ނޫސްބަޔާން – 28 ޖަނަވަރީ 2020
ކުޑަކުދިންނާއި އަންހެނުންނަށް ކުރާޖިންސީ އަނިޔާގެ ރިޕޯޓުތަކާއި ގުޅޭ ކަންބޮޑުވުންތައް


ރާއްޖޭގައި މީގެ އެތައްއަހަރެއް ކުރިންވެސް އަންހެނުންނާއި ކުޑަކުދީންނަކީ އެމީހުންގެ އާއިލާގެ ތެރޭގައި އަދި ބޭރުގައިވެސް، ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ފުރައްސާރަތަކާއި އަނިޔާލިބި އެކަމުގެ ނޭދެވޭ އަސަރުތައް ތަހައްމަލް ކުރަމުންދާ ބައެއްކަން ދިވެހި މުޖުތަމައު ދަނެއެވެ. އަދި މި މައްސަލައަކީ ކަމާގުޅޭ ފަންނީ ދިރާސާތަކާއި ތަފާސް ހިސާބުންވެސް ވަރަށް ސާފުކޮށް އެނގި ސާބިތުވެފައިވާ ބޮޑު އިޖްތިމާއީ އަދި ސިއްޙީ ޤައުމީ މައްސަލައެކެވެ. 2007 ގައި ސަރުކާރުން ޝާޢިއުކޮށްފައިވާ އަންހެނުންގެ ސިއްހަތާއި ދިރިއުޅުމުގެ ތަޖުރިބާ ދެނެގަތުމުގެ ޤައުމީފެންވަރުގެ ދިރާސާ އިން ހާމަވެފައިވަނީ ރާއްޖޭގެ ކޮންމެ 3 އަންހެނަކުން 1 އަކީ ޖިންސީ އަދި ޖިސްމާނީ އަނިޔާގެ ޝިކާރައަކަށް ވާމީހެއްކަމެވެ. އަދި ކޮންމެ 5 އަންހެނަކުން 1 އަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން އެފަދަ އަނިޔާ ތަހައްމަލްކުރާ މީހެއްކަމަށްވާއިރު ކޮންމެ 8 އަންހެނަކުން 1 އަކީ އޭނާގެ އުމުރުން 15 އަހަރު ނުވަނީސް ޖިންސީއަނިޔާގެ ޝިކާރައަކަށްވެފައިވާ މީހެއްކަމެވެ.  މިއަދަދުތަކުން ހާމަވަނީ ރާއްޖޭގައި މިމައްސަލައޮތް މިންވަރުގެ ބޮޑުކަމެވެ.  އެހެންކަމުން މިކަންކަން ހުއްޓުވުމަށް ރާއްޖޭގައި މިހާރު ވަނީ އެތައް ޤާނޫނުތަކެއް ހެދި މުއައްސަސާ ތަކެއް އުފައްދާފައެވެ. މިފަދަ އަނިޔާތަށް ހުއްޓުވުމަށާއި އަނިޔާގެ ޝިކާރައަށްވާމީހުނަށް ޤާނޫނީ ފަރުވާ ހޯދުމަށްޓަކައި ތިރީގައިވާ ޤާނޫނުތައް މިހާރުވަނީ ހެދިފައެވެ.

1 – ޤާނޫނު ނަމްބަރު 2009/12 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު

2 – ޤާނުނު ނަމްބަރު 2012/03 ގެވެށި އަނިޔާހުއްޓުވުމުގެ ޤާނޫނު

3 – ޤާނޫނު ނަމްބަރު 2014/16 ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު

4 – ޤާނޫނު ނަމްބަރު 2014/17 ޖިންސީ ކުށުގެ ޤާނޫނު

5 – ޤާނޫނު ނަމްބަރު 2016/18 ޖެންޑަރ އިކުއަލިޓީގެ ޤާނޫނު

6 – ޤާނޫނު ނަމްބަރު 2019/19 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު

