ނޫސް ބަޔާން
23 ޖޫން 2020

އުތެމަ ޖަމްއިއްޔާއާއި ގުޅޭގޮތުން ފަތުރަމުންދާ ޙަޤީގަތާ ޚިލާފު ވާހަކަތަކާއި ދޭތެރޭ ކަންބޮޑުވުން


އިންސާނީ ޙައްޤުތަކަށް އަދު ދިވެހިރާއްޖޭގައި އަޑުއުފުލުމަކީ ނުރައްކާތެރި ކަމަކަށް ހަދަން ބަޔަކު މަސައްކަތް ކުރާކުރުން އުތެމަ ޖަމްޢިއްޔާއިން ކުށްވެރި ކުރަމެވެ. ރާއްޖޭގެ ނޫސް ތަކާއި މީސްމީޑިއާއަކީ ޙަޤީޤަތާ ޚިލާފު ވާހަކަ އުފައްދާ ވަކި ބަޔަކަށް ޝިކާރަކޮށް، ލޭބަލްކޮށް، ފުރައްސާރަކޮށް، ބިރުދައްކާ، ގޯނާ ކުރުމަށް އޮތް ވަސީލަތަކަށް ހެދުމުގެ ފުރުސަތު ނުދިނުމަށް ރާއްޖޭގެ ނޫސްވެރިންނަށާއި, ނޫސްވެރިކަމުގެ ފެންވަރު ހިފެހެއްޓުމަށް އުފައްދާފައިވާ މުއައްސަސާތަކަށް މިޖަމްއިއްޔާއިން ގޮވާލަމެވެ. އަދި ރާއްޖޭގައި އިޖްތިމާއީ ގޮތުން ސާދާ ހަމަތަކެއް ހިފެހެއްޓުމަށާއި، ވިޔާނުދާ ޢަމަލުތަކަށް ފުރުޞަތު ނުދިނުމަކީ ރައްޔިތުންގެ ފަރުދީ ޒިއްމާއެއްކަމުގައި މިޖަމްޢިއްޔާއިން ދެކެމެވެ. އަދި ސިޔާސީ މަންފާއެއް ހޯދުމަށް އެއްބައެއް އަނެއްބަޔަކާ ފޮށި ފުރައްސާރަކޮށް ބޭއިހުތިރާމު ކުރުމަކީ ދިވެހިންގެ ތެރޭގައި އާންމު އުސޫލަކަށް ނުހެދުމަށް ވެސް މި ޖަމްޢިއްޔާއިން ގޮވާލަމެވެ.

ރާއްޖޭގައި އަދު އަންހެނުންނަށާއި ތުއްތުކުދިންނަށްވެސް ދިރިއުޅުމުގައި ތަފާތު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެއީ މުޅި މުޖުތަމައު ދަންނަ ޙަޤީގަތެކެވެ. އަދި އެތައް ބަޔަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ނުތަނަވަސްކަމާއި، ބިރުވެރިކަމަކާއި ނުރައްކާތައް ކުރިމަތިވެފައިވާކަން އިޖްތިމާއީ ދިރާސާތަކާއި ތަފާސްހިސާބުން ދަލީލުކޮށްދެއެވެ. އަދި ރާއްޖެއަކީ ބައިނަލް އަޤުވާމީ މުޖުތަމައުގައި ހިމެނޭ ޤައުމަކަށްވެ، އެމުޖުތަމައުގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ބައިވެރިވެ ސޮއިކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ މުއާހަދާ ތަކުގައި ފުރިހަމައަށް ބައިވެރިވުމުގެ ޒިންމާ ވެސް އޮތް ޤައުމެކެވެ.

