ނޫސް ބަޔާން – ދިވެހި ތަރުޖަމާ

7 ނޮވެންބަރު 2017

26 އޮކްޓޯބަރު 2017 ގައި ދިވެހިރާއްޖޭގެ ސަރުކާރުން ވަނީ އެޅުން ކޮންމެހެން ބޭނުންކަމާމެދު ސުވާލު އުފެދޭ އެއަރޕޯޓެއް ބިނާކުރުމަށްޓަކައި، ހދ. ކުޅުދުއްފުށީގައި އޮންނަ ރާއްޖޭގެ އެންމެ ބޮޑު މަށިކުޅި ހިއްކުމުގެ މަސައްކަތް ކުރުމަށް ހުއްދަ ދީފައެވެ. ކުޅުދުއްފުއްށިން ސްޕީޑުބޯޓުގައި އެންމެ 20 މިނެޓުން ދެވޭހާ ގާތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު އޮތްކަން ފާހަގަ ކުރެވެއެވެ. ވީމާ، މިމުހިންމު ޤުދުރަތީތަރިކަ ހަލާކުކުރުން ހުއްޓާލުމަށް މިކަމަށް ވަކާލާތުކުރާ މަަދަނީފަރާތްތަކުންވަނީ ކަމާބެހޭއިދާރާތަކަށް ގޮވާލާފައެވެ.*

ތިމާވެށީގެ ގޮތުން ކަނޑައެޅިފައިވާ ޤާނޫނީ އިޖްރާއާތުތަކަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް ތޯރިޤު އިބްރާހީމް ކަމޭހިއްތަވާފައި ނުވާތީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ. މިގޮތުން މިނިސްޓަރު ވަނީ ތިމާވެށީގެ ގޮތުން އަސަރުފޯރާ މިންވަރު ބެލުމުގެ އިޖްރާއާތުތައް އަވަސްކުރައްވައި 26 އޮކްޓޯބަރ 2017 ވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިއުމުގައި އަމިއްލަފުޅަށް ސޮއިކުރައްވާފައެވެ. އީއައިއޭ ގަވާއިދުގައި ބުނާގޮތުން އީއައިއޭ ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދުމަށްޓަކައި ވަކި މުއްދަތަކަށް ފުރުސަތު ހުޅުވާލަން ޖެހެއެވެ. ނަމަވެސް، މިނިސްޓަރު ކުޅި ހިއްކުމުގެ ޕްރޮޖެކްޓަށް ހުއްދަ ދެއްވާފައިވަނީ، އާންމުކޮށް އީއައިއޭތައް ބަލާ އެއާމެދު ގޮތް ނިންމާ މުއައްސަސާކަމަށް ވާ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އާންމުންގެ ހިޔާލު ފޮނުވުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ 5 ދުވަސް ކުރިންނެވެ.

28 އޮކްޓޯބަރު 2017 ވީ ހޮނިހިރު ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައިވާކަން އިއުލާންކޮށްފައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ، ޕްރޮޖެކްޓަށް ހުއްދަ ދިން ތިމާވެށީގެ ގޮތުން ނިންމި ގޮތް އަންގާ ލިއުން އާންމުކޮށްފައިވަނީ، އެމްޓީސީސީއިން މަސައްކަތް ފެށިކަން އިއުލާނުކުރިތާ 3 ދުވަސް ފަހުން، 1 ނޮވެމްބަރު 2017 ވީ ބުދަ ދުވަހުގައި ކަމެވެ. ހަމަ  އެހެންމެ، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހަމައެކަނި ކުޅި ހިއްކުމުގެ މަސައްކަތް ކަމެވެ.

18 ސެޕްޓެމްބަރު 2017 ގައި ދިވެހި ސަރުކާރުން ވަނީ އެއަރޕޯޓު ތަރައްގީކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ގްރައިފޯން އެނަރޖީ ކޯޕަރޭޝަންއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައެވެ. އަދި އޭގެ ފަހުން މަސައްކަތް ބަޔަކާ ހަވާލުކުރިކަން މިހާތަނަށް އެނގޭކަށް ނެތެވެ.

މީގެ އިތުރުން، އީއައިއޭ ރިޕޯޓު ތައްޔާރުކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓު އެންޑް އެނަރޖީގެ ދަށުން ހިންގާ މޯލްޑިވްސް މީޓްރޯލޮޖިކަލް ސަރވިސްގައި މަސައްކަތް ކުރާ ސިވިލް ސަރވަންޓަކަށް ވާއިރު، އެރިޕޯޓުގެ މިނިވަންކަމާ ދޭތެރޭގައިވެސް އަޅުގަނޑުމެން ސުވާލު އުފައްދަމެވެ.

