“މިންތި” މިބަހަކީ އިގިރޭސިބަހުން ކިޔާނަމަ “ޖެންޑަރ” އެވެ. މިންތީގެ ނަޒަރިއްޔާާތަކީ އަންހެނުންނާއި ފިރިހެނުންގެ ފަރަގު، މުއްސަނދިންނާއި ފަޤީރުން އަދި މާލެ އާއި އެހެންރަށްރަށުގެ މީހުންގެ ނުވަތަ މުޅިޤައުމުގެ އެންމެންގެ އިޖުތިމާއީ ހާލަތަށް އަލިއަޅުވާލާ ކަންކަން ބެލުމެވެ. މިންތީގެ ހަމަހަމަ ކަމަށް ވަކާލާތުކުރާ މީހުން އެކިއެކި ކަންކަން ބަލަނީ މިނަޒަރިއްޔާތުންނެވެ. މިލިޔުމުގެ ތެރޭން މިންތީގެ ނަޒަރިއްޔާތުން ދިވެހިރާއްޖޭގެ އިގުތިޞާދީ ދާއިރާއަށް  ބަލައިލާނަމެވެ.

ރާއްޖޭގައި އުޅޭ ދިވެހި ފިރިހެނުންގެ ތެރެއިން %75 އަދި އަންހެނުންގެ ތެރެއިން %47 ހިމެނެނީ ރަސްމީސިފައެއްގައި އުޖޫރަލިބޭ މަސައްކަތްކުރާމީހުންގެ ގިންތީގައެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހިމަނައިގެން ގުނާނަމަ ކޮންމެ 2 ދިވެއްސަކަށް ބިދޭސީ މީހަކު ރާއްޖޭގައި ދިރިއުޅެއެވެ. މީގެތެރޭގައި ގިނައީ ޒުވާން ފިރިހެނުންނެވެ. އެހެންކަމުން ރާއްޖޭގައި ގިނައީ ފިރިހެނުންނޭ ބުނެވޭނެ ޖާގަ އެބައޮތެވެ. ރާއްޖޭގައި އުޅޭ ދިވެހި ފިރިހެނުންގެ ތެރެއިން %75 އަދި އަންހެނުންގެ ތެރެއިން %47 ހިމެނެނީ ރަސްމީސިފައެއްގައި އުޖޫރަލިބޭ މަސައްކަތްކުރާމީހުންގެ ގިންތީގައެވެ.
ރާއްޖޭގައި އާމްދަނީ ހޯދުމަށް ކާކު ކީއްތޯ ކުރަނީ ބަލާއިރު ދިވެހިރާއްޖޭގެ އެންމެބޮޑު އިގުތިޞާދީ މައިނާރު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަނީގާތްގަޑަކަށް 18 ހާސް ދިވެހިންނާއި 16 ހާސްބިދޭސީންނެވެ. ދިވެހީންގެ ތެރެއިން އަންހެނުންނަކީ އެންމެ %7 އެވެ. މިދާއިރާގައި ބިދޭސީއަންހެނުން ޝާމިލުވަނީ %11 އެވެ. އަދިމިހާތަނަށް ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ ވެރިން ގެ ތެރޭން އަންހެން، ފިރިހެން އިންސައްތަ ބެލޭނެ އެއްވެސް ތަފާސްހިސާބެއް ހޯދާނުލިބުނެވެ. މިއަދަދުގެ ތެރެއިން ދިވެހިން، އަދި ބިދޭސީން ގެ ނިސްބަތަކީވެސް އާންމުކޮށް ލިބެންހުންނަ މައުލޫމާތެއް ނޫނެވެ. ފެންނަމަންޒަރުތަކުން ދޭހަވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއި ވިޔަފާރިތަކުގެ ވެރިންނަކީ ފިރިހެނުންކަމެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންހިމެނެއެވެ.
ދެވަނަ އިގުތިޞާދީ ތަނބުކަމަށްވާ މަސްވެރިކަމުގައި ވެސް ގިނައިން އުޅެނީ ފިރިހެނުންނެވެ. ނަމަވެސް މިއީހަމައެކަނި ފިރިހެނުންނަށްކުރެވޭ މަސައްކަތެކޭ ބުނެވޭކަށްނެތެވެ. ދާދިފަހުން ބ. ގޮއިދޫ އަންހެންވެރިން ކާމިޔާބުމަސްވެރިކަންކުރިވާހަކައަކީ މުޅިދިވެހިރާއްޖެ ސިއްސުވާލި ޚަބަރެކެވެ. އިހުޒަމާނުގައި އަންހެނުންގެ ދައުރުއޮތީ މަސްކެއްކުމުގައެވެ. އެހެންނަމަވެސް މިހާރު މަސްވެރިކަންތަރައްޤީވެ އަންހެނުންގެ ދައުރު އެމަސައްކަތުން ގާތްގަނޑަކަށްހެން ނެތިހިނގައްޖެއެވެ.

