ނުރަސްމީ މަސައްކަތްކުރާ އަންހެނުންގެ އަޑު

ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް މަސައްކަތްކުރާއިރު ތަރައްގީގެ މަންފާ ނުލިބޭ އެތައްބައެއް ވޭ. އޭގެތެރޭގައި އަންހެނުން ހިމެނޭވަރު ނިސްބަތުން ވަރަށްގިނަ. އިޖުތިމާއީ ތަރައްޤީއަށް މަސައްކަތް ކުރާމީހެއްގެ ހައިސިއްޔަތުން މިދިޔައަހަރު ފަހުކޮޅު ހ.ދ. އަތޮޅު ބައެއްރަށްރަށަޢް ކުރިދަތުރުތަކުން ފެނުނުބައެއް ގޮންޖެހުންތައް ހިއްސާކޮށްލާނަން.

 މިއީ %100 ރާއްޖޭންލިބޭ ގުދުރަތީ ވަސީލަތްތަކުން ކުރާދިވެހިވަންތަ ހަލާލް އަދި ހުނަރުވެރި މަސައްކަތެއް.

⦿ ކުޅުދުއްފުށީ އަންހެނުންނާއި ރޯނުވެށުން

ކުޅުދުއްފުއްޓަކީ ރާއްޖޭގައި ރޯނުވެށުމަށް މަޝްހޫރު ރަށެއް. އާއްމުގޮތެއްގައި މިމަސައްކަތް ކުރަނީ އަންހެނުން. އެދަތުރުގައި އަހަންނަށް ވަދެވުނު ކޮންމެގެއެއްގައި ކަހަލަގޮތަކަށް ރޯނުވަށާމީހެއް އުޅޭ. ރޯނުވެށުމަކީ ބުރަމަސައްކަތެއް. އެންމެފުރަތަމަ ހަތަރުމަސް ވާންދެން އޮޅުގައި ބޮނބި ފާކުރަނީ. އެއަށްފަހު ބޮނބިތަޅާ އޭގެއިން ބޮނބިނަރު ސާފުކުރަނީ. ދެންބޮނބިނަރުން ލީލިއަޅާ ރޯނުވަށަނީ. ގިނަމީހުން މިމަސައްކަތް ކުރަނީ ގޭތެރޭ މަސައްކަތްނިންމާފަ ލިބޭއިތުރުގަޑީގައި. ދުވާލަކު 6 ރޯނުފޯލި ވެށޭ. ބާރަފޯލިން ރޯނުބޮޑިއެއް އަޅަނީ. އެންމެގިނައިން ރޯނުގަންނަނީ އެހެންރަށްރަށުން ފަންގިވިންނަ މީހުން. މިއީ %100 ރާއްޖޭންލިބޭ ގުދުރަތީ ވަސީލަތްތަކުން ކުރާދިވެހިވަންތަ ހަލާލް އަދި ހުނަރުވެރި މަސައްކަތެއް. މިމަސައްކަތުން ލިބޭއާމްދަނީން ދިރިއުޅުމުގެ ޙަރަދުތައް ފޫބެއްދުމަށް ވަރަށް މުހިއްމު ދައުރެއްއަދާކުރޭ.

މިފަހަކަށްއައިސް މި އަންހެންވެރީންނަށް ދިމާވި އެންމެބޮޑުގޮންޖެހުމަކީ މިވެރިން ބޮނބިފާކުރާ އޮޅުތައްހުންނަ ކުޅި ހިއްކާ މިވެރިން އަތުންނެގުން. ދެން އެތަނުގައި އެޅީ އެއާޕޯޓެއް. މިހާރު ބައެއްމީހުނަށް ކުޅީގައި 4 ވަރަކަށް އޮޅުހަދާފަހުރިކަމުގައި ވީނަމަވެސް، ގިނަމީހުން ބޮނބި ފާކުރަނީ ހަލާކުވެފައި ހުންނަ ވަޅުބުރިޔާ، ދޮންނަމެށިނު ފަދަ ތަކެއްޗަށް ލޮނުއަޅައިގެން. ރަށްރަށުން ރުއް މަދުވުމަކީ ރޯނުވަށަން ބޭނުންވާ ބޮނބި ނުލިބި އޭގެ އަގުބޮޑުވުން. ހަމައެއާއެކު ރިސޯޓުފަހަރު ހެދުމަށް ޕްލާސްޓިކު ފަންއެތެރެކޮށް ރާއްޖޭގައި ވިންނަ ފަންބޭނުން ކުރުން މަދުވުމުން ރޯނުގެ ޑިމާންޑު ދަށްވެ އެއަށް ލިބޭ އަގު ކުޑަވުން.

