ރާއްޖޭގެ އަންހެނުންގެ ހާލަތު – ގާނޫނީ އޮނިގަނޑާއި، ސިޔާސަތުތައް ހެދުމުގައާއި ،ތަންފީޒް ކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އަމަލީ ސިފަ ފެންނާނީ ކޮންދުވަހަކުންބާ ؟

އަވަށްޓެރި ގައުމުތަކާއި އަދި އެހެނިހެންބައެއް އިސްލާމީ ގައުމުތަކާއިއަޅާކިޔާނަމަ ދިވެހިރާއްޖޭގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ކުޑައެވެ. އަދި އަންހެނުންނަށާއި ފިރިހެނުންނަށް އެއްވަރަކަށް ފުރުސަތުތަކެއް ހުޅުވިފައިހުރިކަން، ޤާނޫނީ އޮނިގަނޑުގެތެރޭގައި އަދި ސިޔާސަތު ތަކުންވެސް ފާހަގަކުރެވެއެވެ. ނަމަވެސް މިޤާނޫނުތަކާއި ސިޔާސަތުތަކަށް ތަންފީޒީ މަރުހަލާގައި ވާގޮތެއް ނޭގެއެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ ދެތިން ނުކުތާއެއް މިލިޔުމުގައި ހިމަނާލާނަމެވެ..

1 – އދ ގެ، އަންހެނުންނާ ދޭތެރޭކުރެވޭ ހުރިހާބާވަތެއްގެ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ) ގައި ދިވެހިރާއްޖެ ސޮއިކުރީ 1993 ގައެވެ. އަދި މިމުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ސޮއިކުރީ 2006 ވަނައަހަރުއެވެ. 7 ވަނަ މާއްދާއާއި 16 ވަނަ މާއްދާއަށްއެއްބަސްވުމަށް 1993 ގައި ރާއްޖެ އިޢުތިރާޒުވިއެވެ. ނަމަވެސް 2008 ގައި ވުޖޫދަށްއައި ޤާނޫނުއަސާސީގައި އަންހެނުންނަށް ވެރިކަމަށް ކުރިމަތިލުމަށް އޮތް ގާނޫނީ ހުރަސް ނެތިގެން ދިއުމުން 7 ވަނަ މާއްދާގެ ތަހައްފުޒާތު (ނުވަތަ ރެޒަވޭޝަން) ވެސް ވަނީއުވިފައެވެ. އަދި 16 ވަނަ މާއްދާއަށް އޮތް ތަހައްފުޒާތުގެ ބައެއް

ނެގުމަށް ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު ރައްޔިތުންގެމަޖިލީހުން ރުހުން ހޯދަން ފޮނުވަންނިންމިކަމަށް, 08 މާޗް 2016 ވަނަ ދުވަހު ކެބިނެޓުން ނިންމިކަމަށް ރައީސްއޮފީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ.

2 – 2008 ގެ ޤާނޫނު އަސާސީ  މީގެ އިތުރުން އިޖުތިމާއީ ދުޅަހެއުކަމާއި ތަރައްޤީ ރާއްޖޭގައި ގާއިމުކުރުމަށްޓަކައި އެތަކެއް ޤާނޫނު ހެދިފައިވެއެވެ. އޭގެތެރޭގައި ސިވިލް ސާވިސް ގާނޫނު (2007)،  ވަޒީފާއާ ބެހޭ ގާނޫނު (2009)، ޕެންޝަން ގާނޫނު (2009)، ޚާއްސަ އެހީއަށް ބޭނުންވާ މީހުނާ ބެހޭ ގާނޫނު (2010) ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު (2010)، އަދި  ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (2012)،  ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ގާނޫނު (2014)، ޖިންސީކުށުގެ ގާނޫނު (2014) ޖެންޑާ އީކުއަލިޓީ (މިންތީގެ ހަމަ ހަމަ ކަމުގެ) ގާނޫނު (2016) ފަދަ އެތަށް ގާނޫނު ތަކަކާއި، އަދިއޭގެ އިތުރުން ސިޔާސަތުތަކެއްވެސް ކޮންމެސަރުކާރަކުންމެ ހަދައެވެ.

