މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެންމެ ބޮޑަށް އަމާޒުވާ ދަނޑިވަޅުގައި، މައްސަލައިގައި ހުރި ތަޙުޤީގުގެ މަޢުލޫމާތު ހާމަކުރުމުގެ ތެރޭގައި، ހުދޫދެއްނެތް މިންވަރަށް ހާމަކުރެވި، މައްސަލައިގައި ޝާމިލުވާ ފަރާތްތައް، ޚާއްސަކޮށް އަނިޔާލިބުނު ފަރާތުގެ ކަރާމަތަށް މުސްތަޤްބަލުގައި އުނިކަން އަންނާނެފަދަ ގޮތަކަށް ހަމަ މިފަދަ ކޮންމެ މައްސަލައެއްގައިވެސް ޢަމަލުކުރެވޭކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މިފަދަ މައްސަލަތައް ތަޙުޤީގުކުރުމުގެ މަރުހަލާގައާއި ތަޙުޤީގުގެ މަޢުލޫމާތު އާންމުންނަށް ހާމަކުރަމުންދާއިރު، ހަރުދަނާ އުސޫލަކުން ކުރިއަށްގެންދިޔުމަށް މި ޖަމްޢިއްޔާތަކުން ގޮވާލަމެވެ.
މި ސިޓީގައި ފާހަގަކުރެވިފައިވާ ކަންކަމަކީ، ޖިންސީ ކުށުގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިޞްލާޙު ތަންފީޛުކުރުމުގައި ޢަމަލުކުރެވެންޖެހޭނެ ކަންކަމަށްވާއިރު، މި ދެންނެވި އިޞްލާޙަށް ޢަމަލުކުރުމުގައި ފުލުހުންގެ ޚިދުމަތުން ޢަމަލުކުރާ މިންގަނޑުތައް ހިމެނޭ އުޞޫލު ނުވަތަ އެސް.އޯ.ޕީ މިހާރު އޮންނަންވާނީ އެކުލަވާލެވިފައި، ނަމަވެސް މި މައްސަލައިގައި މިހާތަނަށް ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އެ އިޞްލާޙުގެ ދަށުން ޞިއްޙީ ވުޒާރާއިން ހަދަންޖެހޭ އުޞޫލާއި، އެ އިޞްލާހަށް ފުލުހުންގެ ޚިދުމަތުން ޢަމަލުކުރުމުގައި ހަދަންޖެހޭ އުޞޫލުތައް ހެދި، މުވައްޒަފުން ތަމްރީންކުރެވިފައިވާކަމާމެދު ސުވާލު އުފެދޭ ކަމާއި، މި ދެންނެވި އުޞޫލުތައް ހެދިފައިވޭތޯ އާއި ޖިންސީ ކުށުގެ ޤާނޫނުގެ 1 ވަނަ އިޞްލާޙު ތަންފީޛުކުރެވިފައިވާ މިންވަރާއި، ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުން މިކަމަށް ތަމްރީންކުރެވިފައިވާ މިންވަރު ސާފުކޮށްދެއްވުމަށް މި ޖަމްޢިއްޔާތަކުން އެދެމެވެ.
![NGO logos Maldives uthema Joint Press Statement of CSOs [logos]](https://uthema.org/wp-content/uploads/NGO-logos-Maldives-uthema.png)