އޯޑަރުލިބޭ ވަރަކުން މިމީހުންގެ މަސައްކަތް ދުވާލުހަތަރުދަމު ހޭދަކުރޭ. މިމީހުން ޗުއްޓީ ނަގަނީ ރޯދަމަހު އެކަނި.

⦿ ދިވެހި ހެދިކާ

ކުޅުދުއްފުށީ ‘ކާޕެންޓްރީ’ ގޭގައި ދިމާވި އަންހެނުން ނަކީ 1993 އިން ފެށިގެން ހެދިކާހަދައިގެން އާމްދަނީހޯދާ ހަތަރުބޭން. މި މީހުން ދުވާލެއްގެ މައްޗަށް 7000 ހެދިކާ ހަދާދުވަސްވެސް އާދޭ. މަށަށް އެގެއަށް ދެވުނީ މި މީހުންގެ މަސައްކަތުގެ ޕީކު ދުވަސްވަރާ -. އެއީ އެރަށުގައި ހިތާނުމޫސުން ކަމުން ދުވާލަކު ވައްތަރަކުން 3000 ބަޖިޔާ، ގުޅަ، ކަވާބު، ކަޓުލަސް އަދިމީގެ އިތުރުން ބޯކިބާ ވެސް ހަދާދުވަސްވަރެއްގައި. މިވެރިންމަސައްކަތް ކުރަނީ އެތަނުން އެކެއްގެ ގޭގައި މިކަމަށްހަދާފަ ހުންނަ ހާއްސަ ބަދިގެއެއްގައި. އެތާގައި މިއެއްޗެހި ހަދަން ބޭނުންކުރާ މަސް ކައްކާ ވަޅޯ ކުރަން ދުމައްޓާ، އަލިފާން އަންދައިގެން ބޯކިބާ ފިހަން މުސްކުޅި އުދުން ވެސްހުރި. މިތަނުގައި މަސްކައްކާ ދިޔައިން ރިހާކުރު ކެއްކުމާ، ދިޔާހަކުރާ، ހިލިބޭސްވެސް ވިއްކަން ހަދާދޭ. އޯޑަރުލިބޭ ވަރަކުން މިމީހުންގެ މަސައްކަތް ދުވާލުހަތަރުދަމު ހޭދަކުރޭ. މިމީހުން ޗުއްޓީ ނަގަނީ ރޯދަމަހު އެކަނި. މި މަސައްކަތް ކުރީމާ، މަހެއްގެ މައްޗައް މީހަކަށް 4،000 ރުފިޔާ ލިބޭ.
މިވެރިންނަށް މިމަސައްކަތް ކުރެވެނީ 4 ބެއިންގެ ތެރޭން އެކަކު އޭނާގެ ގޭގައި މިމަސައްކަތް ކުރަން ޖާގަ ހަމަޖައްސާ، އާއިލާގެ މީހުންނާއި ރައްޓެހިން ބާޒާރުކޮށް އަތްގާތް ކުރަން އެހީތެރިވާތީ. ފަހަކަށްއައިސް ހެދިކާ ހަދަން ގަންނަން ޖެހޭތަކެތި ވަރަށް އަގުބޮޑުވެއްޖެ. މިސާލަކަށް ފިޔާބަސްތާއެއް 1200 ރުފިޔާއަށް ލިބުނުދުވަސްވެސް ހިނގައްޖެ. ދެންދިމާވާ އަނެއްމައްސަލައަކީ ހެދިކާގެ އަގު ބޮޑުކުރެވޭކަށްވެސްނޯވޭ – އެއީ އެހެންމީހުން ކޮންމެ ފެންވަރެއްގައި ހެދިކަމުގައިވީނަމަވެސް އަގުހެޔޮކޮށްވިއްކާތީ މިގެއިން އެއަގު ހިފަހައްޓަން މަޖުބޫރުވަނީ. އެކަމަކު މިވެރިން ރެޔާދުވާލު އެކުރާ ބުރަމަސައްކަތައް އެކަށީގެންވާ އެއްޗެއް ނުލިބޭ.