ސިފައިންނާއި ފުލުހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. މިދެދާއިރާގައިވެސް އެންމެ މަތީމަޤާމްތަކުގައި (ކޮމިޝަނަރ، ކޮމާންޑަރ، ކެޕްޓަން) ޝާމިލުވަނީ %6 އަންހެނުންނާއި %94 ފިރިހެނުންނެވެ.

އިމާރާތް ކުރުމުގެދާއިރާއަށް ނަޒަރުހިންގާލާއިރު، މިދާއިރާގައި ގިނައިން ޝާމިލުވަނީ ފިރިހެނުންނެވެ. އުނދަގޫ، ނުރައްކާތެރި އަދި ނުތާހިރު ހުރިހާމަސައްކަތެއްކުރަނީ ބިދޭސީންނެވެ. މިވިޔަފާރިތަކުގެ ވެރިންނަކީ ދިވެހި ފިރިހެނުންނެވެ. މިދާއިރާގައި ބިދޭސީ ފިރިހެނުންނަކީ ކުޑައުޖޫރައަކަށް ގިނަ ވަގުތު މަސައްކަތް ކުރާބައެކެވެ.
ސިފައިންނާއި ފުލުހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. މިދެދާއިރާގައިވެސް އެންމެ މަތީމަޤާމްތަކުގައި (ކޮމިޝަނަރ، ކޮމާންޑަރ، ކެޕްޓަން) ޝާމިލުވަނީ %6 އަންހެނުންނާއި 94% ފިރިހެނުންނެވެ.
އަންހެނުން ގިނައިން މަސައްކަތް ކުރަނީ ސިވިލް ސާވިސްގެ މެދުއަދި ދަށުފަންތިތަކުގައާއި، ތައުލީމީދާއިރާ އަދި ފްރަންޓް އޮފީސް/ސޭލްސް މަސައްކަތްތަކުގަ އެވެ. ސިއްޙީދާއިރާގައި، ނަރުހުންގެތެރޭގައި މަސައްކަތްކުރަނީ ހަމަ އެއްމެ ދިވެހި ފިރިހެން ނަރުހެކެވެ. މިހާރަކަށްއައިސް ބިދޭސީ ފިރިހެން ނަރުހުން ހޮސްޕިޓާތަކުން ފެނެއެވެ. މީގެއިތުރުން ގިނަ އަންހެނުންނަކީ މަސައްކަތްކުރަމުންވެސް ކުދިންބެލުމުގައްޔާއި، ގޭތެރޭމަސައްކަތްވެސް ކުރާއަންހެނުންނެވެ.
ރަސްމީދާއިރާގައިއަންހެނުން މަދުކަމުގައިވީނަމެސް، ނުރަސްމީމަސައްކަތް، ދަނޑުވެރިކަން، ފެހުމާއި މާޖެހުން، ހެދިކާ ހެދުން ފަދަކަންކަމަކީ މައިގަނޑުގޮތެއްގައި އަންހެނުންކޮށްއުޅޭ މަސައްކަތެވެ. މިއީ މިހާރަކަށްއައިސް ބިދޭސީންވެސް ކުރަމުންއަންނަމަސައްކަތް ތަކެވެ. ކުނާވިޔުންފަދަ އަތްތެރި މަސައްކަތަކީ މިހާރުގެ ޖީލުތަކުގައި އެހާމަގުބޫލުކަމަކަށް ނުވެއެވެ.
މައްސަލައަކީ ކޮބާ؟

އިގްތިޞާދީ ދާއިރާގައި މިންތީގެ ހަމަހަމަކަން ޤާއިމުވުމުން އެއީ އަންހެނުން ނަށްވެސް ފިރިހެނުންނަށްވެސް އޮތް ކުރިއެރުމެވެ.

