ނޫސްބަޔާން
02 ސެޕްޓެމްބަރ 2018

ހިއުމަން ރައިޓްސް ކަމިޝަން އޮފް ދި މޯލްޑިވްސް އިން 30 އޮގަސްޓް 2018 ވަނަ ދުވަހު ނޫސް ބަޔާނެއް މެދުވެރިކޮށް ހާމަކޮށްފައިވާ ބައެއް ވާހަކައާއި ގުޅިގެން ދަންނަވަމެވެ.

ސެޕްޓެމްބަރު 23، 2018 ގައި ބޭއްވުމަށް ކަނޑައެޅިފައިވާ ރިޔާސީ އިންތިޚާބު ބޭއްވޭނެ ފަދަ މިނިވަން އިންސާފުވެރި މާހައުލެއް އޮތްތޯ ކަށަވަރުކުރުމަށްޓަކައި އެ ކޮމިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމާއި ރާއްޖޭގެ އެކިސަރަހައްދުތަކަށް ޒިޔާރަތްކޮށް ހާލަތު ހޯދާ ދެނެގަނެފައިވާ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި މިހޯދުންތަކުގެ އަލީގައި ފާހަގަކޮށްފައިވަނީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް ދިވެހިރާއްޖޭގައި އޮތްކަމަށް ކަންވެސް އެބަޔާނުގައި ބުނެފައިވެއެވެ. މިފަދަމޭރުމަކުން ބަޔާނެއް ކޮމިޝަނުން ނެރުއްވިއިރު ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް އޮތްތޯ ބަލަމުންދާ މަދަނީ އެކި ފަރާތްތައް ވެސް ހިމެނޭކަން ފާހަގަކުރަމެވެ. އަދި ކޮމިޝަނުގެ ބަޔާނާދޭތެރޭ ހައިރާންކަން އުފެދޭ ހިނދު، ކޮމިޝަނުގެ ހޯދުންތަކާއި ހާމަކަން ބޮޑުކޮށް އާންމުކޮށް ލިބެންހުރި މައުލޫމާތާ ހެކިތަކާ ފުށުއަރާކަންވެސް ފާހަގަކުރަމެވެ.

އިންތިޚާބު ބާއްވާ ދުވަހުގެ ކުރިއަށް މިފާއިތުވާ ދުވަސްތަކުގައި ހިނގަމުންދާ ބައެއް ކަންތައްތަކަކީ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާމެދު ބޮޑެތި ސުވާލުތަކެއް މިހާރުވެސް އުފެދިފައިވާ ކަންތައްތަކެއްކަން ގުޅިފައި މިވާ ޖަމްޢިއްޔާތަކުން ފާހަގަކުރަމެވެ. އަދި ތިރީގައި މިދަންނަވާ ކަންތައްތަކަކީ ހިއުމަން ރައިޓްސް ކަމިޝަނުން އިތުރައް ބަލަންޖެހޭ ކަންތައްތަކެއް ކަމުގައި ދެކެމެވެ.

1. އިލެކްޝަންސް ކަމިޝަނުގެ ރައީސް ކަމުގެ މަޤާމުގައި މިވަގުތު ހުންނެވި ބޭފުޅަކީ އެ މަޤާމަށް އައްޔަނުކުރެވެންދެން އިންތިޚާބުގައި ވާދަކުރާ އެއް ކެންޑިޑޭޓުގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވަމުން އައިސްފައިވާ ބޭފުޅަކަށް ވުމުން، އޭނާއަކީ ވަކިފަރާތަކަށް ނުޖެހި އިންތިޚާބުގެ ކަންތައްތައް ނިންމޭނެފަދަ ބޭފުޅަކަށް ނުވުން، އަދި އޭނާ އެމަޤާމަށް ހޮވިފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އަޣްލަބިއްޔަތު (ދެބައިކުޅައެއްބައިވެސް) ހަމަނުވެ، އާދަޔާޚިލާފަށް އަވަސްވެގަނެގެންކަން؛
2. އިލެކްޝަންސް ކަމިޝަންގެ އިންތިޚާބީ އޮފިޝަލުންގެ ގޮތުގައި ހިމެނޭ ބައެއް ބޭފުޅުން، ސަރުކާރު ހިންގާ ޕާޓީގެ ކެންޕޭންގައި ހަރަކާތްތެރިވަމުން އަންނަތަން ފެނުމަކީ އެކަމިޝަނުގެ މުސްތަޤިއްލުކަން ގެއްލިގެން ދާފަދަ ކަމަކަށްވުން؛