3 – ސަރުކާރު ހިންގާ ޕާޓީ ޕީ.ޕީއެމްގެ 2013 ގެ މެނިފެސްޓޯގައި ވަރަށްވެސް ސަރީހަ އިބާރާތުން ސިޔާސީ، އިގްތިސާދީ އަދި އެހެނިހެން ގޮތް ގޮތުން  އަންހެނުން ބާރުވެރިކުރުމަށާއި، ރާއްޖޭގެ އަންހެނުންގެ ހާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށްވައުދުވެ ލިޔެވިފައިވެއެވެ.  މީގެ ތެރޭގައި ސިޔާސީދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރިކުރުމަށްޓަކައި ސިޔާސީ މަގާމުތަކާއި، ސަރުކާރު ކުންފުނި ތަކުގެ ބޯޑަށާއި، ބޭރުގެ ގައުމުތަކުގައި ރާއްޖެ ތަމްސީލުކުރާ މިޝަންތަކުގައި  އަންހެނުން އިތުރުކުރުމަށް ވަނީ ލިޔެވިފައެވެ. އަދި ހަމަ މިއާ އެކު  ރައީސުލްޖުމްހޫރިއްޔާ  އައްޔަންކުރައްވާ ސިޔާސީ މަގާމްތަކުން  ޖުމްލަ 33 ޕަސެންޓް  އަންހެނުންނަށް ދިނުމުގެ އުސޫލެއް އަލަށް އެކުލަވާލި ސަރުކާރުގެ މިންތީގެ ސިޔާސަތުގައި ހިމެނުމަށް ވިސްނުން ހުރިކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން 2015 ވަނަ އަހަރުގެ ޖެނުއަރީގައި ސީޑޯ ކޮމިޓީއަށް ހުށަހެޅި  ރިޕޯޓުން ދުށީމެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ބޯޑުތައް އެކުލަވާލާއިރު އަންހެނުންނަށް ޚާއްސަކޮށް 2 ގޮނޑި ދިނުމަށް ނިންމި ކަމަށް އެ ރިޕޯޓްގައި ވެއެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. ނަމަވެސް ދިވެހިރާއްޖޭގެ ގައުމުގެ ކަންކަން ނިންމުމުގައި އަންހެނުންގެ އަޑާއި  ހިއްސާ ކިހާވަރަކަށް ހިމެނޭބާވައެވެ. ގާނޫނުތަކާއި، ސިޔާސަތުތައް ލިޔެވިގެން ތަންފީޒުވެގެންދާއިރު،  އަންހެނުންނާއި ފިރިހެނުންނަށް އެ ގާނޫނީ އޮނިގަނޑުން ނުވަތަ ސިޔާސަތުތަކުން ފައިދާއާ މަންފާ ލިބެނީ ކިހާވަރަކަށްތޯ ދެނެގަނެވޭތޯއެވެ. ހަމަގައިމުވެސް ތަފާސްހިސާބުތަކަށްބަލާއިރު އަންހެނުންގެ ދައުރު ގައުމުގެ، އަދި މުޖުތަމައުގެ ކަންކަން ނިންމުމުގައި ފިރިހެނުންނަށްވުރެ ބޮޑުތަފާތަކުން މަދެވެ. މީކީ ކޮންމެހެން އަންހެނުންގެ ޤާބިލްކަން ނެތިގެނެއްނޫނެވެ. ރާއްޖޭގައި ތައުލީމީ ދާއިރާ ނޫނީ ފަންނީ ދާއިރާތަކުގައި އަންހެނުންނާއި ފިރިހެނުން ދާދި  އެއްވަރެއްގައި އިލްމާއި ހުނަރުގެ ރޮގުން ކިޔަވައެވެ.