އެގޮތުން، ރާއްޖޭގެ މަދަނީ ޖަމްޢިއްޔާއެއްގެ ހައިސިއްޔަތުން އުތެމަ ޖަމްޢިއްޔާއިންވެސް ދަނީ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި، މަސައްކަތް ކުރަމުންނެވެ. މި ޖަމްޢިއްޔާ އިން ދެކޭ ގޮތުގައި މަދަނީ ޖަމްއިއްޔާތަކުން ކުރާ މިބާވަތުގެ މަސައްކަތްތަކަކީ ކޮންމެ ޤައުމެއްގައިވެސް މުޖުތަމައުގެ ދުޅަހެއުކަމާއި ކުރިއެރުމަށް ކުރެވޭ ފައިދާހުރި މަސައްކަތްތަކެކެވެ.

ރާއްޖޭގެ އެތައް ނިކަމެތި ޢާއިލާތަކަށާއި، އިޖުތިމާއީ ޙާލަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ މަޢުލޫމާތު ސާފުކޮށް ހެކިތަކާއި ތަފާސްހިސާބުގެ އަލީގައި ޢިލްމީ ދިރާސާތައް އެކުލަވާލުމަކީ ރާއްޖޭގެ ޙާލަތު ޙަޤީގަތުގައިވެސް އޮތްގޮތް ވަޒަންކުރުމަށް ތަފާތު އެކި ފަރާތްތަކަކުން ކުރަންޖެހޭ ކަމެއްކަމުގައި މި ޖަމްއިއްޔާއިން ދެކެމެވެ. އެހެންކަމުން އަންހެނުންނާމެދު ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ އދ ގެ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ) އަށް ހުށަހެޅުމަށް މި ޖަމްޢިއްޔާއިން ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ދައުލަތުން އެ މުއާހަދާއާބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓަށް ރައްދު ދިނުމުގެ ގޮތުން ވަރަށް މުހިންމު ކަންކަމާއި މަޢުލޫމާތުދިރާސާކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

އެރިޕޯޓު އެކުލަވާލާފައިވާނީ ދައުލަތުގެ އެކި މުއައްސަސާ ތަކުން މަޢުއުލޫމާތު ހޯދާ ލިބިގެންނެވެ. އަދި އެރިޕޯޓަކީ ރާއްޖޭގެ ބައެއް ރަށްރަށަށް ދަތުރުކޮށް، ދިވެހިންނާ ބައްދަލުކޮށް ރާއްޖޭގެ މަސައްކަތްތެރި ބައެއް އަންހެނުންނާއި ސީދާ މުއާމަލާތުކޮށް އެމީހުންގެ ދިރިއުޅުމުގެ ތަޖުރިބާއާއި ގޮންޖެހުންތައް ގާތުންފެނި، ދެނެގަތުމަށްފަހު ތައްޔާރުކުރެވިފައިވާ ރިޕޯޓެކެވެ. މިފަދަ މަސައްކަތަކީ ކުޑަކަމެއްނޫންކަން ފާހަގަކުރަމެވެ. އަދި އެފަދަ ރިޕޯޓުތައް މިނިވަންކަމާއެކު ތައްޔާރުކުރުމުގެ ފުރުސަތު މަދަނީ މުޖުތަމައުއަށް ފަހިވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ވެސް މި ޖަމްއިއްޔާއިން ދެކެމެވެ.