މިވެރިން ބުނާގޮތުން މިވަރުގެ ރިހާކުރު ތާހެއްކައްކަން ޑިޔުޓީ ބަހައިގެން 3 ދުވަސް ނަގާ.

⦿ ރިހާކުރު ކެއްކުން

އަހަރެން ނޮޅިވަރަމްފަރަށް ދިޔައިރު މަރިޔަމް އާއި އޭނާގެ އާއިލާއިން ބޮޑު ދެތާހުގައި ރިހާކުރުކަށްކަން ހުރީ ގޭދޮށުގައި ވަލަށް އޮތް ހިސާބެއްގައި ދަރުއުނދުން މައްޗަށް އުދާފަ. މިވެރިން ބުނާގޮތުން މިވަރުގެ ރިހާކުރު ތާހެއްކައްކަން ޑިޔުޓީ ބަހައިގެން 3 ދުވަސް ނަގާ. ތާހަކުން ގާތްގަނޑަކަށް 10 ވަރަކަށް ޓޭންގު ޖޫސްފުޅީގެ ރިހާކުރު ލިބޭ. ފުޅިއެއް ވިއްކަނީ 300 ރުފިޔާއަށް. މިވެރިން ރިހާކުރުކެއްކުމުގެ އިތުރުން، ކުޅި ކާޖާ، އަދި އެހެން އުކުނޑިބުކުނޑި ހަދާ ކަންމަތީ ފިހާރަތަކުގައި ވިއްކާ. މިތާގައި އުފައްދާ ތަކެތި ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ވެސް ވިއްކާ.
މިފަދަ ކަންކަން ކުރެވެނީ ގެއިން ބޭރުގައި އަލިފާންޖަހައިގެން ގިނައިރު ކައްކާނެ ޖާގަ ލިބޭތީ. އެކަމު، ދޭތެރެ ދޭތެރެއިން ކައުންސިލުން މިކަމާދޭތެރޭ ވަރަށް މައްސަލަޖައްސާ.

ގިނަދުވަހު އެއްޗެހި ނުއަގުގައި ވިއްކާފަ ދަނީ.

⦿ ދަނޑުވެރިކަން

ހައްވައަކީ ކުމުންދޫ ދަނޑުވެރިއެއް. މީނާ ރަށުަގައި ދަނޑު ހައްދައިގެން ކުޅުދުއްފުށީ ހޮނިހިރު ބާޒާރަށް ގޮސް ވިޔަފާރިކުރަނީ. ހައްވަގެ ދަނޑުގައި ލެޓިޔުސް، ކިޔުކަމްބާ، މިރުސް، ބަށި ފަދަ ތަކެތި ހައްދާ. ފައިދާ އަށް ކުޑައެއްޗެއް ލިބޭ މަސްމަހާ ގެއްލުން ވާމަސްވެސް އާދޭ.
ހައްވަ ދަނޑު ހެއްދުމުގައި ވަރަށްބޮޑެތި ގޮންޖެހުމާއި ދިމާވޭ. އެންމެ ފުރަތަމަކަމަކަށް ދަނޑާހިސާބަށް ކަރަންޓު ނުލިބޭތީ ފެންޖަހަން ޖެހެނީ ކުޑަ ޖެނެރޭޓަރެއް ހިންގައި، ޕަމްޕު ބަހައްޓައިގެން. މިވަރުން ހައްދާ ތެކެތި ހިފައިގެން ކޮންމެ ހޮނިހިރު ދުވަހަކު ފެރީގައި ކުޅުދުއްފުއްޓަށްގޮސް ވިޔަފާރިކުރަން ލިބެނީ 4 ގަޑިއެއް ހާއިރު. އެއީ އަނބުރާ ރަށަށްދާފެރީ، 12.30 ގައި ނައްޓާލާތީ. ގިނަދުވަހު އެއްޗެހި ނުއަގުގައި ވިއްކާފަ ދަނީ.
މީގެ އިތުރުން ހައްވަގެ އެއް ދަރިއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް. އެހެން ކަމުން ކުޅުދުއްފުށީގެ އިތުރުން ޑޮކްޓަރަށް ދައްކަން ވަރަށްގިނައިން މާލެ ދާންޖެހޭ. ގިނަފަހަރަށް ކުޅުދުއްފުށީގައި ހައްވަގެ ދަރިއަށް ބޭނުންވާ ބޭސްލިބެން ނުހުރޭ. އަދި ހޮނިހިރު ދުވަހު މެންދުރު ފުރަން ޖެހޭތީ ވިޔަފާރިކޮށް ދަރިފުޅުގެ ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ހަމަޖައްސާނުލެވޭ.