ސިވިލްސާރވިސް އަކީ ރާއްޖޭގައި އެންމެގިނަ ވަޒީފާދޭ ފަރާތެވެ.  އަދިސިވިލްސަރވިސްގައި އަންހެނުންނާއި ފިރިހެނުން އަދަދުގެ ގޮތުން ދާދިއެއްވަރުވެސް މެއެވެ. ނަމަވެސް އެދާއިރާގެ މެދުފަންތީގައި އަންހެނުންގެ ބައިވެރިވުން 58 ޕަސެންޓް އޮންނައިރު އެގްޒެކެޓިވް ފަންތީގައި އަންހެނުންގެ ބައިވެރިވުން 34 ޕަސެންޓަށް ތިރިވެފައިއޮންނަ އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ސިވިލްސާރވިސްގެ މުސާރައިގެ އޮނިގަނޑަށް ބަލައިލާއިރު 15,000ރ އަށްވުރެ ބޮޑުމުސާރަ ލިބޭ އަންހެނުން ނިސްބަތުން ކުޑަވުމަކީވެސް ސީދާގޮތުންނާއި ނުސީދާގޮތުން ތަފާތުކުރުންތަކެއް ހިނގަމުންދާކަމުގެ އަލިގަދަ ހެއްކެކެވެ. ފާހަގަކޮއްލެވޭ އަނެއްނުކުތާއަކީ، ދިވެހިރާއްޖޭގައި އަންހެނުންގެ ބައިވެރިވުން އެންމެބޮޑަށް އޮންނަ ދާއިރާއަކީ ނުރަސްމީ އަދި ވަޒީފާގެ ހިމާޔަތާ ރައްކާތެރިކަން އެއްގޮތަކަށްވެސް ލިބިފައިނުވާ، އަމިއްލަމަސައްކަތުގެ ދާއިރާކަމެވެ.

ފެންނަން ހުރި އިތުރު ބައެއް ތަފާސް ހިސާބުތަކަށް ބަލާލަމާތޯއެވެ. ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލިހުގެ 14 މެމްބަރުންގެތެރޭގައި ހިމެނެނީ 3 އަންހެން ވަޒީރުންނެވެ. ރައީސް އޮފީހުގެ މިނިސްޓީރިއަލް ފެންވަރުގެ 4 މަގާމުގެތެރެއިން އެ މަގާމުގައިހުރީ އެންމެ އަންހެނެކެވެ. ސްޓޭޓްމިނިސްޓަރުންގެ 37 މަގާމުގެތެރެއިން އަންހެނުންގެ ހިއްސާއޮތީ 4 މަގާމުގައެވެ. ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 91 ވާއިރު އަންހެނުންގެ ހިއްސާއޮތީ 14 މަގާމުގައެވެ. ބޭރުގައުމުތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ކަނޑައަޅާފައިވާ 12 ސަފީރުންގެ ތެރެއިން 5 ފަރާތަކީ އަންހެނުންނެވެ. އިސްވެ ބުނެވުނުހެން ސަރުކާރުހިންގާ ޕާޓީގެ މެނިފެސްޓޯގައި އަދި ހެދިފައިވާ މައިގަޑު ސިޔާސަތުތަކުގައި، ސިޔާސީ މަގާމުތަކަށް 30 ޕަސެންޓު އަންހެނުން އައްޔަންކުރުމަށް ކަނޑައެޅުނުނަމަވެސް، އަދި މިހާތަނަށް މިއަށް އަމަލީސިފަ އައި ތަނެއް ނުފެނެއެވެ.  އެހެންވީމާ ސަރުކާރުން އަންހެނުންކުރިއަރުވަން ކިތައްމެ ރަނގަޅު ސިޔާސަތުތަކެއް ކަރުދާހުގައި ލިޔެފައި ހުއްޓަސް ތަންފީޒުކުރުމުގެ މަރުހަލާގައި މިފެންނަނީ ވަރަށް ދޯދިޔާގޮތަކަށެވެ.

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ގައުމުގެ އާބާދީގެ ދެބައިކުޅައެއްބައި  (އަންހެނުންގެ) ބަސް، އިއްވަން ތިބީ 85 މެމްބަރުންގެ ތެރެއިން އެންމެ 5 މެމްބަރުންނެވެ. މިއީ ގައުމަށް ބޭނުންވާ ގާނޫނުތަށް ފާސްކޮށް، މަޟްރޫއުތަކަށް ރުހުންދީ، މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަންކޮށް، ސަރުކާރު ޖަވާބުދާރީ ކޮށް އަދި ރާއްޖޭގެ ސަރުކާރުގެ ބަޖެޓް ފާސްކުރާ މަޖިލީހެވެ. ނަމަވެސް އާބާދީގެ ދެބައިކުޅަ އެއްބައިގެ ބައިވެރިވުން އެމަޖިލީހުގައި އޮތީ އެންމެ 5 ޕަސެންޓުގައެވެ.