މިމައްސަލައިގައި ގާނޫނީ އިޖްރާއާތުތަކަށް ތަބާވެފައި ނެތުމާއި މިހާ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އާންމުންގެ ހިޔާލު ހޯދުމަކާނުލާ ނިންމުމާމެދު އަޅުގަނޑުމެންގެ ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އަދި ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އަދި  ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްގުތަކާ ހިލާފަށް އީޕީއޭއިން ނިންމި ނިންމުމާ ދެކޮޅު ހަދަމެވެ. އެނިންމުން އެންގި ލިއުމުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގައި މައްސަލަތަކެއް ހުރިއިރު، އެޝަރުތުތަކަށްވެސް ޕްރޮޖެކްޓު ހިންގުމާ ހަވާލުވެ ތިބި (މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ޑިވިޝަނެއް ކަމަށްވާ) ރީޖަނަލް އެއަރޕޯޓްސްއާއި މަސައްކަތް ސަބްކޮންޓްރެކްޓުކޮށްފައިވާ އެމްޓީސީސީއިން ތަބާ ނުވާކަން މިތާގައި ފާހަގަކުރަމެވެ. މިގޮތުން ޕްރޮޖެކްޓު ހިންގާ ފަރާތުން ހިލާފުވެފައިވާ ޝަރުތުތަކުގެ ތެރޭގައި ތިރީގައިވާ ކަންތައްތައް ހިމެނެއެވެ.

• ކުޅި ހިއްކުމަށްޓަކައި ފަސްނަގާ ސަރަހައްދަކީ ކޮބާކަން ކަނޑައަޅާފައި ނެތުން، އަދި އެކަމަށްޓަކައި ކުރަންޖެހޭ ޖިއޯޓެކްނިކަލް ދިރާސާތައް ކޮށްފައި ނެތުން.
• ޕްރޮޖެކްޓު ހިންގާ ސަރަހައްދު ކުޅީގެ ބާކީއޮތް ބައިން ވަކިކޮށްފައި ނެތުން.
• ތިމާވެށީގެގޮތުން ޕްރޮޖެކްޓު ހިންގާ ސަރަހައްދާ އެއް ސިފަތަކެއް ހުރި އާ ސަރަހައްދެއް ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ ބެލެހެއްޓުމަށް ޕްރޮޖެކްޓު ހިންގާ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުން. (މިޝަރުތަކީ އޭގެ ޒާތުގައިވެސް ކުރުން މުސްތަހީލު ޝަރުތެކެވެ.)
• ކޮންޓްރެކްޓަރ ހަދަމުންދާ “ބަންޑް ވޯލް”އަކީ އޭގައި ހުންނަންވާނެ ކަމަށް ޝަރުތުކޮށްފައިވާ ސިފަތައް ފުރިހަމަ ނުވާ އެއްޗެކެވެ. ސަބަބަކީ، ޝަރުތުކޮށްފައިވާ ގޮތަށް ހިލައާއި ޝީޓް ޕައިލިންގ ބޭނުންކުރުމުގެ ބަދަލުގައި ކޮންޓްރެކްޓަރ ދަނީ ވެލިފުނި ޖަހައިގެން ބަންޑް ވޯލް ހަދަމުންނެވެ.
• އޭވިއޭޝަން ގަވާއިދުގެ ދަށުން އިމާރާތްތަކުގެ އުސްމިނަށް އަންނާނެ ހަނިކުރުންތަކާ ބެހޭ ގޮތުން ސްޓޭކްހޮލްޑަރުންނާ މިހާތަނަށް ވާހަކަ ދެކެވިފައި ނެތެވެ.
• ރަށުގައި ފެންބޮޑުވުމުގެ މައްސަލަ ކުޑަކުރުމަށާއި ފެން ހިންދުމަށް ބޭނުންކުރާނެ އެހެން ނިޒާމެއް ހުށަހަޅާފައި ނެތެވެ. (މިކަމަށް ހައްލުހޯދާނެ އެއްވެސް ގޮތެއް ހަމަޖެއްސުމަށް ޕްރޮޖެކްޓު ހިންގާ ފަރާތުން މަސައްކަތް ކޮށްފައި ނެތުމަކީ، ގުދުރަތީ ކާރިސާއެއް ދިމާވެއްޖެނަމަ ރަށުގެ އާބާދީ އިތުރު ނުރައްކަލަކަށް ހުށަހެޅިގެންދާނެ، ބިރުގަންނަން ޖެހޭ ކަމެކެވެ.)

