ޔާމީން ރަޝީދު މަރާލާފައިވާތާ 1 އަހަރު ފުރުމާ ގުޅިގެން މަދަނީ ޖަމްޢިއްޔާތަކުން ނެރޭ ނޫސްބަޔާން
23 އޭޕްރީލް 2018

ދިވެހިރާއްޖޭގައި އަސާސީ އިންސާނީ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންދިޔަ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ، ޔާމީން ރަޝީދު، ބޮޑެތި އަނިޔާތަކަކާއެކު މަރާލާފައިވާތާ މިއަދަށް 1 އަހަރުފުރުނީއެވެ. އަދި ޔާމީންގެ މަރުގެ މައްސަލައިގައި މިހާރު ކުރަމުންދާ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަކީ އިންސާފަށް އެޅޭ ހުރަހެއްކަމުގައި ދެކެ، އެކަން މިޖަމްޢިއްޔާތަކުން ކުށްވެރި ކުރަމެވެ. އަދި ޝަރީއަތުގެ އަޑުއެހުންތައް މިހާރުން މިހާރަށް، ޢާންމުކޮށް ހުޅުވައިލުމަށް ކްރިމިނަލް ކޯޓަށް ގޮވާލަމެވެ. އަދި ޔާމީން ރަޝީދުގެ އާއިލާއަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ “…ޢާއްމުކޮށް ހުޅުވައިލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު…” ހިމާޔަތްކޮށްދެއްވުމަށް ގޮވާލަމެވެ.

މަރުގެ މައްސަލައެއްގެ ޝަރީއަތް މަޤްތޫލްގެ ވާރިސުންނަށް ސިއްރުން ހިންގުމުން އާޚިރުގައި ޤިޞާސްއާމެދު ޢަދުލުވެރި ގޮތެއް ނިންމުމަށް އެތަކެއް މައްސަލަ ދިމާވެ، އިންސާފުވެރި ނިންމުމެއް ނިންމަން ހުރަސް އެޅޭނޭކަން ސާފުކޮށްދިނުމަށްޓަކައި ޔާމީން ރަޝީދުގެ އާއިލާއިން ކްރިމިނަލް ކޯޓަށް ދަންނަވައި، ވޭތުވެދިޔަ ހަފުތާގެތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް، ކަމިޝަނަރ އޮފް ޕޮލިސް އަދި ހިއުމަން ރައިޓްސް ކަމިޝަނަށް ފޮނުވި ސިޓީތަކަށް ވަނީ އެދެވޭ އިޖާބައެއް ނުލިބިއެވެ. އަދިމިފަދަ މުހިންމު އިންސާނީ ޙައްޤުތަކާއި ގުޅިފައިވާކަންކަމުގައި މިފަދައިހުމާލު މުއައްސަސާތަކުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. އަދި ޖަވާބުލިބިފައިނުވާތީ މިޖަމުޢިއްޔާތަކުން 19 އެޕްރިލް 2018 ގައި އެމުއައްސަސާތަކަށް ކުރިޒިޔާރަތާ ގުޅިގެންވެސް ޖަވާބެއް ދެއްވުމަށް މަސައްކަތެއް ކޮށްފައިވަނީ ހަމައެކަނި ހިއުމަންރައިޓްސް ކަމިޝަނުންނެވެ.

ޔާމީން ރަޝީދު މަރާލުމާ ގުޅިގެން ދަޢުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން އެ މުޢައްސަސާތަކަށް ޤާނޫނުން ލާޒިމުކުރާ ދައުރު ފުރިހަމައަށް އަދާކުރެވިފައިނުވާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ. މިގޮތުން، ޔާމީން ރަޝީދަށް ހަމަލާ ދިނުމުގެ ފަހަތުގައި ތިބީ ކޮންބައެއްކަން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަށީގެންވާގޮތުގައި މަސައްކަތް ކޮށްފައިނުވާކަމާއި، ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ‘ވިކްޓިމް ސަޕޯޓް’ ޔުނިޓްތައް ހިންގަވަމުންދާއިރު އެފަދަ ޔުނިޓެއްގެ އެހީތެރިކަން ޔާމީން ރަޝީދުގެ އާއިލާއަށް ފޯރުކޮށްދީފައިނުވާކަމާއި، ހިއުމަން ރައިޓްސް ކަމިޝަނުން އިސް ނަންގަވައިގެން އެ މައްސަލައިގާ މައްސަކަތްތަކެއް ކުރެއްވިނަމަވެސް އެއް އަހަރު ދުވަސް ފާއިތުވީ އިރު ޔާމީން ރަޝީދުގެ އާއިލާގެ މެންބަރުންނާ އެއްވެސް މިންވަރަކަށް ސުވާލެއް ނުކުރާކަން ހިތާމައާއެކު ފާހަގަކުރަމެވެ. މީގެ އިތުރުން، ޔާމީން ރަޝީދު މަރައިލުމުގެ ކުރިން އޭނާއަށް ތަކުރާރުކޮށް މަރުގެ އިންޒާރުދެމުން އައިސްފައިވާކަމާއި އެއީ ކޮން ބައެއްކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޔާމީން ރަޝީދު ރިޕޯޓުކޮށްފައިވީނަމަވެސް، މިއަދާ ހަމައަށް އެމީހުންނާމެދު ފިޔަވަޅެއް އަޅާފައިނުވާކަމީ އެފަދަ ނުރައްކާތެރި މީހުންގެ ފަރާތުން މުޖްތަމަޢު ރައްކާތެރިކުރުމަށް ނުކުޅެދިފައިވާކަން ދޭހަވެ، މުއައްސަސާއާއި ދޭތެރޭ ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ސީރިއަސް މައްސަލައެކެވެ.

ފާހަގަކޮށްފައިވާ މައްސަލަތަކާއި، އިންސާފު ހޯދުމަށް ދިވެހިރާއްޖޭގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައާއި އެފަދަ ނިކަމެތިކަން ކުރިމަތިވާ ކޮންމެ އާއިލާއެއްގެ އަޑު އުފުލައިދިނުމުގައި މި ޖަމްޢިއްޔާތަކުން ކެނޑިނޭޅި މަސައްކަތްކުރާނަމެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!