މިދާކަށްދުވަހު ރަހުމަތްތެރިއަކާއެކީ ދެކެވުނު ވާހަކަތަކެއްގެ ތެރޭގައި އަންހެނުންނާއިމެދު ކުރެވޭ ތަފާތުކުރުމުގެ މައުޟޫއަށްވަދެވުނެވެ. މިވާހަކަތަކުގެ ތެރޭގައި މަގުމަތީގައި އަންހެނުންނަށް ކުރެވޭ ފުރައްސާރައިގެ ވާހަކަދެކެވުނެވެ. އަހަރެންގެ ރަހުމަތްތެރިޔާ ފާހަގަކުރިގޮތުގައި، މަގުމަތިން ނުދަންނަ އަންހެނަކަށް “ތައުރީފު” ކޮށްލުމަކީ އަންހެނުންވެސް ބޭނުންވާގޮތެވެ. އެމީހުންގެ ރީތިވާހަކަ އެމީހުންގެ ކަންފަތަށް އިއްވާލުމުން އެމީހުންވެސް އުފާވެއެވެ. އަދި ގިނަ ފިރިހެނުން “ތައުރީފުގެ” ބަސްތައް އޮއްސާލުމުން އެ އަންހެނަކީ “ކާމިޔާބު” އަންހެނެއްކަމުގެ އިހުސާސްކުރުވައެވެ. އަދި ފިރިހެނުން، މަގުމަތިންދާ އަންހެނުންނަށް ތުބުންފުމެ، ހޯއްގޮވާ، މޮޅެތިބަސްތަކުން ގޮވާލުމަކީ ދުވަހަކުވެސް ނިމުމެއް ނާއްނާނެ ކަމެއްކަމުގައި އަހަރެންގެ އެކުވެރިޔާ ވަރަށް ޔަޤީންކަމާއިއެކު ބުނެލިއެވެ.

ގައިގައި ކޮއްޓާލުމާއި، ގަދަކަމުން ތަންތަނުގައި ހިފުމާއި، ހިފައި ހައްޔަރުކޮށްގެން ރޭޕް ކުރުމާހަމައަށްވެސް ދަނީ މަދެއްކޮށްނޫނެވެ.

މިކަންކަމާމެދު އަހަރެންގެ ވިސްނުން ތަފާތެވެ. އަހަރެންގެ އެކުވެރިޔާ “މޮޅެތި” ކަންތައްތަކެއްގެ ގޮތުގައި ސިފަކުރި ކަންކަމަކީ އަހަރެންދެކޭގޮތުގައި، އަދި މިފަދަ ކަންކަމުގެ ޝިކާރައަކަށްވެފައިވާ އަންހެނުންނާއި އަންހެންކުދިން ދެކޭގޮތުގައި ފޮށުން ނުވަތަ ފުރައްސާރަކުރުމެވެ. މަގުމަތިންދާ އަންހެނުންނަށް އެމީހުންގެ ރުހުމާނުލާ އެކިކަހަލަ ބަސްތައް ރައްދުކުރުމާއި، އެކިކަހަލަ އިޝާރާތްކުރުމަކީ ފޮށުމުގެ އަމަލުތަކެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އަންހެނުން އާންމުތަންތާގައި އުޅުމަށް ބުރޫއަރައެވެ. ބަސްބުނެ ކުރާ ފުރައްސާރަތައް އިތުރުވެ، އޭގައި އަމަލީ ސިފަ ޖެހޭތަންވެސް މަދެއްނޫނެވެ. ގައިގައި ކޮއްޓާލުމާއި، ގަދަކަމުން ތަންތަނުގައި ހިފުމާއި، ހިފައި ހައްޔަރުކޮށްގެން ރޭޕް ކުރުމާހަމައަށްވެސް ދަނީ މަދެއްކޮށްނޫނެވެ. މިދިޔައަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު، ހުޅުމާލޭގައި ހިނގާފައިދިޔަ އަންހެނަކު ގައިގައި ގަދަކަމުން ބައްދައިގަނެގެން، ގަސްތަކެއްގެ ތެރެއަށް ވައްދައި އޭނަ ރޭޕް ކުރަން އުޅުނު ހާދިސާއަކީ މިފަދަ އެއް ހާދިސާއެވެ. ޚަބަރުތައް ބަލާލުމުން މިފަދަ އެތަކެއް ހާދިސާއެއް ހިނގާފައިވާކަން އެނގެއެވެ.