މިތަނުގައި އެއްޗެހި ވިއްކަން ލިބެނީ ކުޑަ ވަގުތުކޮޅެއްގައި.

⦿ ކުޅުދުއްފުށީ ހޮނިހިރު ބާޒާރު

މިބާޒާރަކީ ކޮންމެ ހޮނިހިރުދުވަހަކު ކައިރި ރައްރަށުން އެރަށެއްގައި ހައްދާތަކެތި ވިއްކަން އަމިއްލައަށް އުފެދިގެން އައިބާޒާރެއް. އާއްމުގޮތެއްގައި މިބާޒާރުން ގަނޑުކޮށް ކުޅުދުއްފުށީގެ ފިހާރަަތަކަށްވެސް ތަކެތި ގަނޭ. މިތަނުގައި އެއްޗެހި ވިއްކަން ލިބެނީ ކުޑަ ވަގުތުކޮޅެއްގައި. ހޮނިހިރުދުވަހަކީ ރަށްރަށުން ޑޮކްޓަރަށް ދައްކަން މީހުން އަންނަ ދުވަހަކަށްވާތީ މިމާރުކޭޓު އުފެދިގެން އައީ ހޮސްޕިޓަލާ އިިންވެގެން އޮންނަ ހުސްބިމުގައި، ގަސްތަކުގެ ހިޔާ އޮންނަ ސަރަހައްދުގައި. މިތަން ތަރައްގީ ކުރުމުގެ ނަމުގައި މާރުކޭޓު އިމާރާތެއް ކައުންސިލުން އަޅާދިން. އެހެންނަމަވެސް މިތަނުގައި ވިޔަފާރި ކުރާފަރާތުގެ ބޭނުން ފުއްދައެއްނުދެވޭ. އެތަނުން ވިޔަފާރި ކުރާމީހުން ބުނާގޮތުގައި މައްސަލައަކީ އެއްވެސް އުސޫލެއްނެތި ހަދާފަހުރި ތަނަކަށްވާތީ. އެތަނުގައި ހޫނުގަދަކަމުން އިސާހިތަކުން ބިލެއްބޮނޑި ވަޅޯވޭ. އަދި އެތަނަކީ މަގަށްވުރެ ތިރިކޮށްހަދާފަހުރި ތަނެއްކަމުން ވާރޭވެހޭއިރަށް ފެންބޮޑުވޭ. އެތަނުގައި ވިޔަފާރިކުރާމީހެއް ވަރަށްމަދު. އެއީ ބޭކާރުތަނެއް. މިމާރުކޭޓުން ވިޔަފާރިކުރުމަށް ގޮޅިތައް ކުއްޔަށް ދޫކުރޭ. އެހެންނަމަވެސް ލިބޭއާމްދަނީއިން މިތަނަށް ފައިސާދައްކާފަ އަތަށްލިބޭނީ ވަރަށްކުޑަ އެއްޗެއް. އެހެންވީމަ ގިނަމީހުން އެތަނެއް ބޭނުމެއްނުކުރޭ. 

މިގޮންޖެހުންތައް ނައްތާލުމަށް ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންގެ ތަރައްގީ،

ޚާއްސަކޮށް ނުރަސްމީ މަސައްކަތް އިސްކުރާ މީހަކަށް ވޯޓުދިނުން ކިހިނެތްވާނެބާ؟

⦿ ނުރަސްމީ މަސައްކަތް ކުރާއަންހެނުންގެ ހާލު.