ދުނިޔޭގެ މުސްލިމް ޤައުމުތައް ތަމްސީލުކުރާ ޖަމާއަތެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯ އައި ސީ) އިން 2015 ގައި ނެރެފައިވާ، އިސްލާމީ ގައުމުތަކުގެ އަންހެނުންގެ ހާލަތް ދައްކުވައިދޭ ދިރާސާއިން ފެންނަންއޮތް ތަފާސްހިސާބުން މުހިންމުކަމެއް ފާހަގަވެއެވެ. މުސްލިމް ދައުލަތްތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގައި އަންހެނުންގެ ހިއްސާއޮންނަ މިންވަރު ދައްކާޗާޓުން ފެންނަންއޮތްހަޤީގަތަކީ ދިވެހިރާއްޖެ އޮތީ 5 ޕަސެންޓާއިއެކު އެންމެ ފުލުގައި ކަމެވެ.  އެކުވެރި ސައޫދީއަރަބިއްޔާ ގެ ޝޫރާކައުންސިލުގައިވެސް 19.9 ޕަސެންޓު އަންހެނުން ހިއްސާވެއެވެ. ރާއްޖޭގެ މަޖިލީހުގައި އަންހެން މެންބަރުން މަދީ ކޮންމެހެން ޤާބިލު ކިޔަވައިގެން ތިބި، ކަމަށްކުފޫހަމަވާ އަންހެނުން ރާއްޖޭގައި ނެތިގެނެއްނޫނެވެ. މިހާރުވެސް މަޖްލީހުގައިތިބި 5 އަންހެން މެމްބަރުން، ތަޖުރިބާ އަދި ހުނަރުގެ ފެންވަރުންބަލާނަމަ ފިރިހެން މެންބަރުންނަށްވުރެ މައްޗެވެ. އަދި ނޫސްތަކުން ފެންނަ ޚަބަރުތަކަށް ބަލާއިރު މަޖިލީހުގައި އެމެމްބަރުން ގައުމުގެ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ދައްކާވާހަކަތަށް ފިރިހެން މެންބަރުންނަށްވުރެ ހަރުދަނާވެފައި ގިނަވެސްމެއެވެ. ސައޫދީ އަރަބިއްޔާގެ ޝޫރާކައުންސިލުގައި އަންހެނުންގެ ހިއްސާ މަތިވާސަބަބުގެ ވާހަކަ އެހެންލިޔުމެއްގައި ގެނެވޭތޯ މަސައްކަތްކުރާނަމެވެ.

މިއާއެކު ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް ބަލާލަމާ ތޯއެވެ. އެއްމެ ފުރަތަމަ އަންހެން ފަޑިޔާރުން ރާއްޖޭގެ ކޯޓްތަކަށް އައްޔަންކުރީ 2007 ވަނައަހަރުއެވެ. ރާއްޖޭގެ ކޯޓުތަކުގައި 180 އަށްވުރެގިނައަދަދެއްގެ ފަނޑިޔާރުންވާއިރު، މިހާތަނަށް 5 އަންހެން ފަޑިޔާރުން އަދި 4 މެޖިސްޓްރޭޓުން އައްޔަންކޮއްފައިވެއެވެ. އިސްވެ ދެންނެވުނުހެން މުޅި އަދުލު އިންސާފުގެ ދާއިރާއަށް ބަލާއިރު މި 9 އަންހެން ފަޑިޔާރުންގެ ތައުލީމީ ފެންވަރު ރާއްޖޭގެ ގިނަ ކޯޓުތަކުގެ އިސް ފަޑިޔާރުންނަށްވުރެ ރަގަޅެވެ. ކޯޓުތަކުގެ ފަނޑިޔާރުންގެ ތައުލީމީ ފެންވަރާދޭތެރޭ ބޮޑެތި ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި މިއިން އަންހެން ފަޑިޔާރުންގެ ތައުލީމީ އަދި ގާބިލްކަމާދޭތެރޭ ސުވާލު އުފެދޭނެ ތަނެއްނެތެވެ.  ނަމަވެސް ހިތާމައަކީ މިތަނުން 3 އަންހެން ފަޑިޔާރުން މިދިޔަ އަހަރާ މިއަހަރު ތެރޭގައި  އިސްތިއުފާ ދެއްވާފައިވާތީއެވެ. އަދި ނޫސްތަކުން ފެނުނު ޚަބަރުތަކަށް ބަލާއިރު މަތީ ކޯޓުގެ ބެންޗުގައި ހުންނެވި އަންހެން ފަޑިޔާރުގެ މަސައްކަތް ހަނިކޮށް ރަށެއްގެ ކޯޓަކަށް ބަދަލުކުރިއިރު އެކަމަނާ އަކަށް ނޭގެއެވެ. ކޮންމެވަޒީފާއެއް އަދާކުރާ މީހަކަށްވެސް ވަޒީފާ ބަދަލުކުރާއިރު ކުރީބައިގަ އެންގުމަކީ އެންމެ އެކަށީގެންވާ އުސޫލުކަމަށް އިންސާފުވެރިކަމާއެކު ކަންކަންކުރާ ބަޔަކުދެކޭނެއެވެ.

