ދިވެހި ރާއްޖެއަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު އެއްމެ ގިނައިން ސާސްކަފުގެ ލަނޑުދަނޑިތައް (އެމް.ޑީ.ޖީ) ހާސިލް ކޮށްފައިވާ އެއްގައުމެވެ. އެހެންކަމުން މިކުރިއެރުން ހޯދިފައިވާ މިންވަރު ކުޑަގޮތަކަށް ނަމަވެސް ގާތުން ބަލާލަމާތޯއެވެ. ރާއްޖެ އިން ވަނީ 8 ސާސްކަފުގެ  ލަނޑުދަނޑީގެ ތެރެއިން  5 ލަނޑުދަނޑި ހާސިލްކޮށްފައެވެ. މީގެ ތެރޭގައި ފަށާ ތައުލީމު ރާއްޖޭގެ ހުރިހާކުއްޖަކަށްވެސް ލިބުމާއި، މާބަނޑުމީހުން ވިހެއުމުގެ ތެރޭގައި ފުރާނަދިއުން މަދުވުމާއި، އަދި މާބަޑުމީހުނަށް ލިބިދޭންޖެހޭ ސިއްހީ ފަރުވާ ލިބުމާއި އަސާސީ ސިއްހީ ހިދުމަތް ހިމެނެއެވެ. އަދި ވިހެއުމުގެ ދޭތެރެ ދުރުކުރުމަށް ބޭނުންވާ ވަސީލަތްތައް ކައިވެނިކޮށްގެން އުޅޭ މީހުނަށް ލިބިގަނެވޭނެ ގޮތްތައް މަގުފަހިވެފައިވެއެވެ. ނަމަވެސް ރާއްޖޭގައި ފުރާވަރުގެ އުމުރުގެ ކުދިންނަށް ލިބިދޭންޖެހޭ  އެ ކުދިންގެ ސިއްހަތާއި ބެހޭ މައުލޫމާތު ތަކާއި ، އެ ކުދިންގެ ހަށިގަޑަށާއި ސިކުނޑިއަށް އަންނަ ބަދަލުތަކުގެ މައުލޫމާތުތައް މައުނަވީގޮތަކަށް ނުލިބެއެވެ. އަދި ހަމައެއާއެކު ކައިވެނި ނުކޮއް އުޅޭ ޒުވާނުންނަށް ލިބިދޭން ޖެހޭ، ޖިންސީ ގުޅުމުން އަރާފާނެ ބަލިތަކާ ބެހޭ މައުލޫމާތާއި މީހަކާ ނީދެ، ބޭނުންނުވެ ދަރިމައިވުމުގެ ހާލަތްތަކުން ދުރުވުމުގެ މުހިންމުކަން އަންގައިދޭ މައުލޫމާތުވެސް ވަރަށް މަދެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ސުކޫލްތަކުގެ މަންހަޖްގެ ތެރެއިން ފުރާވަރުގެ ކުދިންނަށް އުގަންނައިދެވޭ މައުލޫމާތެވެ. ނަމަވެސް ބުނެވެންއޮތީ ރާއްޖޭގައި މިހާތަނަށް ފުރާވަރުގެ އުމުރުގެ ސިއްހަތާ ބެހޭ މައުލޫމާތު ކުދިންނަށް ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖެހިފައިނެތްވާހަކައެވެ. އެހެންވީމަ ސާސްކަފުގެ 5 ލަނޑުދަޑި މުޅިން ހާސިލްވިއެކޭ ދެންނެވޭކަށްނެތެވެ. އެއީ ސާސްކަފުގެ ލަނޑުދަޑި 5 ގެ  (ށ)ގައި އެބުނާ ދަރިމައިވުމުގެ ސިއްޙަތާ ބެހޭ މައުލޫމާތު އިސްވެ ދެންނެވުނުހެން ކައިވެނިން ބޭރުން ލިބެންނެތީތީވެއެވެ.