3. ވޯޓުލުމަށް ރަޖިސްޓްރީ ކުރުމާއި ރީ-ރަޖިސްޓްރީ ކުރުމުގައި އެތަކެއް މައްސަލަތައް ފެންމަތިވެ، ކަންބޮޑުވާންޖެހޭ ވަރުގެ ގިނަ ޢަދަދެއްގެ މީހުން ވޯޓްލުމުގެ ޙައްގުން މަޙްރޫމްވެފައި ވެދާނޭ ކަމުގެ ޝަކުވާ ބޮޑުވުމާއި ތަކުރާރުކޮށް ރީ-ރަޖިސްޓްރީކުރަންޖެހުމުގެ ތަކުލީފު އުފުލަންޖެހުމީ އިލެކްޝަންސް ކަމިޝަނުގެ ޒިންމާދާރުކަމާމެދު ސުވާލު އުފެދި ރައްޔިތުންގެ އިތުބާރު ކެނޑޭފަދަ ކަންތައްތަކަށްވުން؛
4. އިންތިޚާބާ ގުޅޭ ޤާނޫނާއި ޤަވާއިދުތަކަށް މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިދޭ، އިންތިޚާބުތަކުގައި ވޯޓުލުމާއި އިންތިޚާބުކުރާ މަޤާމްތަކަށް ކުރިމަތިލުމުގެ ޙައްޤު ގެއްލުވާލާފައިވާކަން؛
5. އިލެކްޝަންސް ކަމިޝަނުގައި ހުރި ވޯޓަރ ރަޖިސްޓްރޭޝަނާ ގުޅުންހުރި މައުލޫމާތު، ސަރުކާރު ހިންގާ ޕާޓީއަށް ލީކުވެފައިވާކަމަށް އެކަމިޝަނުން އެއްފަހަރު ބުނެފައި، އަނެއްފަހަރު ތަފާތު ގޮތަކަށް ބުނުމުން ކަމުގެ ހަގީގަތް އޮޅި، އެކަން މިނިވަންކަމާއެކު ތަހުގީގު ކޮށްފައި ނުވާކަން؛
6. ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވޯޓުލުމުގެ ޙައްޤުލިބޭ މީހުނަށް ގުޅައި، އައި.ޑީ ކާޑު އައުކުރުމަށް ބުނުމަކީ އެމީހުންގެ މަޢުލޫމާތު ޢާއްމުވެ، ޒާތީ ދިރިއުޅުމުގެ ޙައްޤު ނަގާލުންކަމާއި، އެމީހުންގެ މައުލޫމާތު ލީކުވެފައިވާކަމަށް ޤަބޫލުކުރުމުގެ ޖާގައޮތް ކަމަކަށް ވުން؛
7. ވޯޓުލުމަށް ރަޖިސްޓްރީ ކުރުން ބަންދުކުރި ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޖަލުން ދޫކުރި 300 މީހުނަށް ވޯޓުލުމުގެ އިންތިޒާމު ކަށަވަރުކޮށްދެވިފައިވަނީ ކޮންގޮތަކަށް ކަމެއް ބެލިފައި ނެތުން؛
8. އިންތިޚާބަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަށް ހަމަލާދިނުމަށް ބަޔަކު މަސައްކަތް ކޮށްފައިވާކަމާއި އެފަދަ ހަމަލާތަކަކީ ކަނޑައެޅިގެން އެބޭފުޅުންނަށް އިންތިޚާބުގައި ހުރަސް އެޅުމަށް ހިންގާފައިވާ ޢަމަލެއްކަން؛
9. އިންތިޚާބު ކަރިވެފައިވަނިކޮށް މާލެއާ އަތޮޅުތަކުގައި ބޮޑެތި މާރާމާރީތައް ގިނަވެ، އިންތިޚާބީ މާޙައުލު ނުތަނަވަސްކޮށް ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފެތުރިފައިވާކަން؛
10. އިންތިޚާބަށް ކުރިމަތިލައްވައިގެން ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކުރައްވާއިރު ފުލުހުން އެ ރަށްރަށަށް ގޮސް އިދިކޮޅު ކެނޑިޑޭޓްގެ ކެމްޕޭން ސާމާނު ނެގުމަށް އިދިކޮޅު ކެމްޕޭންގެ ބޭފުޅުންނަށް އަންގައި، ވަގުތުން އެތަކެތި ނުނަގައިފިނަމަ ފުލުހުން އެތަކެތި ނަގާ، އިދިކޮޅު ކެމްޕޭން ޖަގަހަތަކަށް ތަކުރާރުކޮށް ފުލުހުން ވަންނަ ޚަބަރާއި، މަންޒަރު ޢާއްމުވެފައިވާކަން؛
