ދުނިޔޭގައި އަންހެނުންގެ ހައްޤުތައް ކުރިއެރުވުމުގެ ވާހަކަ ދައްކާތާ މިހާރު ޤަރުނެއްވެއްޖެއެވެ. ނަމަވެސް އަންހެނުންގެ ހައްޤުތައް ހިމާޔަތް ކުރެވިފައިވަނީ ކިހާވަރަކަށްތޯ އެއީ ފިކުރުކޮށްލަން މުހިންމު ސުވާލެކެވެ.  ބައެއް އެހެން ޤައުމުތަކުގައިވެސް މިކަން އޮތީ މިހެންނެވެ. މީގެ މާނަޔަކީ ދިވެހިރާއްޖޭގައި އަންހެނުން ތިބެންޖެހެނީ ފިރިހެނުންގެ ފަހަތުގައި ހެއްޔެވެ. ދިވެހިރާއްޖެވަނީ ހަލުވިދުވެއްޔެއްގައި އިގުތިޞާދީގޮތުން ތަރައްޤީވެ ކުރިއަރާ ފަޚުރުވެރިކަމާއިއެކު އެކަމަށް ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.

ކަންމިހެން އޮތް ނަމަވެސް ތަރައްގީގެ މިންގަނޑުތައް ބުނާގޮތުންނަމަ ދިވެހިރާއްޖޭގައި އަންހެނުން  އިގުތިސާދީ، އަދި ސިޔާސީ މައިދާނުގައި ބައިވެރިވުމާއި ގައުމު ހިންގުމުގައި ބަސްބުނުމުގެ ދައުރު އުޅެނީ މާފަހަތުގައެވެ.

1950 ގައި ރާއްޖޭގައި އުފެދުނު ރައްޔިތުންގެ މަޖުލީހުގައި 45 މެމްބަރުންގެ ތެރޭން 9 މެމްބަރުން ނަކީ އަންހެނުން ކަމަށް ތާރީޚު ހެކިދެއެވެެ. އެހެންނަމަވެސް މިއަދު އެމަޖިލީހުގައި 85 މެމްބަރުންގެ ތެރޭގައި ތިއްބަވަނީ އެންމެ 5 އަންހެނުންނެވެ. ރަށު ނުވަތަ އަތޮޅު ކައުންސިލުތަކުގައި ތިއްބަވާ 1118 މެމްބަރުންގެ ތެރޭގައި ތިއްބަވަނީ އެއްމެ 61 އަންހެނުންނެވެ. ކެބިނެޓުގައި ތިއްބަވާ 14 ވަޒީރުންގެ ތެރޭގައި ތިއްބަވަނީ 3 އަންހެނުންނެވެ. ޤައުމުގެ ތަރައްްޤީގެ ބިޔަ މަޝްރޫޢުތައް ނިންމަވާ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގައި އެއްވެސް އަންހެން ވަޒީރަކު ޝާމިލެއް ނުވެއެވެ. ގައުމުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އުޅެނީ މާފަހަތުގައި ކަމަށް ބުނެވެނީ މިސަބަބައްޓަކައެވެ.  ބޮޑެތި ބިޔަ މަޝްރޫއުތަކާ އެކަންކަން ތަންފީޒު ކުރުމަށް ފައިސާކަނޑައަޅަނީ މިދެންނެވި މަޖިލިސް ތަކުންނެވެ.

ރައްޔިތުން ހޮވާކޮންމެ މީހަކުވެސް ހުރިހާއެންމެންގެ ވިންދާ އިހުސާސްތައް ސާފުކޮށް އިގޭވާހަކައަކީ އިލެކްޝަން ތެރޭ އެއްމެ ބާރުލާ ދައްކާވާހަކައެވެ. އެހެންނަމަވެސް ޤައުމުގެ ކަންކަން ނިންމާއިރު އެންމެންގެ އިހުސާސް ތަކަށް އެދެވޭފަރުވާއެއް ލިބޭނެފަދަ މާހައުލެއް އޮވޭތޯ އެއީ ބޮޑުސުވާލެކެވެ. މިއަދު ޑިޕްލޮމާ ފެންވަރަށް ތައުލީމު ހާސިލު ކުރާ އަންހެންކުދިން ފިރިހެން ކުދިން ފަހަތައްޖައްސާ ކުރިއަރާފައިވާއިރު މަތީތައުލީމު ހާސިލުކުރަމުން އަންނަ އަންހެނުން ފިރިހެނުންނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށްފައިވުމީ ތައުލީމީ ދާއިރާއިން ކުރިއަރާފައިވާ ކަމުގެ ހެއްކެވެ.