2014 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ އިން ޝާއިއު ކުރި ހިޔުމަން ޑިވެލޮޕްމަންޓް ރިޕޯޓުގައިވާގޮތުން ރާއްޖޭގެ އާބާދީގެ %30  އަކީ 18-24 އަހަރު އުމުރުފުރާގެ ޒުވާނުންނެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންނެވެ. 2014 ވަނައަހަރުގެ ބޯހިމެނުމުން ދައްކާގޮތުން  ދިވެހިރާއްޖޭގައި 15-24 އަހަރުގެ 67،228 ޒުވާނުން އެބަތިއްބެވެ. އަދި 18–34 އަހަރުގެ 118،735 ޒުވާނުން އެބަތިއްބެވެ. އަދި ފުރާވަރުގެ އުމުރުފުރާގެ 58،233 ކުދިން އެބަތިއްބެވެ. 2014 ވަނަ އަހަރުގައި ޔޫ.އެން.ޑީ.ޕީ އިން ޝާއިއު ކުރި ހިޔުމަން ޑިވެލޮޕްމަންޓް ރިޕޯޓުގައިވާގޮތުން ރާއްޖޭގެ އާބާދީގެ %30  އަކީ 18-24 އަހަރު އުމުރުފުރާގެ ޒުވާނުންނެވެ. އަދި އެމީހުންނަށް ލިބިދޭންޖެހޭ މުހިއްމު އަސާސީ ޚިދުމަތްތައް އެދެވިގެންވާ ގޮތުގައި ލިބިގަތުމަށް ހުރި ގޮންޖެހުންތައް ގިނައެވެ. މީގެ ތެރޭގައި ފުރާވަރުގެ ސިއްހަތާ، ޖިންސީ ގުޅުމުން އަރާ ބަލިތަކާއި، ދަރިމައިވުމުގެ ސިއްހަތު، ނިޔުޓްރިޝަން، ނަފްސާނީ ދުޅަހެޔޮކަން، ދިރިއުޅުމަށް ބޭނުންވާ ހުނަރު ފަދަ މައުލޫމާތާއި ޚިދުމަތް ހިމެނެއެވެ. މީގެ ތެރެއިން  މިލިޔުމުގައި އަލިއަޅުވާލާނީ ފުރާވަރުގެ ސިއްހަތަށް އަންނަ ބަދަލުތައް އެއުމުރުފުރާގެ ކުދިންނަށް އެނގުމުގެ މުހިއްމުކަމަށެވެ. އަދި އެ މައުލޫމާތު ނުލިބުމުގެ ސަބަބުން މުޅި އުމުރަށް ކުރާ އަސަރުގެ ވާހަކައަށެވެ. ޚާއްސަކޮށް އަންހެންކުދިންނަށް މީގެސަބަބުން ކުރާއަސަރުގެ ވާހަކައަށެވެ. އަލިފް ދާލްގެ އާބަދީއާ ބެހޭ ޖައްމިއްޔާ ޔޫ އެން އެފް ޕީ އޭ އިން ދިވެހިރާއްޖޭގައި އެކި ދުވަސްވަރު ފުރާވަރުގެ ސިއްޙަތާބެހޭ މައުލޫމާތު ދިނުމަށްޓަކައި މިއަދާ ހަމަޔައް ވަނީ އެތަކެއް މަޝްރޫއުތަކެއް ސަރުކާރާ ގުޅިގެން ހިންގާފައެވެ. މީގެ ތެރޭގައި ދިރިއުޅުމަށް ބޭނުންވާ ހުނަރު ދަސްކޮއްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން ފުރާވަރުގައި ހަށިގަނޑަށާއި އަދި ނަފްސާނީ ގޮތުން އަންނަ ބަދަލުތަކުގެ މައުލޫމާތު ދިނުން ހިމެނެއެވެ. އަދި ޒުވާނުންގެ މަރުކަޒުގައި ހިންގި ޒުވާނުންގެ ސިއްޙަތު ކެފޭ (ޔޫތު ހެލްތް ކެފޭ) ކަހަލަ އެތައް މަޝްރޫއުތަކެއް ވަނީ ހިންގި ފައެވެ. ނަމަވެސް މިހުރިހާ މަޝްރޫއުތައްވެސް ވަކި ހިސާބަކުން ހުއްޓި ނެތިދަނީއެވެ.

އިސްވެ ދެންނެވުނު ހެން ދިވެހިރާއްޖޭގައި ދަރިމައިވުގެ ސިއްހަތާ ބެހޭ މައުލޫމާތާއި އަދި ދޭތެރެ ދުރުކުރާ ވަސީލަތްތަކުގެ ޚިދުމަތް ހާމަގޮތެއްގައި ލިބެނީ ހަމައެކަނި ކައިވެނިކޮށްގެން އުޅޭ މީހުނަށެވެ. އާދަކާދާއާއި އަދި ދީނީ ގޮތުން އެގިފައި އޮންނަ ގޮތުގައި ވާނަމަ މީހަކާ އިނުމުގެ ކުރިން ޖިންސީގުޅުން ހިންގައިގެން ނުވާނެއެވެ. ނަމަވެސް މިހެން މިކަންތައް އޮއްކަމުގައިވިޔަސް  މިކަމާ ގުޅިގެން ރާއްޖޭގައި ހެދިފައި ހުރި މަދު ދިރާސާތަކަށް ބަލާއިރު ފުރާވަރުގެ އުމުރުގެ ކުދިން (މިސާލަކަށް 18 އަހަރު ވުމުގެ ކުރިން) ޖިންސީގުޅުން ހިންގުމަކީ ނުހިގާ ކަމެއްނޫނޭ ބުނެވޭކަށް ނެތެވެ.