11. ހަމަހަމަކަމާއެކު ކެމްޕޭންކުރުމުގެ ފުރުޞަތު އިދިކޮޅު ފަރާތްތަކަށް ނުދިނުން: މިގޮތުން ޖަލްސާ ބޭއްވުމަށް މާލަމްތައް ދޫނުކުރުމާއި، މީޑިއާ ކަވަރެޖް ނުދިނުމާއި، އިދިކޮޅު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ އެތަކެއް ބަޔަކު ހައްޔަރުކޮށް ބަންދުކުރުން؛
12. ޕީ.އެސް.އެމް ގެ ބޯޑު މެންބަރުން ސަރުކާރު ހިންގާ ޕާޓީގެ ޖަލްސާތަކާއި ޚަފްލާތަކުގައި އެ ޚަފްލާތައް ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާކަން؛
13. ކޮންމެ އިންތިޚާބެއްގައިވެސް އިންތިޚާބުގެ ކަންތައްތަކުގައި ލަފާ ދިނުމަށް އޮންނަ ޤައުމީ ކޮމިޓީގައި މިފަހަރު ޓްރާންސްޕޭރެންސީ މޯލްޑިވްސްފަދަ މަދަނީ ޖަމްޢިއްޔާތައް ހިމެނުމަށް އިލެކްޝަންސް ކަމިޝަނުން އިންކާރުކޮށްފައިވާކަން؛
14. “މިހާރު” ނޫހުގެ އެޑިޓަރެއް، އިލެކްޝަންސް ކޮމިޝަނުގެ ރައީސަށް ފޮނުއްވި ހުޅުވާލެވިފައިވާ އާންމު ސިޓީއެއްގައި ހާމަކުރައްވާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކަކީ އިންތިޚާބީ މާހައުލު ގާތުން ދިރާސާކޮށް ބަލަމުންދާ ފަރާތްތަކަށް ލިބެންހުރި ސައްހަމައުލޫމާތާ ހެކިތަކަށް ބިނާކޮށް ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކެއްކަމަށް ޤަބޫލު ކުރެވޭކަން.
15. ގިނަ އަހަރުތަކެއް ވަންދެން އިންތިޚާބުތައް އޮބްޒަރވް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގާ، މިއަހަރުގެ މެއި މަހުގައި ޝާޢިއުކޮށްފައިވާ “ޕްރީ އިލެކްޝަން އެސެސްމެންޓް” ގައި، އިންތިޚާބާ ގުޅޭ 11 މައްސަލައެއް ފާހަގަކޮށް، 10 ނުކުތާ އެކުލެވޭ އިސްލާޙްތަކެއް ހުށަހަޅާފައިވާއިރު އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއް އިސްލާޙްކޮށްފައި ނުވާކަން؛
މީގެ އިތުރުން، އެޗް.އާރު.ސީ.އެމް އިން ކުރަމުން އަންނަ ދިރާސާތަކަށް މައުލޫމާތު ހޯދުމުގައި މިހާތަނަށްވެސް އަޅުގަނޑުމެންގެ އެއްވެސް ޖަމްޢިއްޔާއަކާ މަޝްވަރާކޮށް، މައުލޫމާތު ހޯދާފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. އަދި މަތީގައި ދަންނަވާފައިވާފަދަ ސީރިއަސް މައްސަލަތަކަށް ނުބަލައި އެފަދަ ޒިންމާދާރުކަން ކުޑަކޮށް އިންތިޚާބާ ގުޅޭ ކަންތައްތަކުގައި ޢާއްމު ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭފަދަ ނޫސްބަޔާންތައް ނުނެރުމަށް ގޮވާލަމެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!