އަންހެނުން އިގްތިޞާދީ ގޮތުން ބާރުވެރިކުރުމުން އާއިލާއަށާއި އަދި އިގްތިޞާދަށް ކުރިއެރުން ލިބެއެވެ.

އަންހެނުން އިގްތިޞާދީ ގޮތުން ބާރުވެރިކުރުމުން އާއިލާއަށާއި އަދި އިގްތިޞާދަށް ކުރިއެރުން ލިބެއެވެ. އިގްތިޞާދީ ގޮތުން ބާރުވެރިކުރުމުގެ މާނައަކީ ވަޒީފާގެ ފުރުސަތުތައް ފަހިކުރުން ނުވަތަ ވިޔަފާރީގެ ރޮނގުން ފުރުސަތު އިތުރު ކުރުމެވެ. އާމްދަނީގެ ފުރުސަތު ބޮޑުކުރުމެއެވެ. އަދި އާމްދަނީއަށް ވަކިމީހަކަށް ބަރޯސާ ނުވުމެވެ.

ވޯލްޑް ބޭންކް ފަދަ އެތައް ތަރައްޤީއަށް މަސައްކަތް ކުރާ ބައިނަލްޢަޤްވާމީ މުޢައްސަސާ ތަކުގެ ދިރާސާތައް ދައްކާގޮތުން އަންހެނުންގެ ރޯލު އިޤްތިޞާދުގައި އިތުރުވުމުން ފައިދާ ތަކެއް ވެއެވެ. އާބާދީގެ ފަންސާސް އިން ސައްތަ ހިމެނޭ އަންހެނުން ވަޒީފާ ގައި ނުވަތަ ވިޔަފާރީގައި ބައިވެރިވުމުން ޤައުމެއްގެ އިޤްތިޞާދީ ދުވެލި ނުވަތަ އިކޮނޮމިކް ގްރޯތް މައްޗަށް ދެއެވެ. އަދި މިފަދަ ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުންގެ ޢާމްދަނީ އިތުރުވުމުން ބޮޑަށް ފައިދާ ކުރަނީ ޢާއިލާ އަށެވެ. އަންހެނުންނަށް ޢާމްދަނީ ލިބުމުން ޚަރަދު ކުރުމުގެ ގޮތް ނިންމަން ބާރުލިބެއެވެ. އަންހެނުންނަށް ލިބޭ ޢާމްދަނީ ސީދާ އެމީހުންގެ އަތަށް ލިބުމުން ޚަރަދު ކުރުމުގައި އިސްކަން ދެނީ ދަރިންގެކިޔެވުމަށާއި ސިއްޙީ ކަންކަމަށެވެ. އެހެންކަމުން އަންހެނުންނަށް ޢާމްދަނީގެ ފުރުސަތު ފަހިކުރުމުން އާއިލާގެ ދުޅަހެޔޮކަމަށް ރަގަޅު ބަދަލުތަކެއް އައްނަ ކަމަށް މިފަދަ ދިރާސާތަކުން ހާމަވެގެން ދެއެވެ.

1970 ގައި ދިވެހި ރާއްޖޭގެ އަންހެނުންގެ ލޭބަފޯސް ޕާޓިސިޕޭޝަން (އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ މިންވަރު) ރޭޓަކީ %75

 2014 ގައި އަންހެނުންގެ ލޭބަފޯސް ޕާޓިސިޕޭޝަން ރޭޓަކީ %47.6 އެވެ.

މިއަދު، ޓުއަރިޒަމް ދާއިރާގައި އަންހެނުންގެ ރޯލަކީ އެންމެ %7 އެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެހާލަތައް ބަލާއިރު، ޢިޖްތިމާޢީ ގޮތުން – އެއީ ސިއްޙީދުޅަހެޔޮކަން ނުވަތަ ތަޢުލީމީ ރޮގުން އަންހެނުންނަށް އެކިކުރިއެރުން – ހޯދިފައިވާ އިރު، އިޤްތިޞާދީ ގޮތުން އެފަދަ ކުރިއެރުން ތަކެއް ފެންނާކަށް ނެތެވެ. 1980 ގެ ވޯލްޑް ބޭންކްގެ ރިޕޯޓެއް ދައްކާ ގޮތުން 1970 ގައި ދިވެހި ރާއްޖޭގެ އަންހެނުންގެ ލޭބަފޯސް ޕާޓިސިޕޭޝަން (އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ މިންވަރު) ރޭޓަކީ 75 އިން ސައްތަ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގައި، 2014ގައި އަންހެނުންގެ ލޭބަފޯސް ޕާޓިސިޕޭޝަން ރޭޓަކީ 47.6 އިން ސައްތަ އެވެ. ވީމާ 1970 ގެ އަހަރު ތަކާ އަޅާ ކިޔާއިރު އަދިވެސް އިޤްތިޞާދީ ގޮތުން އަންހެނުން މިއުޅެނީ މާފަހަތުގަ އެވެ. އަންހެނުން ތަޢުލީމީ ގޮތުން ކުރިހޯދި އިރު އަންހެނުންގެ އިޤްތިޞާދީ ރޯލު ގޮސްފައިމިވަނީ ދަށަށެވެ. މީގައި ސަބަބު ތަކެއްވެސް ވެއެވެ. 1970 ގެ ދުވަސްވަރު އަންހެނުން މަސްވެރިކަމުގެ ދާއިރާގައި ވަރަށް ހަރަކާތްތެރިވިއެވެ. އެއީ މަސް ހިއްކުމުގައެވެ. ނަމަވެސް ފަތުރުވެރިކަން ރާއްޖޭގައި އުފެދި، ފުޅާވެ، އިޤްތިޞާދީ މިސްރާބު ބަދަލުވުމުން އަންހެނުންނަށްހުރި އިޤްތިޞާދީ ފުރުސަތުތައް ހަނިވެގެން ދިޔައެވެ. މިއަދު، ޓުއަރިޒަމް ދާއިރާގައި އަންހެނުންގެ ރޯލަކީ އެންމެ 7 އިންސައްތައެވެ.

