ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއަށް،

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އަޅުގަނޑުމެން މިލިޔުން މިފޮނުވަނީ ދިވެހި ސަރުކާރުގެ ފަރާތުން އަނެއްކާވެސް މަރުގެ އަދަބު ތަންފީޒުކުރުމަށް ތައްޔާރުވަމުންދާތީއާއި، އަދި 6 އޮގަސްޓު 2017ގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅެއްގައި އަންނަ ސެޕްޓެމްބަރު މަހު މިކަން ކުރާނެކަމަށް އިއުލާނު ކުރައްވާފައިވާތީ މިކަމާ ނުހަނު ކަންބޮޑުވާކަން ފާޅުކުރުމަށް ޓަކައެވެ.

ދިވެހިރާއްޖެއަކީ ތާރީޚީގޮތުން ބައިޤަރުނަށްވުރެ ގިނަދުވަސްވީ މޮރިޓޯރިއަމް އެއް (ނުވަތަ މަރުގެ އަދަބު ތަންފީޒުކުރުމާއި ދުރުވުމުގެ ސިޔާސަތެއް) ފަޚުރުވެރިކަމާއިއެކު ހިފަހައްޓާފައިވާ ޤައުމެކެވެ. އެހެންކަމުން ޤައުމީ އަދި ބައިނަލްއަޤުވާމީ ފަންތީގައި ރާއްޖޭގެ ކަންކަން ބަލަމުންދާ ފަރާތްތަކެއްގެ ހައިސިއްޔަތުން، މިފަޚުރުވެރި ތާރީޚު ނިމުމަކަށްގެނައުމަށް ކުރެވޭމަސައްކަތްތަކާއި ދޭތެރޭ އަޅުގަނޑުމެންގެ އެތަކެއް ސީރިައަސް ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން 2013 ވަނައަހަރު ދިވެހިރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުން މަރަށްމަރުހިފުމުގެ ޘަޤާފަތެއް ރާއްޖޭގައި އިޔާދަ ނުކުރުމަށް ވަރަށް ސާބިތުކަމާއިއެކު ޚިޔާރުކުރިއެވެ.[1] ދިވެހިރާއްޖޭގެ ތާރީޚުގައި މަރަށްމަރުހިފުން ބޭނުން ކޮށްފައިވަނީ ވަރަށް ނާދިރުހާލަތެއްގައި، 1950 ގެ އަހަރުތަކުގެ ތެރޭގައި އެންމެ ފަހަރަކުއެވެ.

ބައިނަލްއަޤުވާމީ އެކުވެރިން އެއްއަޑަކުން ރާއްޖެއަށް އިލްތިމާސްކުރަމުންދަނީ މަރަށްމަރުހިފުމަކީ ދިވެހިރާއްޖެއަށް ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އޮކްސްފަޑް ޔުނިވަރސިޓީގެ ޝަރަފުވެރި ދީނީ އިލްމުވެރިއެއް ކަމަށްވާ ތާރިޤް ރަމަދާން ވިދާޅުވެފައިވަނީ މަރަށްމަރުހިފުން ވެގެންދާނީ “އިސްލާމީ ޤާނޫނުގެ އަސާސީ މަފްހޫމްތަކާ ތަޢާރަޒުވާނެ” ކަމެއްކަމުގައެވެ.[2] އަދި ރާއްޖޭގައި މަރަން ހުކުމް ކަނޑައެޅިފައި ތިބި ބައެއްމީހުންގެ މައްސަލަ ދިރާސާކުރެއްވުމަށްފަހު ޕްރޮފެސަރ ރަމަދާން ވިދާޅުވެފައިވަނީ، “ކުރިއަށްދާން އޮތީ އެންމެ މަގެކެވެ. އެމަގަކީ އިންސާފުވެރި ވުމާއި، އަދި ޝަރީއާގެ ނަމުގައި އަމަލުކުރާއިރު، ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރެވިފައިވާ ހާލަތަކަށް ކަންތައްތައް ހުރުމަކީ ކަންކުރަންޖެހޭ ގޮތްކަން ބަލައިގަތުމެވެ.”

