

![logos Joint Press Statement of CSOs [logos]](https://uthema.org/wp-content/uploads/logos.png)
18 އޭޕްރިލް 2025 ގައި މާލޭގައި ހިނގައިދިޔަ ސީރިޔަސް ހާދިސާގެ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި ގާނޫނު ނެގެހެއްޓުމާއި އިންސާފަށް ވާސިލުވުމަށްޓަކައި ހާމަކަންބޮޑުކަމާއި ކަނޑައެޅި ބަޔާންވެގެންވާ އިޖުރާއަތްތަކުގައި ހިފެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލައި، މަދަނީ ޖަމްއިއްޔާތަކުން ގުޅިގެން ނެރޭ ނޫސްބަޔާން.
26 އޭޕްރިލް 2025
18 އޭޕްރިލް 2025 ގައި ހިނގައިދިޔަ، 21 އަހަރުގެ އަންހެންމީހާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާދިސާގެ ތަހުގީގުތަކާއި ގުޅޭގޮތުން ފުލުހުންގެ އަމަލުތަކާއި މެދު ތިރީގައި ބަޔާންކޮށްފައިވާ ޖަމްއިއްޔާތަކުން ނުހަނު ބޮޑު ކަންބޮޑުވުންތައް ފައުޅުކުރަމެވެ. މި އުނދަގޫ ދަނޑިވަޅުގައި މިޖަމްއިއްޔާތަކުގެ އެދުމަކީ އަނިޔާ ލިބުނު މީހާއަށް އަވަސް އަދި ފުރިހަމަ ޝިފާއެކެވެ. އަނިޔާ ލިބުނު މީހާއާއި އޭނާގެ އާއިލާއާއި ރަހުމަތްތެރިން އަދި އާންމު ރައްޔިތުން އިންސާފަށާއި ދައުލަތް ޖަވާބުދާރީވުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް މިޖަމްއިއްޔާތަކުން ތާއީދުކޮށް، އެންމެހައި ތަހުގީގީ އިދާރާތަކާއި ނޫސްވެރިންނާއި އާންމުންގެ ފަރާތުން އަނިޔާ ލިބުނު މީހާއާއި އޭނާގެ އާއިލާގެ ޒާތީ ކަންތައްތަކާއި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރަމެވެ.
ކަންބޮޑުވުންހުރި މައިގަނޑު ކަންތައްތައް:
- މައްސަލައާބެހޭ މައުލޫމާތު ހިއްސާކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަމަލުތައް ހުރިގޮތުން، އަނިޔާ ލިބުނު މީހާގެ މައްސަލައެއްކަމަށް ދޭހަވާފަދަ ބަހުރުވަ ބޭނުންކުރުމާއި، ގާނޫނު ނރ. 2014/17 (ޖިންސީ ކުށުގެ ގާނޫނު) ގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފުވުން: މިހާދިސާއާއި ގުޅޭގޮތުން ނޫސްވެރިންނަށް 22 އެޕްރިލް 2025 ގައި ފުރަތަމަ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި, މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައްސަލައިގައި ހިމެނޭ އެހެން މީހުންނާއި ތަންތަނާއި ބެހޭ މައުލޫމާތު ހާމަނުކޮށް ވަންހަނާ ކުރުވުނު އިރު އަނިޔާ ލިބުނު މީހާގެ ޒާތީ މައުލޫމާތު ހާމަކުރެވިފައިވުމަކީ މިޖަމްއިއްޔާތަކުން ކަންބޮޑުވާ ކަމެކެވެ. އަދި ހަމަ އެފަދައިން 24 އޭޕްރިލް 2025 ގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ބޭއްވި ނޫސް ކޮންފަރެންސްގައި އާންމުކޮށްފައިވާ ސީ.ސީ.ޓީ.ވީ ރެކޯޑިންގެ ސަބަބުން މައްސަލައަށް ނޭދެވޭ ސަމާލުކަން ގެނުވާ, އޭގެ ސަބަބުން އަނިޔާ ލިބުނު މީހާގެ މައްޗަށް ޒިންމާ އެޅުވުމަށް ފުރުސަތު ހުޅުވުމާއި، ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ، އަންހެނުންނަށް ކުރާ އަނިޔާގެ ޝިކާރަވެރިންނާއި މެދު ދެކެވޭ ނޭދެވޭ ނަޒަރިއްޔާތާއި ވިސްނުންތަކަށް ބާރު އަޅައެވެ. ރާާއްޖެފަދަ މަސްތުވާ ތަކެތީގެ މައްސަލަ ބޮޑު އަދި ވަކި ޖިންސަކަށް އަމާޒުކުރެވިގެން ކުރެވޭ އަނިޔާތަކުގެ މައްސަލަ ބޮޑު މުޖުތަމައުއެއްގައި, ފުލުހުންގެ މިފަދަ އަމަލުތަކުގެ ސަބަބުން މިފަދަ ކަންކަން ތަހައްމަލުކުރަމުންދާ ފަރާތްތަކުން އެހީ ހޯދުމަށް އެޅޭ ހުރަހަކަށްވެގެން ދިޔުމަކީ މިޖަމްއިއްޔާތަކުން ކަންބޮޑުވާ ކަމެކެވެ.