މަޖަލެއްކަމުގައިދެކެ ތުނބުންފުމެލައި މޮޅުބަހެއް ބުނެލުން ކަމުގައިވިޔަސް، ނުވަތަ ޖެއްސުމަކަށް ކަމެއްކޮށްލިޔަސް، ތިމާއަށް މިއަރައިގަނެވެނީ އަނެކާގެ ހައްގަށްކަން އެނގެންޖެހެއެވެ.

މިފަދަ އަމަލުތަކަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކެކެވެ. އެހެނީ، މިފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމައުގައި މިނިވަންކަމާއި ސަލާމަތްކަމާއިއެކު އުޅުމަށް ހުރަސްއެޅި، ނަފުސާނީ އަދި ޖިސްމާނީ އަނިޔާގެ ޝިކާރައަށް އަންހެނުންވެގެންދެއެވެ. މިފަދަ ކަންކަމަކީ މޮޅެތިކަންކަމުގެ ގޮތުގައި ބައެއްމީހުން ސިފަކުރިނަމަވެސް، ނުވަތަ މަޖާކަންކަމުގެ ގޮތުގައި ބައެއްމީހުން ސިފަކުރިނަމަވެސް މިފަދަ ކަންކަމުގެ އާޚިރު ނަތީޖާ ކިތަންމެހާވެސް އަނދިރިއެވެ. އަންހެނުން ތައުލީމު ހާސިލުކުރުމާއި ވަޒީފާ އަދާކުރުންފަދަ ކަންކަން ކުރުމަށް، ފޮށުމާއި ފުރައްސާރަކުރުމުގެ ސަބަބުން ހުރަސްއެޅެއެވެ. އެހެން އިބާރާތަކުން ބުނާނަމަ، އިޖުތިމާއީ، އގުތިސާދީ، ސިޔާސީ، އަދި ސަގާފީ ކަންކަމުގައި އަންހެނުން ބައިވެރިވުމަށް އެޅޭ ހުރަހަކަށް ފޮށުމާއި ފުރައްސާރަކުރުން ވެގެންދެއެވެ. އަދި މިންތީގެ ހަމަހަމަކަމަށް ނުވަތަ ޖެންޑަރއީކުއަލިޓީއަށް ހީނަރުކަން ލިބިގެންދެއެވެ. މަޖަލެއްކަމުގައިދެކެ ތުނބުންފުމެލައި މޮޅުބަހެއް ބުނެލުން ކަމުގައިވިޔަސް، ނުވަތަ ޖެއްސުމަކަށް ކަމެއްކޮށްލިޔަސް، ތިމާއަށް މިއަރައިގަނެވެނީ އަނެކާގެ ހައްގަށްކަން އެނގެންޖެހެއެވެ. ތިމާ އެކަމާމެދުދެކޭ ގޮތަށްވުރެ މުހިންމީ އެކަން ރައްދުވާފަރާތުން އެކަންބަލައިގަންނާނެގޮތެވެ. އެހެންކަމުން، އެންމެ ބުއްދިވެރި އަދި މޮޅުގޮތަކީ ފޮށުމުން ދުރުވެގަތުމެވެ.

ފޮށުމަކީ ދުވަހަކުވެސް ނިމުމެއް ނާއްނާނެ ކަމެއްކަމުގައި އަހަރެންގެ އެކުވެރިޔާ ބުނިބުނުމަށް އަހަރެންނަށް އެއްބަސްވެވޭކަށް ނެތެވެ. އެހެނީ، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމަށާއި، އަދި މިނޫންވެސް މިފަދަ އަޙުލާޤީ ގޮތުން ދަށުދަރަޖައިގެކަންކަން ހުއްޓުވުމަށް، ތަފާތު ގާނޫނުތައްވަނީ ހެދިފައެވެ. މިފަދަ ކަންކަން ނިމުމަކަށް ގެނެވޭނީ، މިގާނޫނުތައް ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވިގެންނެވެ. މިގޮތުން، މިކަމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ދައުލަތުން ހަމަޖެއްސުމަކީވެސް މުހިންމުކަމެކެވެ. އަދި ހަމައެހެންމެ، މިފަދަ ކަންކަން ހުއްޓުވުމަށް މީހުން ހޭލުންތެރި ކުރުމުގެ އެތަކެއް ޕްރޮގްރާމުތަކެއް މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުން ކުރިއަށް ގެންދެއެވެ. މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން މިފަދަކަންކަމާމެދު މުޖުތަމައު ދެކޭގޮތްވެސް ހެޔޮމިސްރާބަކަށް ބަދަލުވަމުން އާދެޔޭ ބުނުން އޮޅުވާލުމަކަށް ނުވާނެއެވެ. އެހެންނަމަވެސް، ބަދަލުގެނައުމަށް ހޭދަވާ ދުވަސްތައް ދިގުލައިގެންދާކަމީވެސް ހަޤީގަތެކެވެ. ފޮށުންފަދަ ކަންކަން ހުއްޓުވުމަށް މިފަދަކަންކަމުގެ މުގުލުގައި ހުރި ކަންކަމަކީ ކޮބައިތޯ ދެނެގަންނަންޖެހެއެވެ. ޤާނޫނުތައް ތަންފީޒު ކުރުމުގައި، އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމުގައި އެންމެ އަޑީގައި ހުރި މައްސަލަތަކަށް ރިއާޔަތްކުރަންޖެހެއެވެ. މިކަންކަމާމެދު ފުންނަޒަރަކުން ވިސްނުމަކީ ހަމަކޮންމެ ރައްޔިތެއްގެ ޒިންމާއެކެވެ.