ހަވީރުގައި މިކަމާގުޅިގެން އެކަމަނާ ސްޕްރީމްކޯޓަށާއި، ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ހައިކޯޓަށް ލިޔުއްވާފައިވާ ސިޓީއަށް ބިނާކޮށް ލިޔެފައި އޮތް ލިޔުމުގެ ތަންކޮޅެއް މިލިޔުމުގައި ހިމަނާލާނަމެވެ.

“އަޒްމިރާލްދާ ވިދާޅުވީ އޭނާ މިހާރު ހަމަޖައްސާފައި ވަނީ އެދިވަޑައިގެންނެވި އަދި ހޮވުނު ވަޒީފާ އަށް ވެސް ނޫން ކަމަށެވެ. އަދި އަޅުގަނޑުގެ ދިރިއުޅުން ވެސް އެހެން ރަށަކަށް ބަދަލުކުރައްވާފައި ވަނީ އަޅުގަނޑުގެ ރުހުމެއް ނެތި އެވެ. އަޒްމިރާލްދާ ފާހަގަ ކުރައްވާފައިވާ ގޮތުގައި އޭނާގެ ފިރިމީހާ އުޅުއްވަނީ ދިގު މުއްދަތުގެ ކޯހެއް ހެއްދެވުމަށް ރާއްޖެ އިން ބޭރުގަ އެވެ. އަދި އުމުރުން ހަތަރު އަހަރާއި ހަ އަހަރުގެ ދެ ކުދިންގެ ހުރިހާ ކަމެއް ވެސް ބަލަހައްޓަވަނީ އަޒްމިރާލްދާ އެކަނި ކަމަށާއި ހައި ކޯޓުގައި ވެސް ވަޒީފާ އަދާކުރައްވަމުން އެކަނިމާއެކަނި ކުދިންގެ ކަންތައް ބަލަހައްޓަވާ ހަމައެކަނި ފަނޑިޔާރަކީ އޭނާ ކަމަށް ވެސް އަޒްމިރާލްދާގެ ސިޓީގައިވެ އެވެ. މިގޮތަށް މިކަން އޮއްވައި، އަޅުގަނޑާ ސުވާލު ކުރެއްވުމެއް ނެތި، އަޅުގަނޑު އައްޑު އަތޮޅަށް ބަދަލުކުރެއްވުމަށް ނިންމެވުމުން، މިކަން ވެގެން ދިޔައީ އަޅުގަނޑުގެ ދަރިންގެ ހައްގުތަކަށް ވެސް އުނިކަން ލިބިގެންދިޔަ ކަމަކަށެވެ.”