- ޖިންސީ ގޯނާ ލިބިފައިވޭތޯ ބަލާ ޓެސްޓުކުރުން ފުލުހުންގެ ފަރާތުން ލަސްވުން: އާއިލާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ ޕްރޮޓެކްޝަން ޔުނިޓުގެ ފަރާތުން ބަހެއް ނުލިބުމުންކަމަށް ބުނެ، ގާނޫނީ ގޮތުން ލާޒިމުކުރާ ޖިންސީ ގޯނާ ލިބިފައިވޭތޯ ބަލާ ޓެސްޓުކުރުން ވަނީ އެންމެ ހާދިސާގެ އެންމެ ފުރަތަމަ މަރުހަލާގައި ނުކުރެވި ދޫކޮށްލެވިފައެވެ. މި ޓެސްޓަކީ އަނިޔާ ލިބުމުގެ އެންމެ ފުރަތަމަ 72 ގަޑިއިރުގެތެރޭގައި ނުހެދިއްޖެ ނަމަ އެ ޓެސްޓުގެ ބޭނުން ކެނޑޭ ކަމަކަށް ވީ ނަމަވެސް، ފުލުހުން އެ ޓެސްޓު ހެދުމަށް އާއިލާއަށް ގުޅާފައިވަނީ އަނިޔާ ލިބުނުތާ ފަސް ދުވަސް ފަހުންނެވެ.
- ޖަވާބުދާރީ ނުކުރެވުމާއި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ގާނޫނު ނުހިންގުން: އެތައް ބައިވަރު އެހެން މައްސަލަތަކެކޭ އެއްފަދައިން، ޖަވާބުދާރީ ނުކުރެވުމާއި ސިޔާސީގޮތުންނާއި އެހެނިހެން ގޮތްގޮތުން ބާރުގަދަ މީހުން އެދޭ ފަރާތްތަކުގެ މައްޗަށް ގާނޫނު ނުހިންގުން އާއްމުވެފައިވުމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމާއި މެދު އާއްމު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިންވަރު މިމައްސަލައިން ދޭހަކޮށްދެއެވެ. މީގެ އިތުރުން، ތަހުގީގީ އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ މައްޗަށް އިތުބާރު ކުރެވޭ މިންވަރާއި އެފަރާތްތަކުގެ މިނިވަންކަމާމެދު ސުވާލު އުފެދެއެވެ. އަދި ތަހުގީގުގެ ތަފާތު މަރުހަލާތަކުގައި ސިޔާސީ އަދި އިޖުތިމާއީގޮތުން ހާއްސަ ގުޅުންތައް އޮންނަ ފަރާތްތަކާމެދު ހާއްސަ އުސޫލަކުން އަމަލުކުރާކަމީ ގާނޫނީ ވެރިކަން ބަލިކަށިކޮށް، ހަމަހަމަކަން ގެއްލުވާލާ ކަންތައްތަކެވެ.