ލިބެންހުރި އަދި އިތުރުވަމުންދާ ހެކިތަކުން އެނގެނީ މަރަށްމަރުހިފުމުގެ އަދަބު ކަނޑައެޅިފައިވާ ފަރާތްތައް ކަމަށްވާ – ހުސައިން ހުމާމް އަހުމަދު، އަހުމަދު މުއްރަތު އަދި މުހަންމަދު ނަބީލު އަށް – އިންސާފުވެރި ޝަރީއަތެއް ނުލިބޭކަމެވެ.[3] އަދި މިހުކުމްތަކަށް ވާސިލުވެވިފައިވަނީ މަޖުބޫރީހާލަތުގައި އެއްބަސްކުރުވައިގެންކަމާއި އެހެނިހެން ސީރިއަސް އިޖުރާއީ މައްސަލަތަކެއްގެ ތެރެއިންކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ފަދަމައުލޫމާތު ލިބިފައިވެއެވެ. ވޭތުވެދިޔައަހަރު އދ. ގެ އިންސާނީ ޙައްޤުތަކުގެ ކޮމިޓީ އިން ހުމާމުގެ މަރުގެހުކުމް ތަންފީޒުކުރުން ހުއްޓުމަށް ރާއްޖޭގެ ސަރުކާރަށް އެދިފައިވެއެވެ. އަދި އެއީ ހުމާމުގެ ފަރާތުން ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައެއް އެކޮމިޓީގައި އޮތަތީއެވެ. އދ. ގެ އެކޮމިޓީއިން މިފަދަ އެދުމެއް މިދިޔަމަހުވަނީ އަހުމަދު މުއްރަތާއި މުހަންމަދު ނަބީލުގެ މައްސަލަތަކާއި ގުޅިގެންވެސް އެދިފައެވެ. އދ. ގެ އިންސާނީ ޙައްޤުތަކުގެ ކޮމިޓީއަށް އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެ ވަނީ ޤާނޫނީވައުދެއް ވެފައެވެ. އަދި ދިވެހި ސަރުކާރުން މަރުގެހުކުމް ތަންފީޒުކުރުމުގައި ކުރިއަށް ހިނގައްޖެނަމަ އެކަންވެގެންދާނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފުއަމަލަކަށެވެ. އަދި އެ ތިންމީހުންގެ ދިރިހުރުމުގެ ޙައްޤުރައްކާތެރިކުރުމުގެ ޒިންމާއާއި ޚިލާފުވެސް އަމަލަކަށެވެ.

60 އަހަރަށްފަހު މަރުގެހުކުމް ތަޢާރަފުކޮށް ތަންފީޒުކުރުމަށް ފާހަގަކޮށްފައިވާ ޙުއްޖަތަކީ އަނިޔާވެރި ޖަރީމާތަށް ހުއްޓުވުމަށްކަމެވެ. ނަމަވެސް ފެންނަންހުރި ހުރިހާދިރާސާއަކުން ދައްކަނީ މަރަށްމަރުހިފުމަކީ އެއްވެސް ހާލަތެއްގައި އެފަދަޖަރީމާ ހުއްޓުވޭކަމެއް ނޫންކަމެވެ.

ދިވެހިރާއްޖެ އާރާސްތުވާނީ ޤައުމުގެ ހަމަތަށް – އޭގެތެރޭގައި އިންސާނީ ޙައްޤުތަކާއި ޤާނޫނާއި ޤަވާއިދު އަދި ޝަރުޢީ ކޯޓުތަކުގެ އިންސާފުވެރިކަމާއި މުސްތަޤިއްލުކަން – ހިމާޔަތްކޮށް ކުރިއަރުވާ ނެގެހެއްޓިގެންނެވެ. އިންސާފުވެރި ޝަރީއަތެއް ލިބިފައިނުވާ ޤައިދީން މެރުމުން އިޔާދަނުކުރެވޭނެ ބޭއިންސާފުގެ ނުރައްކަލަށް މަގުފަހިވާނެއެވެ. މަރަށްމަރުހިފުމުން ދިވެހިރާއްޖެއަށް ރައްކާތެރިކަން ލިބިގެނެއްނުދާނެއެވެ.

އަޅުގަނޑުމެންގެ އިލްތިމާސް އަކީ ތިޔަ މިސްރާބު ބަދަލުކުރަށްވާ މަރުގެހުކުމް ތަންފީޒުކުރުން ހުއްޓާލެއްވުމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
09 އޮގަސްޓް 2017

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް،
މާލެ، ދިވެހިރާއްޖެ.

އެމްނެސްޓީ އިންޓަރނޭޝަނަލް
އެންޓި-ޑެތް ޕެނަލްޓީ އޭޝިއާ ނެޓްވަރކް
އޭޝިއަން ފޯރަމް ފޮރ ހިއުމަން ރައިޓްސް އެންޑް ޑިވެލޮޕްމަންޓް (ފޯރަމް އޭޝިއާ)
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް
ރިޕްރީވް
ޓްރާންސްޕޭރަންސީ މޯލްޑިވްސް
އުތެމަ


[1] http://english.sun.mv/13723

[2] http://maldivesindependent.com/feature-comment/tariq-ramadans-appeal-for-president-yameen-to-stop-imminent-execution-125217

[3] http://www.ohchr.org/EN/NewsEvents/Pages/DisplayNews.aspx?NewsID=20353&LangID=E

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!