އަދި މިކަމާ ގުޅިގެން ނޫހުން ފެނިގެންދިޔައީ އެކަމަނާ ޖުޑިޝަލް ސާވިސް ކޮމިޝަނަށް މިކަމާ ގުޅިގެން ހުށަހެޅި މައްސަލަ ނުބެލޭނެކަމަށް ނިންމިވާހަކައެވެ. ދެން އެހެން އަލިމަގެއް ނުފެނި އެކަމަނާވެސް އިސްތިއުފާ ދެއްވި ވާހަކައެވެ. ދޭހަވަނީ އެތިބޭ މަދު ދެތިން އަންހެން ފަޑިޔާރުންނާ ދޭތެރޭ ކުރެވޭ ތަފާތުކުރުމާއި ނާއިންސާފު ކަމަށް ގިނަބަޔަކު ގަބޫލްކުރެއެވެ. ސަރުކާރުން އަދި ޝަރުޢީ ދާއިރާގައި ގާބިލް އަންހެނުންތިއްބަސް ކުރިއަރާނެ ފުރުސަތު އަންހެނަކަށްވީތީ މަގުފަހިވެގެން ނުދާތަނެވެ. އަންހެނަކަށްވީތީ ލިބޭ ފުރައްސާރައެވެ. އަޒްމިރާލްޑާގެ ވާހަކަ މިލިޔުމުގައި ހިމަނާލީ އޮފީސްތަކުގައި މަސައްކަތްކުރަމުންވެސް ދަރިންގެ ހުރިހާކަމެއްހެން ބަލަހައްޓާބަޔަކީ އަންހެނުންކަމަށް ވާތީއެވެ. އެހެންވީމާ ވަޒީފާ އަދާކުރާ ރަށް ބަދަލުކުރުމުން އެކަމުންވާ ދަތިތަށް ފިރިހެނަކަށްވުރެ، ދަރިންގެ ކަންތައްބަލަމުން މަސައްކަތްކުރާ އަންހެނަކު ތަހައްމަލްކުރާލެއް ބޮޑުވާނެކަމަށް ފާހަގަކުރެވެއެވެ.

ރަށުފެންވަރުގައި ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރުމުގައި އޮންނަ މުއައްސަސާ ރަށު އަދި އަތޮޅު ކައުލްސިލްތަކުގައި އަންހެން މެމްބަރުންގެ ޖުމްލަ އަދަދަކީ 1118 ކައުންސިލަރުންގެ ތެރެއިން 61 އެވެ.  ދެން އޮތީ އަންހެނުންގެ ކޮމިޓީގެ ހާލަތެވެ. ޒަމާނުއްސުރެ ރާއްޖޭގެ އަތޮޅުތަކުގެ ތަރައްގީއަށްޓަކައި ބޮޑެތި މަޝްރޫއުތައް ހިންގާ އަދި ރަށުގެ އިޖްތިމާއީ ކަންކަމުގައި އަންހެނުންގެ ކޮމިޓީތައް އިސްދައުރެއް އަދާކުރަމުންދަނިކޮށް 2008 ވަނަ އަހަރު މިކޮމިޓީތަށް އުވާލެވި އެކޮމިޓިތަކުގެ އެކައުންޓްތަކާއި މުދާތައް ފިނޭންސް މިނިސްޓްރީއިން ހިފެހެއްޓިކަމަށް މިކަމާގުޅިގެން ހެދިފައިހުރި ރިޕޯޓްތަކުން ހެކިދެއެވެ. ދެން އަންހެނުން ކޮމިޓީ އެކުލެވިގެން އައީ ގާނޫނީ ހައިސިއްޔަތު ލިބިގެންނެވެ. ނަމަވެސް އަމިއްލަ ބަޖެޓެއްނެތި، ބާރެއްނެތި އަންހެނުންގެ ކަންތައް ކުރިއެރުވުމުށާއި، އަންހެނުންނަށް ކުރެވޭ އަނިޔާ ހުއްޓުވުމަށާއި، އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމާ އެތައް މަސައްކަތެއް ކޮމިޓީގެ ޒިންމާ ގައި ހިމެނިފައިވެއެވެ.