ފާހަގަކުރެވުނު ނުކުތާތަކަށް ބިނާކޮށް މި ޖަމްއިއއްޔާތަކުން މި ގޮވާލަނީ:
- މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަށީގެންވާ އަވަސް މިނެއްގައި މިމައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް، ވަކިފަރާތަކަށް ބުރަ ނުވެ، ލަސްނުކޮށް، ކުށުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމާއި އެކު, މައްސަލައިގައި ދައުވާ އުފުލުމާއި ޝަރުއީ މަރުހަލާތަކުގައި އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި ތަހުގީގު އެންމެހައި މަރުހަލާއެއްގައި ހޯދާ ހެއްކާއި ގަރީނާއަކީ ގާނޫނީ އެންމެހައި އިޖުރާއަތްތަކާ އެއްގޮތަށް ބަލަހައްޓާ، ރައްކާތެރިކުރެވޭ ތަކެތިކަން ކަށަވަރުކުރުން·
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތަހުގީގެ އެންމެހައި ކަންތައްތައް ކުރިއަށް ދަނީ ތެދުވެރިކަމާއި ޕްރޮފެޝަނަލް ގޮތަކަށް ކަން ކަށަވަރުކޮށް، ތަހުގީގަށް ހޯދޭ އެންމެހައި ހެއްކާއި ގަރީނާއާއި ހެކިވެރިންގެ ރައްކާތެރިކަން ކަށަވަރުކުރަންވާނެއެވެ. އަދި އެފަދަ ހެއްކާއި ގަރީނާއަކީ އިޖުރާއަތްތަކާ އެއްގޮތަށް ކޯޓުތަކަށް ހުށަހެޅޭ ތަކެތިކަމުގައި ޔަގީންކުރުން.
- ނޫސްވެރިންނާއި، މީޑިއާ އައުޓްލެޓްތަކާއި ނޫސްވެރިކަން ރެގިއުލޭޓްކުރާ މުއައްސަސާތަކުން މައުލޫމާތު ހާމަކުރުމުގައި އަނިޔާ ލިބުނު ފަރާތާއި އޭނާގެ އާއިލާގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާއި އެމީހުންގެ އިންސާނީ ކަރާމާތަށް އިހުތިރާމްކުރުމާއި. އަދި ހިނގަމުންދާ ތަހުގީގުތަކުގެ ސައްހަމަށް އެއްވެސް ހުރަހެއް ނޭޅޭގޮތަށް، ޒިންމާދާރު ނޫސްވެރިކަމުގެ މިންގަނޑުތައް ދަމަހައްޓާ, އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެކަށީގެންވާ މިންވަރުގެ މައުލޫމާތު ތެދުވެރިކަމާއެކު ހާމަކުރުމާއި ނޫސްވެރިކަމުގެ ތެދުވެރި އަހުލާގާ ސުލޫކީ މިންގަނޑު ނޫސްވެރިން ދެމެހެއްޓުން
- މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްއިން ލަސްނުކޮށް އަނިޔާ ލިބޭ މީހުންނަށް ބޭނުންވާ ރައްކާތެރިކަމާއި، ގާނޫނީ، ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދީ، ޒުވާނުންނާއި އަންހެނުންނާއި އަނިޔާގެ ޝިކާރައަށްވާ މީހުން ރައްކާތެރިކުރުމަށްޓަކައި އިސްވެ ހަރަކާތްތެރިވެ، އެފަރާތްތަކަށް އިންސާފު ގާއިމުކުރުމުގައި އެހީތެރިވުން. މިގޮތުން މިހާރުން މިހާރަށް ގެންނަން ލަސްވެފައިވާ ބަދަލުތައް ގެނައުމާއި، އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ހަރުދަނާކުރުމާއި، ޒުވާނުންނާއި އަންހެނުން އަދި އެހީތެރިކަމަށްބޭނުންވާ އެހެނިހެން ފަރާތްތައް ރައްކާތެރިކުރުމަށް ދުރާލާ އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުން.