ފަހަރެއްގައިވެސް މިފަދަ މަސައްކަތަކީ ދެރަމަސައްކަތެއްނޫން. އެހެންނަމަވެސް މިފަދަ ސަޤާފީ ދިވެހިވަންތަ މަސައްކަތް ކުރާމީހުންނަށް އިޖުތިމާއީ އަދި އިގުތިސާދީ ރައްކާތެރިކަން ނުލިބުމަކީ 21 ވަނަގަރުނުގައި ކަންބޮޑުވާންޖެހޭ ކަމެއް. ރާއްޖޭގައިވެސް ޕެންޝަނާ، ފާޑުފާޑުގެ ލޯނު ސްކީމާ، ހައުސިން ސްކީމާ، އަދި އެލަވަންސް ތަކަކީ މިހާރު ރަސްމީމަސައްކަތް ކުރާފަރާތްތަކަށް ހުރި ފުރުސަތުތައް. ނުރަސްމީ މަސައްކަތްކުރާ މީހުން ރެޔާދުވާލު މަސައްކަތް ކުރާއިރު ލިބޭ އުޖޫރަ ވަޒީފާ އަދާކުރާތަންތަނުން ލިބޭއެވުރެޖް މުސާރައަށްވުރެ ދަށް. އޭގެ އިތުރުން ފެންނަނީ މިވެރީން މަސައްކަތް ކުރާތަންތަނުން ބޭރުކޮށް އިތުރު ތަކުލީފު ބޮލުގައި އަޅުވާތަން. މަށާދިމާވި އެކަކުވެސް އަދި އެއްވެސް އިންތިހާބަކާ ދިމާކޮށްނަމަވެސް މިވެރީންނަށް ހުރި ދަތިތަކުގެ ވާހަކަ ހޭވެސްއަހާލި ސިޔާސީފަރާތެއް އަދި ދިމާނުވާކަމަށްބުނި. ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ މަސައްކަތްތަކަކީ ގައުމުގެސަގާފީ ތަރިކަ، އަމިއްލަވަންތަ ކަންކަމާ އެކީ ރައްކާތެރިކުރާ ކަންތައްތައް. އެހެންނަމަވެސް އަންހެނުން ކުރާ ސަގާފީ މަސައްކަތުގެ ތަރިކަ ދަމަހައްޓަން މަސައްކަތް ނުކުރާތާ އެކަށީގެންވާ އުޖޫރައެއް ނުލިބި، ރައްކާތެރިކަމުގެ ކަށަވަރުކަން ނުލިބިވާ މިފަދަ ނުރަސްމީ މަސައްކަތް ކުރާމީހުން ގެ ކަންކަން ކައުންސިލުތަކުގައި ތިބޭމީހުން ފަހިކޮށްދޭންޖެހޭ. ރާއްޖޭގައި މިފަދަ މަސައްކަތްތެރީން ކޮންމެވެސް ޕްރޮމޯޝަނަލް ވީޑިޔޯ އަކަށް އަރުވާލާފަ ނިންމާލަފާނެ.
މިފަދަ ނުރަސްމީ މަސައްކަތްކުރާ އަންހެންވެރީންގެ އަޑުއަހާ، އެމީހުންގެ މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމަކީ ގައުމުގެ ތަރައްގީގެ ބައެއްކަމަށްހެދުން ވަރަށްމުހިއްމު. މިއަހަރުގެ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ޝިޔާރުކަމަށްވާ ހަމަހަމަ ޖީލަކަށް ވާސިލުވުމަށް އެތަކެއް ގޮންޖެހުންކަތެއް ކުރިއަށް އެބައޮތް. މިގޮންޖެހުންތައް ނައްތާލުމަށް ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންގެ ތަރައްގީ، ޚާއްސަކޮށް ނުރަސްމީ މަސައްކަތް އިސްކުރާ މީހަކަށް ވޯޓުދިނުން ކިހިނެތްވާނެބާ؟

ޝާދިޔާ އިބްރާހިމް އަކީ އދ. ގެ އާބާދީ ޖަމުޢިއްޔާ ގައި 1997 ވަނަ އަހަރުން ފެށިގެން ޢިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ތަރައްޤީގެ މަސައްކަތްތަކުގައި ޝާދިޔާއަކީ ތަފާތު ގިނަގުނަ ތަޖުރިބާލިބިފައިވާ ފަރާތެކެވެ. ޝާދިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

Do NOT follow this link or you will be banned from the site!