މަތީގައިވާ ޤާނޫނުތައް ވުޖޫދުގައި ވީނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ އަދަދު މަދުވެގެން މަހެއްގެ މައްޗަށް 20 ނުވަތަ 30 އާހަމައަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ޕްރޮޓެކްޝަން ސަރވިސަސް އަށް ރިޕޯޓު ކުރެވެއެވެ. މިހެންމިކަން އޮތްއިރު 15 ޖެނުވަރީ 2020 ގައި ގ.އ. ކަނޑުހުޅުދޫ ގައި 2 އަހަރު ނުވާ ތުއްތު ކުއްޖަކަށް އެކުއްޖާގެ ބައްޕަ، ކާފަ، އަދި މުނިކާފަގެ ފަރާތުން ޖިންސީ އަނިޔާ އެތައްފަހަރަކު ކުރިމައްސަލަ މީޑިޔާތަކުން ހާމަކޮށް މުޅި މުޖުތަމައުގެ ސަމާލުކަން ހޯދިއެވެ.

ސުވާލަކީ ގ.އ. ކަނޑުހުޅުދޫގައި މިފަދަ ކަންކަން ހިނގަނީ ކީއްވެހެއްޔެވެ؟ ރިޕޯޓުތަކުން ހާމަވަނީ މިރަށުގެ މި ކާފައާއި މުނިކާފައާއި ގުޅޭގޮތުން މިފަދަމައްސަލަތައް މީގެ ކުރިންވެސް މުއައްސަސާތަކަށް ހުށަހެޅިފައިވާކަމާއި، ނަމަވެސް އެކިސަބަބުތަކާހުރެ މުޖުތަމައުއަށް އަދިވެސް އެމީހުން ދޫކޮށްލާފައި ތިބީ ކަމެވެ. އެކިފަހަރުމަތިން މި މުނިކާފަ އޭނާ ދިރިއުޅޭ ހިސާބުގަނޑުގެ ކުޑަކުދީންނަށް ފުރައްސާރަކުރާ ވިޑިއޯ ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާ ބަޔާންވެސް ނެގިފައިވާއިރު، އޭނާ ކުރަމުންދިޔަ ކުށަކީ ކުށްކަމުގައިނުބެލެވި، ކުށް ސާބިތުނުކުރެވި މުޖުތަމައުގައި އޭނާވަނީ އެކަން ތަކުރާރުކުރުމަށް ދޫކުރެވިފައެވެ.  ދެންއިވިގެން ދިޔައީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ޤާޒީއާއި ދޭތެރޭ ކުރެވޭ ޖިންސީފުރައްސާރައާއި ސުލޫކީ އެކިމައްސަލައިގެ ތުހުމަތުތަކުގެ ވާހަކައެވެ. އަދި އެރަށުގެ ކައުންސިލަށް މިފަދަކަންކަން ރަށުގައި ހިނގަމުންދާކަމުގެ މައުލޫމާތު އެނގިފައިވާކަމާއި، ނަމަވެސް “ރަސްމީ” ކޮށް އެފަރާތައް މައްސަލަ ހުށަހެޅިފައި ނުވާތީ ކައުންސިލުގެ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދުނު ވާހަކައެވެ. ކަނޑުހުޅުދޫ ގައި އިޖްތިމާއީ ރައްކާތެރިކަން ޤާއިމުކުރުމަށް ހުރި އެންމެހާ މުއައްސަސާތަކުގެ އިހުމާލު މިމައްސަލައިގެ ތެރެއިން ފެންމަތިވިއެވެ. މި ނިޒާމީ އިހުމާލުގެ ސަބަބުން އެރަށުގެ ކުޑަކުދިން ޖިންސީގޯނާކުރާ މީހުންގެ ނުރައްކަލަށް އިތުރަށް ހުށަހެޅި، މުއައްސަސާތަކާއިދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލި، މި ކުޑަ ރަށުގައި ކުޑަކުދިން ބިރުވެރިކަންމަތީ ދިރިއުޅެމުންދާން ޖެހިފައިވާކަން ނޫސްތަކުން ހާމަވިއެވެ. ރަށުގެ ރައްޔިތުންގެ، ޚާއްސަކޮށް ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނުތަކުން މުއައްސަސާތަކަށް ލާޒިމު ކުރެވިފައި ވީނަމަވެސް މި މުއައްސަސާތަށްވަނީ ޤާނޫނު ތަންފީޒުކުރުމަށް ނުކުޅެދިފައެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރެއް 2007 އިން ފެށިގެން ޤާއިމްވެފައި ވީނަމަވެސް މިއަދާ ހަމައަށްވެސް މިސެންޓަރު ތަކުގައި އެކަށީގެންވާވަރަށް ކޭސް ވާކަރުންނެއް ނެތެވެ. ގ.އ. އަތޮޅުގައި ކޭސް ވާކަރެއްނެތްތާ 1 އަހަރު ވެއްޖެކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިކަން މިހެންއޮތް ސަބަބަކީ މިނިސްޓްރީއިން މުވައްޒަފުން ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާތީކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިފަދަ އެހެން ސެންޓަރު ތަކުގައިވެސް، އަތޮޅުގެ އެހެންރަށްތަކުގައި ހިނގާކަންކަން ބެލުމަށް ދަތުރުކުރުކުރުމާއި ޚިދުމަތްފޯރުކުރަން އެކަށީގެންވާ ބަޖެޓާއި އިންސާނީ އަދި އެހެނިހެން ވަސީލަތްތަކެއް ހަމަޖެހިފައެއް ނުވެއެވެ. މައްސަލަތަކަށް އިޖާބަދިނުމަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ އިންތިޒާމުތަކެއް ނެތެވެ.