ހައްވަ (އަސްލުނަމެއް ނޫން) ގެތަޖުރިބާގައި 5 މީހުންގެ ލޯކަލް ކައުންސިލެއްގައި ހަމައެކަނި އަންހެން މެމްބަރަށް ވާތީ ފިރިހެނުން ކުރާ ކޮންމެ ކަމެއްގައި ބައިވެރިވުމަށް ފިރިހެން މެމްބަރުންގެ ފަރާތުން ބާރުއަޅައެވެ. މިސާލަކަށް  އޮފީހުގެ ވަޅުދިޔަހިއްކަން ހައްވަވެސް ވަޅަށް ފައިބަން މަޖުބޫރުކުރުވިއެވެ. އަންހެނުން ވަޅުދިޔަ ހިއްކުމަކީ އާކަމެއްނޫން ކަން ދިވެހީންނަށް އެނގެއެވެ. އެހެންނަމަވެސް މާލޭން ވަޑައިގަންނަވާ މެހެމާނުންނަށް ބިލެއްމީރުކުރުން ވެފައިވަނީ އަންހެނަކަށްވީތީ ހައްވަގެ އެކަނި މަސްއޫލިއްޔަތަކަށެވެ.

އަޅުގަނޑުމެންގެ އިޖުތިމާއީ ގުޅުމުގެ ސަގާފަތު ރޭވިފައިވަނީ މުޖުތަމައު ބަލައިގަންނަ އަންހެންވަންތަ ނުވަތަ ފިރިހެންވަންތަ ސިފަތަކެއްގެމައްޗަށެވެ. މިފަދަ މުޖުތަމައެއްގައި ފިރިހެނުންނަށް ބުރަވާ މަޖިލީހެއްގައި އަންހެނުންނަށް މުހިއްމު ކަންކަން ފުރިހަމަކޮށްދީ ގާނޫނުތަކާއި މަޝްރޫއުތައް ރާވާހިންގޭބާވައެވެ؟ މާލީގޮތުންނާއި ނަސަބާއި ހަސަބުގެ މަތީފަންތީގެ އަންހެނަކަށް ނިކަމެތި ނުވަތަ ފަޤީރުންގެ ޙައްޤުތަކާއި އިހުސާސްތައް ވަޒަން ކުރެވޭބާވައެވެ؟ މިސާލަކަށް، ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނު ވުޖޫދަށް އައިފަހުން އެތަކެއް އަންހެނުންނަށް ކުރިއަނިޔާގެ ސަބަބުން ބައެއް މީހުން މިދުނިޔެދޫކޮށް ދިޔަ އިރުވެސް، ޤާނޫނުގެ ކުރިމައްޗަށް ގެނެސް މިކަމުގައި އިހުމާލުވި މީހުން ޒިންމާދާރު ކުރުވިބާވައެވެ؟ ކުޅުދުއްފުށީގައި އަޅާ އެއާޕޯޓު އަޅާ ސަރަހައްދަކީ ރަށުގައި އުޅޭ އެތަކެއް އަންހެނުންގެ ބޮނބި ފާލެވެ. މިމީހުންގެ އާމްދަނީހޯދަން އޮތް ވަސީލަތް ނެތިގެންދާއިރު ހޭވެސް އަހާލިބާވައެވެ؟ ރިސޯޓުތަކުގައި މަސައްކަތް ކުރަން އަންހެނުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ނައްތާލުމަށް އަތެއް ފޯރުކޮށްދިންބާވައެވެ؟

ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ވަރަށް ސަރީޙަކޮށް ބަޔާން ކޮށްފައިވާ ހައްޤުތައް އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެމީހަކަށް ލިބިގެންވާކަމަށް ކަޅާއި ހުދުން ލިޔެވިފައިވެއެވެ. ހަމައެމާއްދާގެ (ށ) ގައި އާންމުހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާމީހަކަށް، ނުވަތަ އެހީތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް ކޮށްދޭ ކަންތައްތަކަކީ ތަފާތުކުރުން ކަމުގައި ނުބެލެވޭނެކަމަށް ކަނޑައަޅާފައިވެއެވެ.