މިކަން އިތުރަށް ދެނެގަތުމަށްޓަކައި، އަންހެނުންނަށް ވަޒީފާ ހޯދުމުގައި ހުރި ދަތި ތަކަށް ބަލާލާނަމެވެ.
1. އަތޮޅުތަކުގައި ވަޒީފާގެ ފުރުސަތު މަދުވެފައި ސްކޫލް ނިންމާ އަންހެން ކުދިންނަށް ރަށް ރަށުގައި ވަޒީފާ ހޯދަން ދައްޗެވެ. ރަށުގައި ވަޒީފާ ލިބެނީ ސަރުކާރު ވަޒީފާ (ރަށު އޮފީސް، ސްކޫލު، ސިއްހީ މަރުކަޒު) ފަދަ ތަންތަނުންނެވެ. އަމިއްލަ ގޮތުންނަމަ ފިހާރަ ތަކުގެ ކޭޝިއަރުންނަށެވެ.
2. ވަޒީފާގެ ފުރުސަތު އެންމެ ބޮޑު ދާއިރާކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން މަސައްކަތް ކުރުމަށް ގިނަހުރަސްތަކެއް އެބަހުއްޓެވެ. އެގޮތުން، އެންމެ ބޮޑު ހުރަހަކީ ރިސޯޓު ތަކުގައި މަސައްކަތް ކުރަންބޭނުންވާނަމަ ދިރި އުޅުން ރިސޯޓަށް ބަދަލު ކުރަން ޖެހުމެވެ. މިއީ ގިނަ މައިންބަފައިން އަދި އާއިލާ އެހާ ޤަބޫލު ކަމަކަށް ނުވެއެވެ. އަދި އަންހެނުން ނުވަތަ އަންހެން ކުދިން މިދާއިރާ އަށް ނުކުންނަން ބޭނުން ނުވާ އަނެއް ސަބަބަކީ، ރިސޯޓު ތަކަކީ ގިނަ ފިރިހެނުން މަސައްކަތް ކުރާ ތަނަކަށް ވެފައި، އަންހެނުންނަށް ފުރައްސާރަ ކުރުން އޮންނަކަމަށް ވާތީއެވެ.
3. އަންހެނުން ނުވަތަ އަންހެން ކުދިންގެ މެދުގައި ކެރިއާރ އެސްޕިރޭޝަންސް ނުވަތަ ވަޒީފާގައި ކުރިއަށް ދިއުމުގެ ރޫޙު ކުޑަވުން މިއީ ގިނަ ޒުވާނުންގެ މެދުގައި ވެސް އޮތް މައްސަލައެކެވެ. އަންހެނުން ނުވަތަ އަންހެން ކުދިން ވަޒިފާ ދެކެނީ އާމްދަނީ ހޯދައި އަދި ސޯޝަލައިޒް (ދޭދޭގުޅުން ބަދަހި) ކުރާ ތަނެއްގެ ގޮތުގައެވެ. އަދި ވަޒީފާގައި ކުރިއެރުން ހޯދައި، ލީޑާޝިޕް ނުވަތަ މެނޭޖްމަންޓް ރޯލުތަކަށް ކުރިމަތި ލާން ފަސްޖެހެއެވެ. ނުވަތަ ޝައުގުވެރި ކަމެއްވެސް ނުހުރެއެވެ. މިގޮތައް ދިމާވާސަބަބަކީ އަންހެން ކުދިން ބޮޑުވަމުން އަންނައިރު އާއިލާއިން މަސައްކަތުގެ ކުރިމަގު ބިނާކުރުމަށް ހިއްވަރު ނުދެވޭތީ ކަމަށްވެސް ވެދާނެއެވެ. ޒަވާޖީ ހަޔާތެއްފެށުމުން ފިރިމީހާގެ ފަރާތުން ހިއްވަރު ނުލިބެނީ ކަމަށްވެސް ވެދާނެއެވެ. އަދި އަންހެނުން ވަޒީފާގައި ކުރިއަށްދާން ޝައުގު ވެރިނުވަނީ ނުވަތަ ފަސް ޖެހެނީ އާއިލީ ޒިންމާ ކުރިމަތި ވާނެތީ ކަމަށްވެސް ވެދާނެއެވެ.
4. ޒަވާޖީހަޔާތެއްފެށުމަށް ފަހު ކުދިން ލިބުމުން އާއިލީ ޒިންމާ ނެގުމަށްޓަކައި އަންހެނުން ވަޒީފާ ދޫކޮއްލައެވެ. މިއީ ގިނަފަހަރަށް ދަރިފުޅު ބަލަން އެހީތެރިވެދޭނެ ފަރާތްތައް ނެތުމުންނެވެ. އަދި ދަރިން ބެލުމުގައި ޒިންމާ ނަގަން ޖެހެނީ އަންހެނުން ކަމަށް އިޖްތިމާއީ ހަމައެއްގެ ގޮތުގައި ގަބޫލުކުރެވޭތީ އެވެ.