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އެއްވެސް ތަފާތުކުރުމެއްނެތި އެންމެންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުމަށް ކޮމިޝަނަށް އޮތް ގާނޫނީ ޒިންމާ އަދާކޮށް، އިންސާނީ ހައްގެއް ނިގުޅައިގަންނަ މައްސަލަތަކުގައި ދައުލަތުން އަމަލުކުރާ ގޮތް ގާތުން ބަލާ ފާރަވެރިވެ، މިފަދަ މައްސަލަތަށް ކުރިމަތިކުރުވުމަށް ތަންދޭ، ނިޒާމުގެތެރޭގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަމުގެ މައުލޫމާތު އާއްމުންނާއި ހަމައަށް ގެނެސްދިނުން. އަދި ކޮމިޝަންއަކީ މިނިވަން އަދި ކަންކަމުގައި އަޑުއުފުލާ ފާރަވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ގާނޫނުއަސާސީއިން ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އަނިޔާ ލިބޭ މީހުންނަށް އިންސާފު ކަށަވަރުކޮށް، އެއްވެސް މުއައްސަސާއަކީ ކޮމިޝަނުގެ ބަސް ނުފޯރާނޭ މުއައްސަސާއެއް ނޫންކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުން.
- މަޖިލިހުގެ 241 ކޮމިޓީއިން މިހާރު ކުރިއަށްދާ ތަހުގީގަކީ ހާމަކަންބޮޑު، ފުރިހަމަ ތަހުގީގެއްކަން ކަށަވަރުކުރުން. އަދި ތަހުގީގީ އިދާރާތަކުން ޖަވާބުދާރީވުން ލަސްވާ ހާލަތްތަކާއި ހެކި ރައްކާތެރިކުރުމުގައި ދިމާވާ މައްސަލަތައް ފާހަގަކުރުމާއި، ކޮމިޓީގެ ހޯދުންތައް އާއްމުންނާ ހިއްސާކުރުމަށް ޝާއިއުކުރުމާއި, މައްސަލައާއި ގުޅުންހުރި އެންމެހައި މުއައްސަސާތައް ތަހުގީގަށް ހާޒިރުކޮށް، ޖަވާބުދާރީކުރުން.
- ނޭޝަނަލަ އިންޓެގްރިޓީ ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން މި ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތައް ހިމެނޭގޮތަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ތުހުމަތުކުރެވޭ އެންމެހައި ކަންތައްތައް މިނިވަންކަމާއި އެކު ތަހުގީގުކޮށް, ތަހުގީގުގެ އެންމެހައި މަރުހަލާއެއްގައި ކަނޑައެޅި ބަޔާންވެފައިވާ އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ބަލާ, ފުލުހުން ތަހުގީގުކުރާ އެންމެހައި މައްސަލަތަކެއްގައިމެ، އެންމެ މަތީ ސުލޫކީ މިންގަނޑު ދަމަހައްޓައިފައިވޭތޯ ބަލާ, ކޮމިޝަންގެ ހޯދުންތައް އެކަށީގެންވާ އަވަސް މިނެއްގައި އާންމުކުރުން.
- މީގެ އިތުރުން، އަނިޔާ ލިބޭ މީހުންގެ ބޮލުގައި ޒިންމާ އެޅުވުމާއި ވަކި ޖިންސެއްގެ މީހަކަށް ވީތީ އެމީހުންނާމެދު ވަކި ނަޒަރަކުން ބެލުމަށް ޖާގަދޭފަދަ ގޮތްތަކަށް ވާހަކަ ނުބެހެއްޓުމަށް އެންމެހައި މުއައްސަސާތަކާއި، ނޫސްވެރިންނާއި، ސިޔާސީ ފަރާތްތަކާއި އަދި އާންމުންނަށް މި ޖަމްޢިއްޔާތަކުން އިލްތިމާސްކުރަމެވެ. މިރާއްޖޭގައި އެތައް ޒަމާނަކަށް ދެމިއޮތް އިޖުތިމާއީ މައްސަލަތަކަކީ އޭގެ ސަބަބުން ޒުވާނުންނަށް ކުރިމަތިވާ ދަތިތައް އިތުރަށް ގޯސްކުރާ މައްސަލަތަކެކެވެ. ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ކަރާމާތައް ގެއްލުންވާގޮތަށް ކަންކުރުމާއި އެފަދަ މީހުންނަށް ލިބިދޭންޖެހޭ ޚިދުމަތްތަށް ފޯރުކޮށް ނުދެވުމުގެ މައްސަލަތަކަކީ ރާއްޖޭގެ ދައުލަތްހިންގުމުގެ ނިޒާމާއި ސިޔާސީ ނުކުޅެދުންތަކުގެ ސަބަބުން ދިމާވަމުންދާ ކަންތައްކަން އެންމެންވެސް ބަލައިގަންނަންޖެހެއެެވެ.