ފޮށުން ތިމާއަށް ރައްދުވެއްޖެނަމަ، އެކަމާ އަޅާނުލާ ދޫކޮށްނުލާށެވެ.

މިފަދައަމަލުތަކަށް ދައުލަތުގެ ފެންވަރުގައި ހައްލުތަކެއް ކަށަވަރުކުރުމަށް ދައުލަތާއި މަދަނީ މުޖުތަމައުއިން މަސައްކަތްކުރަމުންދާހިނދު، މިފަދައަމަލުތައް ރައްދުވާ ފަރާތްތަކުން އަމަލުބަހައްޓާނީ ކިހިނެއްތޯ، މިއީ އުފެދިދާނެ ސުވާލެކެވެ. މިސުވާލާއިވިދިގެން ދެނުކުތާއެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ނުކުތާއަކީ މިކަން ތަހައްމަލްކުރަނީ ތިމާއެކަނި ނޫންކަން ޔަގީންކަމާއެކީ ގަބޫލުކުރުމެވެ. މިގަބޫލުކުރުމާއެކީ، މިފަދަކަމެއް ދިމާވުމުން އެވާހަކަ އިތުބާރުކުރެވޭ ބައެއްގެގާތުގައި ދެއްކުމަށް ހިތްވަރުލިބެއެވެ. އަދި ގިނަގިނައިން މިފަދަވާހަކަތައް ހިއްސާކުރުމުން، އެކަކުއަނެކަކަށް އެހީތެރިވާނެ ވިއުގައެއް އުފެދެއެވެ. މިއީ މިފަދަކަންކަމާ ކުރިމަތިލާން ލިބޭ ހިތްވަރަކަށްވެއެވެ. ދެވަނަ ކަމަކީ މިފަދަކަމެއް ދިމާވުމުން އެކަމެއް ރިޕޯޓުކުރުމެވެ. ކުރީގައި ބުނިފަދަ ވިއުގައެއް އުފެދި، އެވިއުގައިގަހިމެނޭ އެންމެން އެކުއެކީ މައްސަލަތައް ހުށަހެޅުމުން މުއައްސަސާތަކުން އެކަމަށްދޭ ސަމާލުކަން އިތުރުވުން އެކަށީގެންވެއެވެ. އެހެންއިބާރާތަކުން ބުނާނަމަ، ފޮށުން ތިމާއަށް ރައްދުވެއްޖެނަމަ، އެކަމާ އަޅާނުލާ ދޫކޮށްނުލާށެވެ.

އިބްރާހީމް ޠައްޔިބު އަކީ މިންތީގެހަމަހަމަކަމަށް ވަކާލާތުކުރާ، ދިވެހިރާއްޖޭގެ އިޖުތިމާއީ ދާއިރާގައި މިންތީގެހަމަހަމަކަމާއި ގުޅުންހުރިއެކި މައުލޫއުތަކަށް ތަމްރީނުދިނުމާއި އަހުލުވެރިކުރުމުގެ ޕްރޮގްރާމުތަކުގެ އެތަކެއްއަހަރުގެ އަމަލީތަޖުރިބާ ލިބިފައިވާ، އަދި މަދަނީޖަމުއިއްޔާގެ ދާއިރާގައި މިހާރުވެސް ޚިދުމަތްކުރަމުންދާ ފަރާތެކެވެ. ޠައްޔިބު އަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ދާއިރާއިން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެކެވެ. އަދި ޠައްޔިބު ދިރާސާ ކުރުމުގެ ދާއިރާއިން ޝައުގުވެރިކަން ހުންނަނީ މިންތީގެ ހަމަހަމަކަމާއި އިސްލާމްދީނާ ގުޅޭގޮތުން ދިރާސާކުރުމަށެވެ.

ތައްޔިބު އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!