ސިވިލް ސާވިސްގައި ގިނަ އަންހެނުން މަސައްކަތް ކުރަމުންދާއިރު ކަންކަން ނިންމާ ސިޔާސަތު ކަނޑައެޅުމުގެ ނޫނީ މަތީ މުސާރަ ލިބޭ ހިސާބުގައި އަންހެނުންގެ ހިއްސާ އެކަށީގެންވާ މިންވަރަށް ނެތްކަން ވަރަށްސާފެވެ.  އަދި އިސްވެ ބުނެވުނުހެން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އަންހެނުންނަށް އިސްކަން ދެވޭމިންވަރު ކުރީގައި ހާމަކުރެވުނު ތަފާސް ހިސާބުން ފެނެއެވެ. އަދި މިހާތަނަށް އަންހެނުން މަސައްކަތުގެ ދާއިރާގައި، ސިޔާސީ ދާއިރާގައި ބައިވެރިވުން އިތުރު ކުރުމަށްޓަކައި ވަގުތީ ކޯޓާ އެއް ކަނޑައެޅުމަށް ކުރެވެނު ހުރިހާ މަސައްކަތެއްވަނީ ނާކާމިޔާބުވެފައެވެ.  އަދި ދާދި އިހަށްދުވަހު މަޖްލީހުން ފާސްވެގެން ދިޔަ މިންތީގެ ހަމަ ކަމުގެ (ޖެންޑަރ އީކުއަލިޓީ) ގާނޫނު ފާސްވިއިރު   ވަގުތީ ކޯޓާ (ޚާއްސަ ފިޔަވަޅުތައް،) މެދުވެރިކޮށް އަންހެނުން ފިރިހެނުންނާ އެއްހަމައެއްގައި ފުރުސަތުތަކަށް ވާސިލުވުމަށް، އަދި- އިޖްތިމާއީ، އިގްތިސާދީ، ސިޔާސީ، – ތަރައްގީގެ އެކި އެކި މަޝްރޫއުތަކުގައި، އަންހެނުންގެ ބަސް، ބައިވެރިވުން އިތުރު ކުރުމަށްޓަކާ އެގާނޫނުގައި ހިމެނިފައިވާ ވަގުތީ ކޯޓާގެ މާއްދާ ވަނީ އުނިކުރެވިފައެވެ.ާ ޓެމްޕަރަރީ ކޯޓާ (ޚާއްސަ ފިޔަވަޅު) އަކީ މިސާލަކަށް  އަންހެނުންގެ ބައިވެރިވުން މަދު ދާއިރާއެއްގައި ވަކި މުއްދަތެއްވަންދެން ވަކި އަދަދެއްގެ މަގާމުތައް އަންހެނުންނަށް ޚާއްސަކުރުމުވެ.

ގާނޫނު ފާސްވިޔަކަސް  އެގާނޫނު ރަގަޅަށް ތަންފީނުވާހާ ހިދަކު ރައްޔިތުންނަށް އޭގެ މަންފާ ރަގަޅަކަށް ނުލިބޭނެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ 2012 ވަނަ އަހަރު ފާސްވެގެން ދިޔަ ގެވެށި އަނިޔާ ހުއްޓުވުުމުގެ ގާނޫނު އަދިވެސް އެދެވޭ ގޮތެއްގައި ތަންފީޒް ނުވާ ކަމަށް މިދާއިރާގައި މަސައްކަތްކުރާ ކަމުވޮށިވެގެންވާ މީހުން އެއްބަސްވެއެވެ. މިއީ ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. މިސާލަކަށް ގެވެށި އަނިޔާ  ހއްޓުވުުމުގެ ގާނޫނު ތަންފީޒް ކުރުމަށް އެކުލެވިގެންވާ މުއައްސަސާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ  ހިންގުމަށް ބޭނުންވާ ބަޖެޓް ނުލިބުމުގެ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. ގެވެށި އަނިޔާ ހުއްޓވުމުުގެ ގާނޫނު ތަންފީޒް ކުރުމަށްޓަކައި އެކުލަވާލި އަދި އެކުލެވެމުންދާ ސިޔާސަތު، އޮނިގަނޑުތައް، ގަވާއިދުތައް ހެދުމަށް އެފް.ޕީ.އޭ އަށް މިހާތަނަށް އެހީވެފައިވަނީ ބައިނަލް އަގުވާމީ މުއައްސަސާތަކުންކަމަށް ބުނުމީ ދޮގަކަށް ނުވާނެއެވެ.