ރިސޯޓު ތަކުގެ މަސައްކަތުގެ މާހައުލު އަންހެނުންނާއި ބީރައްޓެހި މާހައުލަކުން ރައްޓެހި މާހައުލަކަށް ހަދަންޖެހެއެވެ.

މިޕޮއިންޓު ތަކަށް ބިނާކޮށް، ވަޒީފާގައި އަންހެނުންގެ ރޯލު އިތިރުކުރުމަށް ހައްލުތަކެއް ހުށަހަޅާލާނަމެވެ.
• ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކުރުމަށް ވަޒީފާގެ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހެއެވެ. އޭގެ ތެރޭގައި ރިސޯޓު ތަކުގެ މަސައްކަތުގެ މާހައުލު އަންހެނުންނާއި ބީރައްޓެހި މާހައުލަކުން ރައްޓެހި މާހައުލަކަށް ހަދަންޖެހެއެވެ. އެއީ މިސާލަކަށް ކައިރިރައްތަކުގެ ފެރީގެ ޙިދުމަތް ބޭނުންކޮށްގެން އަންހެނުންނަށް ރިސޯޓުވަޒީފާއަށް ދަތުރުކުރުމުގެ ވަސީލަތް ފަހިކުރުމެވެ. މިފަދަ އިންތިޒާމް މިހާރު ހަމަޖެހިފައި ހުންނަނީ ހަމައެކަނި ރިސޯޓުތަކަށް ކުނިކަހަންދާ އަންހެނުންނަށެވެ. ރިސޯޓުގެ އެހެން ވަޒީފާތަކަށްވެސް މިފަދަ އިންތިޒާމްތައް ރޭވިދާނެއެވެ. އަދި ރިސޯޓުގައި ފިރިހެނުންނެކޭ އެއްހަމައެއްގައި އަންހެނުންނަށްވެސް ރައްކާތެރިގޮތުގައި ދިރިއުޅެވޭނެ ތަންތަން ހަމަޖެހިފައި ހުންނަން ޖެހެއެވެ. އަދި އަންހެނުންނަށް ފުރައްސާރަ ކުރުން ހަރުކަށި އުސޫލުން ނައްތާލުން މުހިންމެވެ. ޒުވާން ޢަންހެންކުދިން ރިސޯޓުގައި ވަޒީފާ އަދާ ކުރަމުންދާއިރު، އެކުދިންގެ ބެލެނިވެރިންނާއި އާއިލާގެ އިތުބާރުހޯދުމަށް ރިސޯޓް މެނޭޖްމަންޓުން އާއިލާއާއި ގުޅުން ބަދަހިކޮށް އަންހެން ދަރިފުޅުގެ މައުލޫމާތު ފަސޭހައިން ބެލޭނެ އިންތިޒާމްވެސް އޮންނަން ޖެހެއެވެ.

• ސްކޫލު ދައުރުން ފެށިގެން ޓީޗަރުންނާއި ބެލެނިވެރިން އަންހެންކުދިންނަށް ވަޒީފާގެ މުހިއްމު ކަން ތަކުރާރުކޮށް ކިޔައިދޭން ޖެހެއެވެ. ފިރިހެންކުދިންނެކޭ އެއްފަދައިން އަންހެން ކުދިންވެސް އަމިއްލަ ފައިމައްޗަށް ތެދުވަން ބާރުއަޅަން ޖެހެއެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އަމިއްލަ ފުދުންތެރިކަން އަންހެނުން ބަލައިގަނެ މިފަދަ އަންހެނުންނަށް ހިއްވަރު ދޭންޖެހެއެވެ.