މިފަދަ މައްސަލަތަކުގައި ގާނޫނު ނެގެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކުން ތަކުރާރުކޮށް ނުކުޅެދިފައިވާކަމުން، އެފަދަ މުއައްސަސާތަކަށް ރައްޔިތުން ޓެކުހުގެ ގޮތުގައި ހަރަދުކުރާ ފައިސާ ބޭނުންކުރާ ގޮތާ މެދު އާއްމުން އުފައްދާ ސުވާލުތައް ދަނީ ގިނަވަމުންނެވެ. އަދި މެދުކެނޑުމެއްނެތި ޒުވާނުން ކުރަމުންދާ އިހުތިޖާޖުތަކުގައި އަޑުއުފުލާ ކަންބޮޑުވުންތަކުގެތެރޭގައި ހިމެނޭ ތަހުގީގު ލަސްވުމާއި، ނުފޫޒުވެރި، ބާރުގަދަ އަދި ފައިސާވެރި އާއިލާތަކާ ގުޅުންހުރި މީހުންގެ މައްސަލަތައް ފޮރުވާކަމުގެ ތުހުމަތުތައް ފެންމަތިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އިންސާފު ގެއްލި، ރާއްޖޭގެ ޤާނޫނާ އަދި ބައިނަލްއަގުވާމީ ގާނޫނާ ހިލާފުވުމަށް ފުރުސަތު ހުޅުވޭ ކަމުގެ ތުހުމަތުތަކަކީ އޭގެ ފަހަތުގައި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުނެތަކެއް ހިމެނޭ ތުހުމަތުތަކެކެވެ. އަދި މި ކަންކަމަކީ ހަމައެކަނި މިހާރު ކުރިއަށްދާ މައްސަލައަށް އެކަނި ހުރި ކަންބޮޑުވުން ނޫންކަމާއި މިފަދަ މައްސަލަތަކުން ރައްޔިތުންނަށް ފެނިގެން މިދަނީ ވަކި ބައެއްގެ މައްޗަށް ގާނޫނު ނުހިންގުމުގެ ނުފޫޒު ފެތުރި، އެބަޔަކަށް ހާއްސަ އުސޫލަކުން އަމަލުކޮށް، ވަކިބަޔަކަށް އިންސާފު ގާއިމުކުރުމުގެ ސަގާފަތެއް އުފެދިފައިވާ ކަމެވެ. އަދި އޭގެ ސަބަބުން އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމްކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކާއި މެދު ރައްޔިތުންގެ އިތުބާރު ދަނީ ގެއްލެމުންނެވެ. ގާނޫނު ނެގެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކުން ރައްޔިތުންގެ ފައިސާ ބޭނުންކުރާ ގޮތަކީ ބަލައިގަނެވޭނޭ ގޮތަކަށް ކުރާކަމެއްކަން ކަށަވަރުކުރުމަށްޓަކައި މުއައްސަސާތަކުގެ މަސައްކަތް މުރާޖާކޮށް ހުޅުވާލެވިގެންވާ އަދި ހާމަކަންބޮޑު ގޮތަކަށް ކުރިއަށް ގެންދިޔުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ގާނޫނުގެ ކުރިމަތީގައި އެންމެންގެ ހަމަހަމަކަން ކަށަވަރުކުރުމަށް އެންމެހައި މުއައްސަސާތަކަށް މި ޖަމްޢިއްޔާތަކުން ގޮވާލަމެވެ.
ނިމުނީ.
![logos Joint Press Statement of CSOs [logos]](https://uthema.org/wp-content/uploads/logos.png)