އަދި ހަމަ އެއާއެކު ގައުމުގެ މިންތީގެ ހަމަ ހަމަ ކަމާ ބެހޭ ވުޒާރާ “ޖެންޑަރ މިނިސްޓްރީ އަކީ މިހާތަނަށް އެއްމެ ގިނައިން ބަދަލުތައް އަންނަ ވުޒާރާ އެވެ. މިދިޔަ އަށްއަހަރު ތެރޭގައި 5 ފަހަރަށް އެ ވުޒާރާ އަށް ބަދަލު އައިސްފައި ވެއެވެ. މިއީ އެހެން މިނިސްޓްރީ އަކާ އެއްކޮއްލުމަށްފަހު އަދި ވަކި މިނިސްޓްރީ އަށް ބަދަލުވަމުން ދިޔުމެވެ. މި ބަދަލުތަކުގެ ސަބަބުން ވުޒާރާގެ ބަޖެޓާއި، ސިޔާސަތުތައް ކޮއްމެ ފަހަރަކު ބަދަލުތައް އާދެއެވެ. އަދި ކުރީގައި އެކުލަވާލެވިފައިވާ ރަގަޅު ސިޔާސަތުތައް ހުއްޓުމުކަށްވެސް އާދެއެވެ.

ރާއްޖޭގައި މިހާތަނަށް މިންތީގެ ހަމަ ހަމަ ކަމާ ގުޅޭ ގޮތުން ހެދިފައިވާ، ހެދެމުންދާ ގާނޫނުތައް އިސްވެ ދެންނެވުނުހެން އިހައްވުރެ ގިނައެވެ. ނަމަވެސް އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށްވާ އަންހެނުންގެ އަޑު އަދި ބައިވެރިވުން، ގާނޫނީ އޮނިގަނޑު ފަރުމާކުރުމުގައާއި، ސިޔާސަތު ހެދުމުގައި އޮތީ ވަރަށް ފަހަތުގައެވެ.  އެހެންވީމަ އަދުލްވެރި އިންސާފުވެރި، ހަމަހަމަ މުޖުތަމައެއް ބިނާކުރަން މިކަން ބަދަލުވާން އެބަޖެހެއެވެ. ހެދިފައިވާ ގާނޫނުތައް ރަނގަޅަށް ތަންފީޒުވާން އެބަޖެހެއެވެ. އަދި އަދި މިންތީގެ ހަމަ ހަމަ ކަމުގެ ބިލް އެދެވިވެގެންވާ ގޮތުގައި ތަންފީޒްވެގެން ދާނެ ކަމަށް ގަބޫލު ކުރަމެވެ.

މިންތީގެ ހަމަ ހަމަ ގާނޫނުގައި އެދެވޭ މައުނަވީ ތަފާތުކުރުމަށް ބާރުއަޅާ މާއްދާ އާއި މާލެ ފިޔަވާ އެހެން ރައްތަކުގައި ދިރިއުޅޭ އަންހެނުން ކުރިއެރުމަށް ޚާއްސަ ސަމާލުކަން ދިނުމަށް އޮތް މާއްދާ އުނިކޮށްފައިވާކަމީ އަންހެނުންގެ ކުރިއެރުމަށް ދިވެހިރާއްޖޭގައި އޮތް ގޮންޖެހުންތައް އަދިވެސް ފެއްނަން އޮތް މިންވަރުގެ ސާބިތު ހެއްކެކެވެ.

މަރިޔަމް މުހައްމަދު ދީދީ އަކީ ޢިޖްތިމާއީ ތަރައްޤީގެ ދާއިރާގައި އަމިއްލަ ގޮތުން މަސައްކަތް ކުރާ ފަރާތެކެވެ. އަދި މަދަނީޖަމުޢިއްޔާއެއް ހިންގުމާއި، މަދަނީ މުޖުތަމައުގެ ދާއިރާގައި އަމަލީތަޖުރިބާތަކެއް ހާސިލްކޮށްފައިވާ ފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަ ކަމާއިބެހޭގޮތުން ދިވެހިރާއްޖޭގެ ހާލަތު ދިރާސާކޮށް ދެނެގަތުމުގެ މަސައްކަތް ވެސް މަރިޔަމްކުރެއެވެ.

މަރިޔަމް އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!