• އާއިލީ ޒިންމާ ނަގާ ފަރާތްތަކަށް ފަސޭހައިން ވަޒީފާ ދެމެހެއްޓޭނެ ގޮތްތައް ހުންނަން ޖެހެއެވެ. މީގެ ތެރޭގައި ވަޒީފާއަށްދާ ފަރާތްތަކުން ފްލެކްސިބަލް ގަޑިތައް (ނުވަތަ ފަސޭހަގަޑިތަކަށް އިސްކަންދިނުން) ތަޢާރަފްކޮށް، ގެއިން މަސައްކަތް ކުރެވޭނެ ގޮތްތަށް ކަނޑައަޅައި އެކަންކަން ތަންފީޒުކުރަން ދަތިތަކެއް ހުރިނަމަ އެކަންކަން ބަލައި ހައްލުތަކެއް ހޯދަން ޖެހެއެވެ. އަދި މީގެ އިތުރުން އެފޯޑަބްލް ޑޭކެއަރ (ނުވަތަ އަތްފޯރާފަށުގައި ކުދިން ބެލޭނެ އިންތިޒާމްތަށް) ސަރުކާރުގެ އެހީގައި ގާއިމް ކުރަން ޖެހެއެވެ.

1970ގެ އަހަރުތަކުން ފެށިގެން ރާއްޖެއަށް އައިސްފައިވާ އިޤްތިޞާދީ ތަރައްޤީއިން އަންހެނުންނަށް ފައިދާ ކޮށްފައިވަނީ އެދެވޭވަރަކަށް ނޫނެއެވެ. 2015 އަށް ނިމިގެންދިޔަ ސާސްކަފުގެ ލަނޑުދަނޑި (މިލެނިއަމް ޑިވެލޮޕްމަންޓް ގޯލްސް) ގެ ތެރެއިން ތިންވަނަ ލަނޑުދަނޑި (ޖެންޑާރ އިކުއަލިޓީ ގޯލް ނުވަތަ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑި) ރާއްޖެއަށް ހާސިލް ނުކުރެވުނު އެއް ސަބަބަކީވެސް އަންހެނުންގެ ވަޒީފާއާއި ގުޅޭ ޓާގެޓުތައް ހާސިލް ނުވުމުންނެއެވެ. އަދި މިއަދުވެސް އަންހެނުންނަށް ވަޒީފާ އަދާ ކުރުމުގައި އެތައް ގޮންޖެހުންތަކެއް އެބަހުއްޓެއެވެ. އޭގެ ތެރޭގައި ގިނަ ކަންކަން ހައްލުކުރުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓާރ އެއްކޮށް މަސައްކަތް ކުރަން ޖެހެއެވެ. އޭގެ އިތުރުން އަޅުގަނޑުމެން އަމިއްލައަށް ވެސް މަސައްކަތް ތަކެއް ކުރަންޖެހެއެވެ. އެއީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރުމަށެވެ. ދަރިން ބެލުމުގައި، އަދި އާއިލީ ޒިންމާ ނެގުމުގައި މަންމަ އަދި ބައްޕަ، ދެފަރާތުންއިސްނަގަން ޖެހޭކަން ބަލައިގަންނަން އެބަޖެހެއެވެ. ދަރިން ބެލުމުގައި ބައްޕަގެދައުރު އޮންނަންވާނޭކަން ގަބޫލު ކޮށް، ގޭތެރޭގެ އެކި މަސައްކަތް، ދެމަފިރިން ބަހާލައިގެން ކުރުމުގެ ރޫހު އޮތުމުން މުޅިއާއިލާގެ ދުޅަހެއުކަމާ އަދި ދެމަފިރިންގެ ގުޅުންވެސް ވަރުގަދަވެ، ހަރުދަނާވާނޭކަން ގަބޫލުކުރުން މުހިންމެވެ.

ރާނިޔާ ސޯބިރު އަކީ އިކޮނޮމިކްސް އަދި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓުގެ ދާއިރާއިން މަތީތައުލީމު ހާސިލުކޮށް، ދިވެހިރާއްޖޭގައި ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމުގައި ގިނައަހަރުތަކެއްގެ ތަޖުރިބާހޯދާފައިވާ ފަރާތެކެވެ. ރާނިޔާ މިހާރުމަސައްކަތްކުރަނީ ބައިނަލްއަޤުވާމީފެންވަރުގައި ފަންނީދިރާސާކުރާ ކުންފުންޏެއްގައެވެ.

ރާނިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!