ތަފާސްހިސާބު ބުނަނީ ސިވިލް ސާވިސްގެ ވަޒީފާއަދާކުރާ އަންހެނުންގެ ނިސްބަތަކީ  57 ޕަސެންޓެވެ. އެހެންނަމަވެސް 15000 ރުފިޔާއިން މަތީގެ މުސާރަލިބޭ ވަޒީފާ ގެ އިންސައްތަ އަކީ 15 ޕަސެންޓެވެ. ގެދޮރުވެރިއަންހެނުންގެ ނިސްބަތަކީ  31 ޕަސެންޓެވެެ. އާމްދަނީ ހޯދުމަށް މަސައްކަތް ނުކުރާ އަންހެނުންގެ ތެރެއިން 41 އިންސައްތަ މީހުންނަކީ ދަރިން ބަލަން ޖެހޭތީ އިތުރުކަމެއް ނުކުރާމީހުންނެވެ. މިނިސްބަތް ފިރިހެނުންގެ ތެރޭގައި އޮންނަނީ އެކެއް އިންސައްތައިގައެވެ. ޢަޅުގަނޑުމެންގެ އިޤްތިސާދުގެ ތަނބު ކަމަށްވާ ޓުއަރިޒަމް ސިނާއަތުގައި މަސައްކަތް ކުރަނީ ހަމަ އެންމެ 3 އިންސައްތަ އަންހެނުންނެވެ. ސިއްޙީދާއިރާ އަށް ބަލައިލާއިރު ނަރުހުންގެ ތެރެއިން ހަމައެކަނި އެންމެ ފިރިހެން ނަރުހެއް އުޅުމަކީ ކާމިޔާބުތޯއެވެ؟

މިދެންނެވިހާލަތު ބުނާގޮތުން ގަރުނެއްފާއިތު ވިއިރުވެސް އެކަށޭނަ ކުރިއެރުމެއް ލިބިފައެއްނުވެއެވެ. ޤައުމު ހިންގާނިޒާމު އޮތްގޮތަށް ބާއްވައިގެން މިފަރަގު ހަނިކުރެވިދާނެބާވައެވެ؟ ފިރިހެނުން ބުރަވާގޮތަށް ގޮތްނިންމާ ބަސްބުނާ މަޖިލީސްތަކުގައި މިތަފާތުކުރުން ހަމަހަމަ ކުރުމަށްއެކަށައެޅޭ ސިޔާސަތުތައް އިޤްތިސާދީ ސިޔާސަތު ތަންފީޒު ކުރާ ބާރުމިނުގައި ތަންފީޒުކުރެވޭނެ ހިއްވަރު ހުރިނަމަ، އަންހެނުންނަށް ދަތިވާދަތިވުން ޤާނޫނުއަސާސީގެ 17 (ށ) ގައި ބަޔާންކުރާފަދައިން ވަގުތީ ހާއްސަފިޔަވަޅު އަޅައިދެއްވާނެ ނޫންތޯއެވެ.

މިސަބަބަށްޓަކާ ހުރިހާ ފަންތިއެއްގެ އަންހެނުންނާއި ފިރިހެނުން ހަމަހަމައަށް ގޮތްނިންމާ އަދި ބަޖެޓު ކަނޑައަޅާ މަޖިލީސްތަކުގައި ބައިވެރި ވެވޭނެ ޤާނޫނީ ބާރު ކަނޑައެޅުމަކީ މެދުފަންތީގެ ތަރައްޤީ ވެފައިވާޤައުމަކަށް ކުރަން ހަމަ ލާޒިމުކަމެކެވެ. އެހެންނޫންނަމަ ޤައުމުގެ އާބާދީގެ ދެބައިކުޅައެއްބައި އިގުތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެކަހެރިވެ، އެކަމުގެ ސަބަބުން ޤައުމަށް ވާނެފައިދާއެއް ނެތްތާ ގެއްލުން ނޫންކަމެއް ވާނެތޯއެވެ.

މި ލިޔުމަކީ 27 މާރޗް 2016 ވީ އާދީއްތަ ދުވަހު ”ހަވީރު އޮންލައިން“ ނޫހުގައި ޝާޢިއުކުރެވުނު މިލިޔުމުގެ އެޑިޓްކޮށްފައިނުވާ ކޮޕީއެވެ.

ޝާދިޔާ އިބްރާހިމް އަކީ އދ. ގެ އާބާދީ ޖަމުޢިއްޔާ ގައި 1997 ވަނަ އަހަރުން ފެށިގެން ޢިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ތަރައްޤީގެ މަސައްކަތްތަކުގައި ޝާދިޔާއަކީ ތަފާތު ގިނަގުނަ ތަޖުރިބާލިބިފައިވާ ފަރާތެކެވެ.

ޝާދިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!