ނޫސް ބަޔާން – 21 ޖަނަވަރީ 2018

އަންހެނުން ރޭޕްކުރުމުގެ ނުރައްކާތެރި ޖަރީމާ ރާއްޖޭގައި ގިނަވަމުންދާތީ ކަންބޮޑުވުން

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަންހެނުންނާއި އަންހެންކުދިން ރޭޕްކުރުމުގެ ނުރައްކާތެރިކަން އިތުރުވަމުންދާތީ މިޖަމުއިއްޔާއިން ނުހަނު ކަންބޮޑުވެއެވެ. 2018 ވަނަ އަހަރުގެ 20 ވަނަދުވަހާ ހިސާބަށް އައިއިރު ރޭޕްގެ ލާއިންސާނީ ޖަރީމާގެ 3 ހާދިސާ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު 18 އަހަރުގެ އަންހެން ކުއްޖަކު މާލޭގެ ސްޓޫޑިއޯއެއްގައި ރޭޕްކުރި ކަމުގެ ޙަބަރު ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ޖަނަވަރީމަހުގެ 9 ވަނަ ދުވަހު 17 އަހަރުގެ އަންހެން ކުޑަކުއްޖަކު ލ.ކަލައިދޫގައި ބްލެކްމެއިލްކޮށް ރޭޕް ކޮށްފައިވާ ޚަބަރު ރިޕޯޓުކޮށްފައިވެއެވެ. ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު 25 އަހަރުގެ އަންހެނަކު ރ.ދުވާފަރުގައި ގޭގައި ނިދާފައިއޮއްވާ މެންދަމުގެ ވަގުތެއްގައި ގުރޫޕެއްހަދައިގެން ބަޔަކުވަދެ ރޭޕްކޮށްފައިވާކަން ނޫސްތަކުން މައުލޫމާތު ލިބިފައިވެއެވެ. އަދި ރޭޕްގެ ލާއިންސާނީ ޖަރީމާ ހިންގާމީހުން އަނިޔާގެ ޝިކާރައަކަށް ހަދާމީހާ ބްލެކްމެއިލް ކުރަން މަސައްކަތް ކޮށްފައިވާކަން މިއިން ކޮންމެ ރިޕޯޓަކުން ފާހަގަކުރެވެއެވެ. މިކަމުން ދޭހަވަނީ މިފަދަ ހާދިސާތަށް މިގޮތަށް ހިނގަމުންދާނަމަ ރިޕޯޓުކުރުމަށް ޖެހިލުންވާނެ އެތައް ފަރާތްތަކެއް ވުމަކީ އެކަށީގެންވާކަމެއް ކަމެވެ.

ރޭޕްގެ ލާއިންސާނީ، ދަށުދަރަޖައިގެ އަނިޔާވެރި ޖަރީމާ އަކީ އޭގެސަބަބުން އެއަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް، މުޅިހަޔާތަށް ދިގުދެމިގެންދާ ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ ބަލިމަޑުކަމަކަށް ހުށަހެޅިގެންދާފަދަ ޖަރީމާއެކެވެ.

ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިން ތަހައްމަލުކުރަމުންދާ ޖިންސީއަނިޔާގެ ހަމަލާތަކާއި ރޭޕްގެ ނުރައްކާތެރިކަން ގިނަވަމުންދާ ހިނދު, ކަމާބެހޭ ފަރާތްތަކުން އެކަން ހުއްޓުވުމަށް އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅިގެންދާތަން އާންމު އުސޫލެއްގެ ގޮތުން ނުފެންނަކަމީ އެފަދަ ޖަރީމާތަށް ހިންގާ ފަރާތްތަކަށް ލިބިގެންދާނޭ ހިތްވަރެއްކަމަށް ޤަބޫލުކުރެވެއެވެ. ރާއްޖޭގެ މުޖުތަމައުއަކީ ރޭޕްގެ ޖަރީމާ ހިންގާމީހާގެ އަމަލުތަށް ކުށްވެރި ކުރުމުގެ ބަދަލުގައި އެޖަރީމާގެ ޝިކާރައަކަށްވާ މީހާ ކުށްވެރިކުރުމުގެ ސަގާފަތެއް ގެންގުޅޭ މުޖުތަމައުއެއްކަން ހިތާމައާއި އެކު ފާހަގަކުރެވެއެވެ. އަދި އެފަދަ ޖަރީމާތަށް އާންމު މުޖުތަމައުގައި ފަރުދީފެންވަރުގައި ކަނުލޮލަކުން ބަލާކަމަކަށްވާނަމަ އެއީވެސް ޖަރީމާހިންގާ ފަރާތްތަކަށް ލިބޭނޭ ހިތްވަރެއްކަމަށް ޤަބޫލުކުރެވެއެވެ.

އުތެމަ ޖަމުޢިއްޔާއަކީ އަންހެނުންނާ ދެކޮޅަށް މުޖުތަމައުގައި ކުރެވޭ އެންމެހާ ނޭދެވޭ ތަފާތުކުރުންތަކާއި އަނިޔާތަށް ހުއްޓުވުމަށް ވަކާލާތުކުރާ ޖަމުޢިއްޔާއެކެވެ. ރާއްޖޭގައި އަންހެނުން ރޭޕްކުރުމުގެ ޖަރީމާތަށް ހުއްޓުވައި ރާއްޖޭގެ ރަށްތަކަކީ އަންހެނުންނަށާއި ފިރިހެނުންނަށްވެސް އަނިޔާވެރި ޖަރީމާތަކުން ސަލާމަތްކަން ލިބިފައިވާ އަމާން މުޖުތަމައުއަކަށް ހެދުމަށް މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށާއި މުޖުތަމައުގެ އެންމެހާ ފަރުދުންނަށްވެސް ގޮވާލަމެވެ.

21 ޖަނަވަރީ 2018
04 ޖުމާދުލް އައްވަލް 1439

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!