2019 ވަނަ އަހަރުގެ ބަޖެޓުގައި 19 ސެންޓަރު ހިންގުމަށް ކަނޑައެޅިފައިވަނީ 21،497،202ރ އެވެ. މިއީ ކޮންމެ ސެންޓަރަކަށް މިލިޔަނެއްހާ ރުފިޔާއެވެ.  ފާހަގަކޮށްލެވޭ ކަމަކީ ބަޖެޓުފާސްކުރާ ރައްޔިތުންގެ މަޖިލިހުގެ ކޮންމެ މެމްބަރެއްގެ މުސާރައަކީވެސް އަހަރަކު މިލިއަނެއްހާ ރުފިޔާކަމެވެ. އަދި މީގެ އިތުރުން ސިއްޙީ އިންޝިއުރަންސާއި ރިޓަޔަމަންޓް ޕެންޝަންގެ އިނާޔަތްތަށް އެ އިއްޒަތްތެރި މެމްބަރުންނަށް އެމަޖިލިހުންވަނީ ހަމަޖައްސާފައެވެ.  ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރެއްގައި 2 ކޭސްވާކަރުން މުޅި އަތޮޅުގެ މައްސަލަތައް ބެލެހެއްޓުމަށް މަސައްކަތް ކުރަނީ މީހަކު ގާތްގަނޑަކަށް 60 މައްސަލައާއި ހަވާލުވެގެންނެވެ. ފާހަގަކުރަންޖެހެނީ މި މަސައްކަތަކީ 24 ގަޑިއިރުގެ މަސައްކަތެއް ކަމެވެ. އެމީހުންގެ އަސާސީ މުސާރައަކީ -/5000ރ އާއި -/6000ރ އެވެ. އަދި އެކި އެލަވަންސްތައް އެއްކޮށްލީމާ -/8000ރ އާއި އެންމެބޮޑުވެގެން -/12،000ރ އާއިދޭތެރޭގެ އަދަދަކަށް އަރައެވެ. މި މަސައްކަތްކުރަން މީހުން ޝައުގުވެރި ނުވަނީ މިއީ ބުރަމަސައްކަތަކަށް ވެފައި މަސައްކަތް ކުރެވޭނެ މާހައުލެއް ނެތްހިނދު، އެކަށީގެންވާ އުޖޫރަވެސް ނުލިބޭ ކަމަކަށްވާތީއެވެ. އަދި ގިނައާއިލާތަކެއްގެ ބޮޑެތި މައްސަލަތަކަކަށް އެދެވޭ ހައްލެއްހޯދުމަށް އެކަކު މަސައްކަތްކުރަންޖެހުމަކީ އެމީހެއްގެ ސިއްހަތާއި އާއިލީ ދުޅަހެއުކަމަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަކަށް ވާހިނދު، އެފަދަ މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ އަޅާލުމާއި ލުއިލިބޭނެ ކަންކަން ފަހިވެފައިނެތުމަކީ މުޅި ނިޒާމަށް އޭގެ ސަބަބުން ލިބިގެންދާ ހީނަރުކަމެކެވެ.