ރާއްޖޭގައި ހައްޔަރުން ނެއްޓުމަކީ މުޖުތަމައު ގަބޫލުކުރާކަމަކަށްނުވާތީ ގަދަކަމުން ޖިންސީގުޅުންހިންގުމުގެ ސަބަބުން މާބަނޑުވާ އަންހެންކުދިންވެސް ހައްޔަރުން ނުނެއްޓެވި އޭގެ ނަތީޖާ މުޅިއުމުރަށް ތަހައްމަލްކުރާކުދިން މަދެއްނޫނެވެ.

2004 ވަނަ އަހަރު ކުރި ދަރިމައިވުމުގެ ސިއްހަތު ސާވޭގައި ބައިވެރިވި ޒުވާނުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށްބަލާއިރު އޭގެ ތެރެއިން 26 ޒުވާން އަންހެނުން ބަލިވެއިންކަން އެނގުނެވެ. އަދި ނަތީޖާއަކަށްވަނީ ގިނަ ޒުވާނުން ބަލިވެއިނުމުން، އެހެން ގޮތެއްނެތިގެން ކައިވެނިކުރާކަމެވެ. އަދި 2011 ވަނަ އަހަރު ރާއްޖޭގައި ހުންނަ އަލިފްދާލްގެ އާބާދީއާބެހޭ ޖައްމިއްޔާއިން ކުރި “ކައިވެނިނުކުރާ ޒުވާން އަންހެންނުންނަށް ދަރިމައިވުމުގެ ސިއްހަތާބެހޭ މައުލޫމާތު އެނގޭ މިންވަރާ އެއަށް އަމަލުކުރާގޮތް ބެލުމަށްޓަކައި ކުރި ދިރާސާ” އަށް ބަލަމާތޯއެވެ. އެދިރާސާގައި ބުނާގޮތުން 2011 ވަނައަރާހަމަޔަށް އައި ޖީ އެމް އެޗް ގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓަށް ރިޕޯޓްކުރެވުނު ކޭސްތަކުގެ %68 އަކީ 15-24 އަހަރާ ދެމެދުގެ ޒުވާން ފުރާވަރުގެ އަންހެންކުދިން ކައިވެނީގެ ބޭރުން ބަލިވެއިދެގެން ރިޕޯޓްކުރެވުނު ކޭސްތަކެވެ. މީގެ ތެރޭގައި ކަންބޮޑުވާވަރަށް ޖިންސީ ގޯނާ އަދި ރޭޕްފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ބަލިވެއިނުމުގެ ކޭސްތައް ހިމެނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ އަންހެންކުދިން މީގެ ތެރޭގައި ހިމެނޭ ކަމީވެސް އިތުރަށް ކަންބޮޑުވާންޖެހޭކަމެކެވެ. އަދި މިއުމުރުފުރާގައި، އަންހެންކުދިން ކައިވެނިން ބޭރުން ބަނޑުބޮޑުވުމުން، އަމިއްލަނަން ބަދުނާމުވުމުން ސަލާމަށްވުމަށްޓަކައި ހައްޔަރުން ނެއްޓުމަށް  އެކިގޮތްގޮތުން މަސައްކަތްކުރާކަންވެސް ވަނީ ފެންމަތިވެފައެވެ. ރާއްޖޭގައި ހައްޔަރުން ނެއްޓުމަކީ މުޖުތަމައު ގަބޫލުކުރާކަމަކަށްނުވާތީ ގަދަކަމުން ޖިންސީގުޅުންހިންގުމުގެ ސަބަބުން މާބަނޑުވާ އަންހެންކުދިންވެސް ހައްޔަރުން ނުނެއްޓެވި އޭގެ ނަތީޖާ މުޅިއުމުރަށް ތަހައްމަލްކުރާކުދިން މަދެއްނޫނެވެ. މިކަންތައް ބޮޑުވެގެން 2013 ވަނަ އަހަރު ކަމާބެހޭ ފަރާތްތައް ހުށަހަޅާގެން ފިގްހު އެކަޑަމީއިންވަނީ ވަކިހާލައްތަކުގައި ހައްޔަރުން ނެއްޓުމަކީ ދީނުގައި ހުއްދަކަމެއްކަމުގައި ފަތުވާއެއްވެސް ނެރެފައެވެ. ނަމަވެސް މިދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުން ބުނާގޮތުގައި ފަތުވާ ނެރުނު ކަމުގައިވިޔަސް ގަދަކަމުން ޖިންސީގޯނާކޮށްގެން މާބަނޑުވާ ހާލަތްތަކުގައިވެސް ރާއްޖޭގައި ޑަކްޓަރުންގެއެހީއާއިއެކު ރައްކާތެރިގޮތުގައި ހައްޔަރުން ނެއްޓުމަކީ އަދިވެސް ކުރެވޭކަމެއްނޫނެވެ. މިހެންވެ، މުޖުތަމައުގެ ބަދުނާމުން ސަލާމަތްވުމަށް އެތަކެއްކުދިން އަމިއްލައަށް ސިއްހަތަށްގެއްލުންލިބޭ އެކި ގޮތްގޮތުން ހައްޔަރުން ނެއްޓުމަށް މަސައްކަތް ކުރެއެވެ. އަދި އިސްވެ ބުނެވުނު، 2011 ވަނަ އަހަރު ރާއްޖޭގައި ހުންނަ އަލިފްދާލްގެ އާބާދީއާބެހޭ ޖައްމިއްޔާއިން ނެރުނު ދިރާސާއިން ބުނާގޮތުގައި އަމިއްލައަށް ހައްޔަރުން ނެއްޓުމަށް މަސައްކަތްކޮށްގެން އެތަކެއްއަންހެން ކުދިންގެ ފުރާނައަށް ގެއްލުންވާ ހިސާބަށްގޮސްފައި އެބަހުއްޓެވެ.

ފުރާވަރު އުމުރުފުރާގެ ކުދިން ދުޅަހެއުސިއްހަތަކަށްވާސިލުވާން އެހީތެރިވެދިނުމަށް ފޯރުކޮށްދޭންޖެހޭ އަސާސީ ތައުލީމީ ވަސީލަތްތައް ގާއިމުކުރަން އެބަޖެހެއެވެ.

2008 ވަނައަހަރު ހެދުނު ހަޔަވީ އަދި އަމުލުތަށްހުންނަގޮތުގެ (ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް) ސާވޭއަށް ބަލާއިރު، ޒުވާނުންނާއި، ފުރާވަރު އުމުރުފުރާގެ ކުދިން، ހުރަހާއިނުލާ ގިނަމީހުނާއެކު ޖިންސީގުޅުން ހިންގުމުގެ ސަބަބުން، ޖިންސީގުޅުމުން އަރާ ބަލިތަކުގެ ނުރައްކާ ރާއްޖޭގެ ޒުވާނުންގެ ތެރޭގައި ކަންބޮޑުވާ މިންވަރަށް އުފެދިފައިވާކަން ދޭހަވެއެވެ. އަދި މިއުމުރުފުރާގެ އަންހެންކުދިން ހަށިވިއްކުމުގެ ޝިކާރައަށްވެފައިވާކަންވެސް ހާމަވެފައިވެއެވެ. މިހުރިހާކަމަކުން ދޭހަވަނީ ފުރާވަރާއި، ޒުވާނުންއުމުރުގައި އެދެވޭ ގޮތެއްގައި ފުރާވަރުގެ ސިއްހަތާބެހޭ މައުލޫމާތާއި، ވަސީލަތްތައް ނުލިބުމުގެ ސަބަބުން، ނަފްސާނީ، ސިއްހީ، އެތަކެއް ކަންތައްތަކެއް ތަހައްމަލް ކުރަންޖެހޭކަމެވެ. އަދި ކައިވެނީގެ ބޭރުން ބަލިވެއިނުމުން  މުޖުތަމުއުގެތެރެއިން އަންހެންކުދިންނަށްލިބޭ ބަދުނާމާއި، އަދި ބަލިވެއިނުން އެއީ  ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގިކަމުގެ ހެއްކެއްކަމަށް ބަލައިގެން ހައްދުޖެހުމަކީވެސް ރާއްޖޭގައި އާއްމުކަމެކެވެ. ހައްދުޖެހުމުގައި ހައިރާންވާންޖެހޭ މިންވަރަށް އެއަދަބު ލިބެނީ އަންހެނުންނަށެވެ.  