އަންހެނުން ނާއި ފިރިހެނުން ކުރާމަސައްކަތް ތަފާތުވުމަކީ މައްސަލައެއްނޫން ކަމަށް ބައެއްމީހުންނަށް ޤަބޫލު ކުރެވުނަސް މިފަދަ ދައުރުތައް ކަނޑައެޅުމަކީ ޤައުމުގެ ތަރައްޤީ އަށް އޮތް ވަރަށްބޮޑު ގޮންޖެހުމެކެވެ. މިހެންމިބުނާސަބަބުތަކަކީ:
1. ފިރިހެނުން އާންމުކޮށް އުޅޭދާއިރާތަކަކީ މުސާރައާއި އުޖޫރަ ބޮޑުދާއިރާތަކެވެ. މިހެން މިކަންއޮތުމުން ސަރުކާރުގެ މަސައްކަތުގެދާއިރާގެ ރަައްކާތެރިކަން ހިމާޔަތްކުރާ ސިޔާސަތު ތަކުން އަންހެނުން ނިކަމެތި ވެއެވެ. މިސާލަކަށް ރިޓަޔަމަންޓު ޕެންޝަން ސްކީމަކީ ލިބޭމުސާރައިގެ އިންސައްތަ ވަޒީފާދޭފަރާތުން ދޭންޖެހޭ އެއްޗެކެވެ. މިހެން މިގޮތައް އޮތުމުން އަންހެނުން ނަށް ލިބޭ ޕެންޝަން ކުޑައެވެ.
2. ނުރަސްމީ ދާއިރާ ގައި މަސައްކަތް ކުރާމީހުންނަށް މިފަދަ ރައްކާތެރި ކަމުގެ އުސޫލެއް ކަނޑައެޅިފައެއް ނޯވެއެވެ. މިފަދަ ކަމެއް ކަނޑައެޅިފައި އޮތްކަމުގައި ވީނަމަވެސް އިދާރީ ކަންކަމާ ސަރުކާރަށްނެގޭ ޓެކްސްއަކީ ލިބޭއާމްދަނީއާބަލާ ނިސްބަތުން ބޮޑެތި ހޭދަތަކެވެ. މިއާޚިލާފަށް ބޮޑެތި އިންވެސްޓްމަންޓު ތަކުން ޓެކްސް ދައްކަންނުޖެހުންފަދަ އިނާޔަތްތައް ލިބެއެވެ.
3. ޤައުމުގެ ކަންކަން ހަރުދަނާކުރުމަށް ހެދޭސިޔާސަތު ކަނޑައަޅާމަޖުލީސް ތަކުގައި ގިނައީ ފިރިހެނުންނެވެ. އަދި މީގެތެރޭގައި ފަތުރުވެރިކަމާއި ބޮޑެތި ވިޔަފާރި ކުރާމީހުން ހިމެނެއެވެ. އެހެންކަމުން އަމިއްލަ މަސްލަހަތު ހިފެހެއްޓޭނެގޮތަށް ސިޔާސަތު ބައްޓަންކުރުމަށްއިސްކަން ދެވެއެވެ.
4. އިނދެވަރި ކުރުމުގެ އާދަތައްހުންނަގޮތުން ގިނަފަހަރަށް އާއިލާރޫޅުމުން ދަރިންގެ ޙަރަދު ފޫބައްދަނީ އަންހެނުންނައް ލިބޭއާމްދަނީއިންނެވެ. އަންހެނުންނަކީ އިގްތިޞާދީ ފުދުންތެރިކަން ލިބޭ ބަޔަކަށް ނުވާހިނދު ފިރިމީހާ އަށް ބަރޯސާވާންޖެހެއެވެ. މިގޮތަށް ކަންކަން އޮތުމުން އަންހެނުންނަށް ގޭތެރޭގެ ކަންކަމުގައި ގޮތްކިޔުމުގެ ބާރު ހަނިވެގެންދެއެވެ. އަދި އަނިޔާވެރި ކައިވެނިން ވަކިވުމަށް އޮންނަ ބޮޑުހުރަހަކަށްވެސް ވެ އަނިޔާކުރުމަށްއޮންނަ ހުއްޖަތަކަށްވެސް ބައެއްފަހަރު ވެގެންދެއެވެ.
5. ރާއްޖޭގައި ތައުލީމީ އަންހެނުން ގިނަކަމުގައި ވީނަމަވެސް އިޤްތިސާދީ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން މަދު ވުމުން އަންހެނުންގެ ހުނަރުގެ ބޭނުންނުކުރެވި އިޤްތިޞާދީ ދާއިރާއިން އެމީހުންބާކީވެގެންދެއެވެ.
ރާއްޖޭގެ އިޤްތިސާދީ ތަރައްޤީ މިފަދައިން ބައްޓަންވެފައި އޮތުމުން އަންހެނުންނާއި ފިރިހެނުންގެ މެދުގައި އިޤްތިސާދީ ގޮތުން އޮންނަ ތަފާތު ބޮޑުވަމުން ދެއެވެ. އަންހެނުން ނަކީ ޤައުމުގެ ތަރައްޤީ ގައި އިޖުތިމާއީ ގޮތުން ބަލަދުއަރާ ބަޔަކަށްވުމުން އިޖުތިމާއީ ޚަރަދު ފޫނުބެއްދި ހިނގައިދިއުން ވަރަށްގާތެވެ. އެއާޙިލާފަށް އިގްތިޞާދީ ދާއިރާގައި މިންތީގެ ހަމަހަމަކަން ޤާއިމުވުމުން އެއީ އަންހެނުން ނަށްވެސް ފިރިހެނުންނަށްވެސް އޮތް ކުރިއެރުމެވެ. އެކަކުވެސް ބާކީނުކޮށް ގައުމުގެ ތަރައްޤީ ގެދުވެލި ބާރުވެގެންދާނެކަމެކެވެ.

ޝާދިޔާ އިބްރާހިމް އަކީ އދ. ގެ އާބާދީ ޖަމުޢިއްޔާ ގައި 1997 ވަނަ އަހަރުން ފެށިގެން ޢިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ތަރައްޤީގެ މަސައްކަތްތަކުގައި ޝާދިޔާއަކީ ތަފާތު ގިނަގުނަ ތަޖުރިބާލިބިފައިވާ ފަރާތެކެވެ. ޝާދިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!