އެހެން ކަމުން، މިޖަމްޢިއްޔާއިން އެޕްރިލް 2020 ގައި ތައްޔާރުކޮށް، ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓަކީ ސައްޙަ މަޢުލޫމާތު ހިމެނޭ ރިޕޯޓަކަށް ވާއިރު، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތައް ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރުމަކީ ރާއްޖޭގެ ހީނަރުވެފައިވާ އިޖްތިމާއީ ހާލަތުން އަރައިގަތުމަށް ހުރަސްއެޅުމަށް ކުރާކަމެއް ކަމުގައި ދެކެމެވެ. އަދި މިފަދަ އަމަލުތަކުން ރާއްޖެއަށް ލިބޭނީ ގެއްލުންކަންވެސް ހިތާމައާއި އެކު ފާހަގަކުރަމެވެ. އޭގެ ބަދަލުގައި ރާއްޖޭގައި ކުޑަކުދިންނަށާއި އަންހެނުންގެ ރައްކާތެރިކަމަށް އައިސްފައިވާ ހީނަރުކަމާއި ގޮންޖެހުންތަކުން އަރައިގަނެ ދުޅަހެއު މުޖުތަމައެއް ބިނާކުރުމަށް މިފަދަ ދިރާސީ މަސައްކަތުގެ އަގުވަޒަންކޮށް، އޭގެ އަލީގާ އެންމެހާ ފަރާތްތަކުންވެސް ހެއުނިޔަތުގައި މަސައްކަތްކުރުމަކީ ކުރަންޖެހިފައިވާ އެންމެ މުހިންމުކަންތަކެވެ. އަދި މިމަސައްކަތުގައި ރާއްޖޭގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން މަދަނީ މުޖުތަމައަށް ދިނުމަކީ މުޅިމުޖުތަމައުގެ ދުޅަހެއުކަން ޤާއިމުކުރުމަށް ކޮންމެފަރުދަކަށް ވެސް ކުރެވިދާނޭ ކަމެއްކަމަށް މިޖަމްޢިއްޔާއިން ދެކެމެވެ. ރާއްޖޭގެ އިޖްތިމާއީ ހާލަތު ވެއްޓިފައިވާހާލަތުން އަރައިގަތުމަށް ޙަޤީގަތާއިގުޅިފައިވާ ސައްޙަ މަޢުލޫމާތުގެ އަލީގައި މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.

މި ޖަމްޢިއްޔާއިން ތައްޔާރުކޮށް ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓާމެދު އެއްވެސް ބެލުމެއްނެތި ޙަޤީގަތާޚިލާފު އެކިބާވަތުގެ ވާހަކަތައް ފަތުރަމުންދާއިރު، އެރިޕޯޓުގައިވާ ކަންކަން ރައްޔިތުން ސާފުކުރުން އެންމެ އައުލާކަން ބޮޑު ގޮތަކީ އެރިޕޯޓު އެންމެހާ ފަރާތްތަކުން ކިޔުން ކަމުގައި މިޖަމްޢިއްޔާއިން ދެކެމެވެ. މި ޖަމްއިއްޔާގެ މަސައްކަތާއި މަގްސަދު ސިޔާސީ އޮއިވަރެއްގައި ކުޑައިމީސްކުރުމަށް އަދު ރާއްޖޭގެ ހާލަތު ތަންނުދޭކަން މި ޖަމްއިއްޔާއިން ގަބޫލުކުރަމެވެ. އަދި ރިޕޯޓުގައިވާ މައުލޫމާތު ސާފުނުވާ ފަރާތްތަކާއި މިޖަމްއިއްޔާއާއި އެކު މަޝްވަރާ ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ޖަމްޢިއްޔާތަކާއިބެހޭ ކަންކަން ބަލަހައްޓާ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓަށް މިޖަމްއިއްޔާއިން މި ފުރުސަތުގައި އެދެމެވެ. އުތެމަ ޖަމްއިއްޔާއަކީ ރާއްޖޭގެ އިޖްތިމާއީ ހާލަތު ދިރާސާކޮށް ދެނެގަނެ ސައްހަ މަޢުލޫމާތާއި ޙަޤީގަތުގެ އަލީގައި އަދަށް ވުރެ ފަހި މާދަމައެއް ރާއްޖޭގެ އަންހެނުންނަށާއި ކުޑަކުދިންނަށާއި ޢާއިލާތަކަށް ހޯދުމަށް ފެށުނީއްސުރެ މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަން އެންމެހައި ފަރާތްތަކަށް ހަނދުމަކޮށް އަރުވަމެވެ.


ނިމުނީ

Do NOT follow this link or you will be banned from the site!