ދެންއޮތީ ޕޮލިހާއި ސިއްހީ ޚިދުމަތްތެރިން އަދި ކޯޓުތަކުންވެސް ޖިންސީ އަނިޔާއާއިމެދު ދެކޭގޮތުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކެވެ. ބައެއް މުއައްސަސާތަކުން ޖިންސީއަނިޔާކަމަށް ބަލަނީ ޖިމާއުވިކަން ސާބިތު ކުރެވުނީމައެވެ. މިކަމާގުޅިގެން ގިނަމައްސަލަތައް ޖިންސީއަނިޔާކަމަށް ނުބަލާތީ އަނިޔާކުރާމީހާ މުޖުތަމައުއަށްދޫވެ، މިފަދަ ކަންކަން އާންމުވެ، ޖިންސީފުރައްސާރުކުރުމާއި، ގޯނާކުރުމާއި އެކިއަނިޔާކުރުމަކީ ދިވެހި މުޖުތަމައުއަށް ދިމާވެފައިވާ ވަބާއަކަށް ވަނީ ވެފައެވެ.

ހާލަތު މިހެންއޮތްހިނދު، ރާއްޖޭގެ މީޑިއާތަކާއި މުއައްސަސާތައްވެސް މެދުވެރިކޮށް ކެނޑިނޭޅި ދެމުންދާ އެކިބާވަތްތަކުގެ “ދީނީދަރުސް” ގެނަމުގައި ދެކެވޭ ވާހަކަތަކުގައި ކުޑަކުދިންނާއި އަންހެނުންނަކީ ފިރިހެނުންނަށް ކިޔަމަންތެރިވާންޖެހޭ، ފިރިހެނުންގެ އެންމެހާ އަމުރުތަކާއި އެދުންތަކަށް އިޖާބަދީ، ފިރިހެނުންގެ އެންމެހާ ޖިންސީ އެދުންތައް ފުއްދުމަށް އަބަދު ތައްޔާރުވެ ތިބެންޖެހޭ ބައެއް ގޮތަށް އަންނަނީ ސިފަކުރަމުންނެވެ. އަދި އަންހެނުންނަށް ކުރާ ގެވެށިއަނިޔާގެ ކުށުގެއަމަލު ތަކަކީ ފިރިހެނުން ކުރުމަށް ހުއްދަކަންކަން ކަމާއި އެކަންކަން ސިއްރުކުރުމަށް ބާރުއަޅާ އަދި “ކެތްތެރި” ވާންޖެހޭ ކަމެއްކަމުގައި ނަސޭހަތްތެރިވެއެވެ. ގިނަފަހަރަށް މިކަމަކީ މިއަނިޔާ ތަހައްމަލު ކުރާމީހާ ނުވަތަ ކުއްޖާ ގެ ސަބަބުން ވާކަމެއްގެ ގޮތުގައި ސިފަކޮށް، އަނިޔާގެ ޝިކާރައަށްވާމީހާ ކުށްވެރި ކުރުމަކީވެސް ނިކަމެތިވާ މީހުނާއިދޭތެރޭ މުޅިމުޖުތަމައުން ވަމުންދާ ބޮޑު އިހުމާލެކެވެ.