މިހެން މިކަންތައްތައް ވަމުންދާއިރު އަދިވެސް މިކަންތައްތަކަށް ހައްލު ހޯދުމުގެ ސިޔާސަތުތައް ތަންފީޒު ވަމުން އަންނަތަނެއްނުފެނެއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ދެވޭ ފުރާވަރުގެ ސިއްހަތާބެހޭ މައުލޫމާތަކީ އޭގެ ސަބަބުން ކުދިން ޖިންސީގުޅުމަށް އިތުރަށް މަގުފަހިވާ މައުލޫމާތުހެން ވަރަށްގިނަ ބެލެވެރިންނަށް އަދި ސްކޫލްތަކާ، މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހީވެފައިއޮންނަ ހީވުން އެއީ މިކަހަލަ މައުލޫމާތުތަށް ދިނުމަށް އޮށް ވަރަށް ބޮޑު ހުރަހެކެވެ. އަދި މީގެ ސަބަބަކީ ބެލެނެވެރިންނާއި، ތައުލީމު އުގަންނައިދޭ ފަރާތްތަށް މިކަމަށް އެދެވިގެންވާވަރަށް ހޭލުންތެރިވެފައި ނެތީކަމަށްވެސް ވެދާނެއެވެ. ދުނިޔޭގެ އެއްމެ ބޮޑު އިސްލާމީ ގައުމުކަމަށްވާ އިންޑޮނޭޝިއާގެ އިސްލާމީ ބޯޑިން ސްކޫލްތަކުގައިވެސް ފުރާވަރުގެ ކުދިންގެ ސިއްހަތާބެހޭ މައުލޫމާތު ވަކި މާއްދާއެއްގެ ގޮތުގައި ކޮއްމެ މަހަކު ކިޔަވާދެއެވެ. މީގެ ބޭނުމަކީ ކުދިންނަށް އެކުދިންގެ ހަށިގަނޑަށާއި ނަފްސާނީގޮތުން އަންނަ ބަދަލުތަކަށް އެކުދިންހޭލުންތެރިކުރުވުމާއި އަދި، ރައްކާތެރިކަމުގެ ފިޔަވަޅާނުލާ ޖިންސީގުޅުން ހިންގުމުން އެކަކު އަނެކެއްގެ ގަޔަށް އަރާފާނެ ބަލިތަކާއި، ޅައުމުރުގައި ބަލިވެއިނުމުން ލިބޭގެއްލުންތަކުގެ މައުލޫމާތު މައުނަވީގޮތެއްގައި ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ކިޔަވައިދިނުމެވެ. އެހެންވީމަ ރާއްޖެއަކީވެސް ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާހިނދު، ފުރާވަރު އުމުރުފުރާގެ ކުދިން ދުޅަހެއުސިއްހަތަކަށްވާސިލުވާން އެހީތެރިވެދިނުމަށް  ފޯރުކޮށްދޭންޖެހޭ އަސާސީ ތައުލީމީ ވަސީލަތްތައް  ގާއިމުކުރަން އެބަޖެހެއެވެ. އެއީ މިޖީލު ދުޅަހެޔޮގޮތެއްގައި ދެމެހެއްޓުމައްޓަކައެވެ. ފުރާވަރުގެ ސިއްހަތާބެހޭ ހަރުދަނާ މައުލޫމާތު ނުލިބި އެއުމުރުފުރާގެ ކުދިންނަށް ޒިއްމާދާރުގޮތެއްގައި އެމީހުންގެ ހަށިގަނޑު ސަލާމަތްކަންމަތީ ބަލަހައްޓަން ދަސްކުރުމަކީ ނުކުރެވޭނެކަމެކެވެ.

މަރިޔަމް މުހައްމަދު ދީދީ އަކީ ޢިޖްތިމާއީ ތަރައްޤީގެ ދާއިރާގައި އަމިއްލަ ގޮތުން މަސައްކަތް ކުރާ ފަރާތެކެވެ. އަދި މަދަނީޖަމުޢިއްޔާއެއް ހިންގުމާއި، މަދަނީ މުޖުތަމައުގެ ދާއިރާގައި އަމަލީތަޖުރިބާތަކެއް ހާސިލްކޮށްފައިވާ، ހާސިލްކުރަމުންދާ ފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަ ކަމާއިބެހޭގޮތުން ދިވެހިރާއްޖޭގެ ހާލަތު ދިރާސާކޮށް ދެނެގަތުމުގެ މަސައްކަތް ވެސް މަރިޔަމްކުރެއެވެ.

މަރިޔަމް އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!