މެއި 2017 ގައި ކުޅުދުއްފުށީ ޒުވާނުންގެ ޖަމްއިއްޔާ (ސީބީއޯ) އިން ކުރި ސަރވޭއަކުން ދައްކާ ގޮތުގައި އާމްދަނީ ހޯދުމަށްޓަކައި ކުޅީގެ މައްޗަށް ބަރޯސާވާ ގާތްގަނޑަކަށް 404 އާއިލާ ރަށުގައި އެބައުޅެއެވެ. އަދި އެއާއިލާތަކުން ކުޅީގެ ބޭނުން ހިފާ، ރޯނު ވަށައިގެން އަހަރެއްގެ މައްޗަށް 8.7 މިލިއަން ދިވެހި ރުފިޔާ (564،202.00 އެމެރިކާ ޑޮލަރު) ގެ އާމްދަނީއެއް ހޯދައެވެ. މި ބޮޑު އެހެނަސް ނުރަސްމީ މަސައްކަތުގެ އެންމެ ބޮޑު ބައެއް އަދާ ކުރަނީ މުޖުތަމައުގެ އެންމެ ނިކަމެތި ފަރުދުންކަމަށްވާ އަންހެނުންނެވެ. ހަމައެހެންމެ، ހުށައަޅާފައިވާ ޕްރޮޖެކްޓު ހިންގުމަށްޓަކައި 18 ގޭބިސީގެ މީހުންގެ ގެދޮރު ބަދަލުކުރަންޖެހޭ އިރު، އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބޭ ގޮތުގައި އެމީހުންނަށް އަދި މިކަން އަންގާފައެއް ނެތެވެ. ވީމާ، މިޕްރޮޖެކްޓުގެ ސަބަބުން އާމްދަނީ ހޯދުމުގެ ވަސީލަތް ގެއްލިގެން ގޮސްފައިވާ ފަރާތްތަކަށާއި ނޭދެވޭ އަސަރުކޮށްފައިވާ ފަރާތްތަކަށް ގެއްލުމުގެ ފުރިހަމަ ބަދަލު ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ ސަރުކާރަށް ގޮވާލަމެވެ.

ކުޅުދުއްފުށީ ކުޅީގެ ގުދުރަތީ ނިޒާމު ހަލާކުކޮށްލުންވެގެންދާނީ ދިރޭތަކެތީގެ ނަސްލަށް ބޮޑެތި ގެއްލުންތަކެއް ވާ، އާމްދަނީ ހޯދުމުގެ މަސައްކަތްތަކަށް ބޮޑު ބުރުލެއް އަރާ، ކާރިސާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެންދާ، އަދި ރާއްޖޭގައި އޮތް އެންމެ މުހިންމު އެއް ގުދުރަތީ ނިޒާމަށް އިއާދަނުކުރެވޭ އަދި ފޫނުބެއްދޭ ގެއްލުންތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. މީގެ ސަބަބުން، މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ކުޅުދުއްފުއްޓަށާއި އެރަށުގެ ރައްޔިތުންނަށް އޮންނަ ފުރުސަތަށް ސީދާގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި މިޕްރޮޖެކްޓަކީ އޭގެ ޒާތުގައިވެސް އިންސާނީ އަސާސީ ހައްގުތަކާއި، ދެމެހެއްޓެނިވި ތަރައްގީއާއި ހެޔޮވެރިކަމުގެ އުސޫލުތަކާ ހިލާފުވާ ޕްރޮޖެކްޓެކެވެ. އަދި މިޕްރޮޖެކްޓު ވެގެންދާނީ ބައިނަލް އަގްވާމީ ގޮތުން ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާއާއި ޕެރިސް އެގްރީމެންޓުގައި ބައިވެރިވެ ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ފަހަތަށް އެޅޭނެ ފިޔަވަޅަކަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު ހުރީ 2030 އާ ހަމައަށް ދެމެހެއްޓެނިވި ތަރައްގީގެ 17 ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެއްބަސްވެފައިވާ ބައިނަލްއަގްވާމީ އެޖެންޑާއާ ކަނޑައެޅިގެން ހިލާފަށްކަން ދައްކުވައިދޭ ކަމެކެވެ. އަދި އެހެންމެ ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ވަކާލާތުކުރާ މުހިންމު ގައުމެއްގެ ގޮތުންދިވެހިރާއްޖެއިން އަދާކުރާ މަސައްކަތަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމެއް މެއެވެ. ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދުގެ މިދައުރުގެ ރިއާސަތު ބަލަހައްޓާ ގައުމުގެ ގޮތުން އިއްތިހާދުގެ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ބިރާ ކުރިމަތިލުމުގައި އީޖާބީ މިސާލެއް ގާއިމުކުރުމަށް ދިވެހިރާއްޖެއިން ފެއިލްވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

އެހެންކަމުން، މިޕްރޮޖެކްޓަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއީ، ސަގާފީ، އަދި އިގްތިސާދީ ގޮތުންނާއި ހެޔޮވެރިކަމުގެ ގޮތުން ބަލާއިރުވެސް އެދެވޭ ޕްރޮޖެކްޓެއް ނޫނެވެ.

* (މިފޮޅުވަތުގައިވަނީ 7 ނޮވެމްބަރުގައި ނެރެފައިވާ ދިވެހި ތަރުޖަމާގައިވާ ކުށެއް އިސްލާހުކޮށް ފައި – 8 ނޮވެމްބަރ 2017)

 

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!