މީގެ އިތުރުން ކުޑަކުދިންނަކީވެސް އުމުރާއި ހެދިބޮޑުވުމަށް ނުބަލާ ހަމައެކަނި ބާލިޣުވުމުން ކައިވެނިކޮށް ޖިންސީގުޅުން ހިންގޭނެ ބައެއްކަމަށް ވާހަކަ ފަތުރައެވެ. އަދި ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކުޑަކުދިން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ހެދިފައިވާ އެންމެހާ ސަލާމަތީ ކަންކަމަށް ފާޅުގައި ގޮންޖަހާ، ކުޑަކުދިންނާއި “ކައިވެނި” ކުރެވޭނެ ކަމަށް ވަކާލާތު ކުރަމުންދާތާ ވެސް އެތައްއަހަރެއް ވެއްޖެކަން ފާހަގަކުރަމެވެ. މީގެ އާޚިރު ނަތީޖާއަކަށް އަދު ވެފައިއޮތީ އެނަމުގައި ރާއްޖޭގެ ކުޑައަންހެން ކުދިން ބޮޑެތި ފިރިހެނުންގެ ޖިންސީއަނިޔާގެ ޝިކާރައަކަށްވެ، ފުރާވަރުގައި މާބަނޑުވެ އަކަމުގެ ނޭދެވޭ ސިއްހީ އަދި ނަފްސާނީ އަސަރު އެކުދިންގެ މުޅި އުމުރަށް ތަހައްމަލް ކުރަންޖެހިފައިވުމެވެ. ޑިސެމްބަރު 2019 ގައި ރ.އަތޮޅު މަޑުއްވަރީގައި ފެންމަތިވި މައްސަލަތަކަކީ މިފަދަ އިޖްތިމާއީ ކަންކަމުގައި ނިޒާމީ ނުކުޅެދުންތެރިކަން ހުރިމިންވަރު ރަމްޒުކޮށްދޭ އަލިގަދަ ހެކިތަކެވެ.

އެންމެފަހުން ފެންމަތިވެގެން ދިޔައީ އަންހެންކުދިން ޚިތާނުކުރުމާގުޅޭ ގޮތުން ފަތުވާ ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް އިން ފަތުވާމަޖިލިހުގެ ލަފާ ހޯދުމަށް މަސައްކަތްކުރި ޙަބަރެވެ. އަދިމިކަމަކީ ރާއްޖޭގެ ރައްޔިތުންގެ އާންމު ސިއްޙަތު ރައްކާތެރިކުރުމަށް ޤާއިމުކޮށްފައިވާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އެދުމެއްގެ މަތިން ކުރިކަމެއްކަމުގައިވެސް ޚަބަރުލިބި ރައްޔިތުންގެ ނުރުހުން މިކަމުގައި އޮތްމިންވަރު ފެނި، އެކަމަށް އެދުނު ސިޓީ މިނިސްޓްރީ އޮފް ހެލްތުން ބާތިލުކުރާ ހިސާބައް ކަންކަން ދިޔައެވެ. ނަމަވެސް ކަންބޮޑުވާންޖެހޭ ޙަޤީގަތަކީ ފަތުވާ މަޖިލިހުގައި ތިބޭ ފަރާތްތަކަކީ މިފަދަކަންކަމަށް ވާގިދެމުންދާ ފަރާތްތައް ކަމެވެ. އެމަޖިލިހުގައި ތިބި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން ޖިންސީއަނިޔާތަކަށް ހުށަހެޅިގެންދާނެ ކަންކަމަށް ވާގިވެރިވަމުން ގޮސްފައިވާކަން ޙަބަރުތަކުން ވަރަށް ސާފެވެ. ކައިވެންޏަށް ހައްޓާއި ނަފްސު ފުރިހަމައަށް ތައްޔާރުނުވާ އަންހެން ކުދިން ކައިވެނި ކުރުން “ދީނީ” ގޮތުން ހުއްދަ ކުރުމާއި، އަންހެން ކުދިން ޚިތާނުކުރުމުގެ ނުރައްކަލަށް ހުށަހެޅުމަށް ވާގިދިނުމާއި، ކައިވެނީގެ ތެރޭގައި އަންހެނުން ރޭޕް ކުރުމުގެ އަމަލަކީ ދީނީގޮތުން ވުޖޫދުގައި ނޯންނާނެ ކަމެއްކަމަށް އެފަރާތްތަކުން ވަކާލާތުކުރެއެވެ. މީގެ މާނައަކީ ރޭޕްގެ މަފްހޫމް އެފަރާތްތަކުން ބަލައިނުގަންނަ ކަމެވެ. ނަމަވެސް އެކަންކަން ދީނީ ގޮތުންއޮތީ މިގޮތަށް ނޫންކަން ސާބިތުވަނީ، އިސްލާމްދީނުގެ އަސާސީ ބިންގަލަކީ އަންހެނުންނަށް ފުރިހަމަ ޤަދަރާއި ރައްކާތެރިކަން ހޯދުންކަމަށްވާތީއެވެ. އަދި އިސްލާމްދީނުގެ މަތިވެރި ހަމައާއި އުސޫލަކީ އިންސާނިއްޔަތުކަމާއި، އޯގާތެރިކަމާއި، ކުލުނާއި، އަޅާލުމާއި، އާއިލީ އަދި އިޖްތިމާއީ އިންސާފާއި ރައްކާތެރިކަން ކަމަށްވާތީއެވެ. އަދި މާތް ނަބިއްޔާގެ ސުންނަތުންވެސް އެނގިފައިވަނީ އެފަދަ ސިފަތަށް ކަމަށްވާތީއެވެ. އަދި ރާއްޖޭގައި މިމުހިންމު އަސާސީ ދީނީ ހަމަތަކުން ކައްސާލައި މުޖުތަމައު އަނިޔާވެރިކަމާއި މާޔޫސްކަމަށް މިވަގުތު ވެއްޓިފައި ވަނީ ސަރުކާރުތަކުގެ ވުޒާރާތަކުގެ ބޮޑެތި އިހުމާލުން ކަން އަދު މިޖަމްޢިއްޔާއިން ފާހަގަކުރަން ޖެހެނީ ނުހަނު ބޮޑު ކަންބޮޑުވުން ތަކަކާއި އެކުއެވެ.

އަދި ރާއްޖެއަށް މިހާރު ފާޅުވެފައިއޮތް ޖިންސީއަނިޔާގެ ވަބާގެ ޝިކާރައަކަށް ވަމުންދާ އެންމެހާ ކުދިބޮޑު އެންމެންނަށްވެސް ޤާނޫނީ އޮނިގަނޑުގެ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދީ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލިހަށާއި ރާއްޖޭގެ ކޯޓުތަކާއި އަދި ކަމާބެހޭ މުއައްސަސާތައް ހިންގުމާއި ހަވާލުވެތިބި އެންމެހާ ފަރާތްތަކަށް މިޖަމްޢިއްޔާއިން ގޮވާލަމެވެ. އަދި މިކަމުގައި އަޅަންޖެހޭ އެންމެ ފުރަތަމަ އެއް ފިޔަވަޅަކީ އިޖްތިމާއީ ރައްކާތެރިކަމުގެ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމު އެކަށީގެންވާ މިންވަރަށް މަސައްކަތްކުރާ ހާލަތަށް ގެނައުމަށްޓަކާ، އެމަސައްކަތްކުރާ މުވައްޒަފުންނަށް އެމީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ބައްދަލު އުޖޫރައެއް ދިނުންކަމުގައި ދެކެމެވެ. އަދި މި ބަދަލު މިހާރުން މިހާރަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވަނީ މިދާއިރާގައި މަސައްކަތްކުރެވޭނެ، ތަމްރީނު ލިބިފައިވާ މީހުން ވަޒީފާއަށް ގެނެވޭނީވެސް މިކަން ކޮށްގެން ކަމަށްވާތީއެވެ. މީގެ އިތުރުން އިޖްތިމާއީ ޚިދުމަތްދޭ ފަރާތްތަކަށް އެކަށީގެންވާ ފެންވަރަކަށް  އެމަސައްކަތް ކުރެވޭނެ މާހައުލެއް ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމު ކުރުމަށް ކުރަންޖެހޭ އެންމެހާކަންކަން ފުރިހަމަކުރުމަށް ގޮވާލަމެވެ.


ނިމުނީ

Do NOT follow this link or you will be banned from the site!