ފޮޓޯ : ‘ތަރައްޤީގެ ދުވެލި 005’، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، 21:2008

2016 ވަނަ އަހަރުގެ އަންހެނުންގެ ދުވަހު އަޅުގަނޑުގެ އާއިލާގެ ގިނަ މެމްބަރުން ހިމެނޭ ވައިބަރ ގުރޫޕޭއްގައި އަޅުގަނޑުގެ ދައްތައަކު އަންހެނުންގެ ދުވަހާބެހޭ ޖޯކެއް ފޮނުވާލިއެވެ. މި ގުރޫޕުގައި އާއިލާގެ 30 ހަކަށް މީހުން ތިބެއެވެ. އެމެސެޖު ފެނުމުން އަޅުގަނޑު ވަރަށް ހައިރާންވިއެވެ. ރުޅިވެސް އައެވެ. ސަބަބަކީ އަޅުގަނޑުގެ ދައްތަ ވިސްނާލުމެއްނެތި އެމެސެޖު އެންމެނާ ހިއްސާ ކޮށްލީމައެވެ. އަޅުގަނޑު ގެ ދައްތައަކީ ކިޔަވައިގެން ހުރި މޮޅު މީހެކެވެ. ސްކޫލު ދައުރުއްސުރެ އާއިލާގެ އެންމެން އަބަދުވެސް ފަޚުރުވެރިވާ ކިޔެވުމަށް މޮޅު، ވަޒީފާގައިވެސް ހުނަރުވެރި މީހެކެވެ. އެކަމަކު އެދުވަހު އެމެސެޖު ފޮނުވީ އެއްވެސް ފިކުރެއްނެތިއެވެ. އަންހެނުންގެ ދުވަސް ފާހަގަ ކުރަނީ ކީއްވެގެންތޯވެސް ހިތަށްއަރުވާނުލާކަން ކަށަވަރެއެވެ. މިއީ ވަރަށް ގިނަމީހުން ރާއްޖޭގައި އަންހެނުންގެ ދުވަހާމެދު ވިސްނާ ގޮތްކަން އަޅުގަނޑު ދެކެމެއެވެ. އެހެންކަމުން އަޅުގަނޑު ދައްތައަށް ވައިބަރ ގުރޫޕުގައި ރައްދު ދިނީމެއެވެ. އަޅުގަނޑަށް އަންހެނުންގެ ދުވަސް މުހިއްމު ވާން ފެށުނު ދުވަހުގެ ވާހަކަ ގުރޫޕޫގެ އެންމެނަށް ކިޔައިދިނީމެއެވެ. އެއީ 2007 ވަނަ އަހަރުގެ އަންހެނުންގެ ދުވަހެވެ. އަޅުގަނޑު ހުރީ ލ.ފޮނަދޫ ގައެވެ. އަންހެނުންނަށް ކުރެވޭއަނިޔާގެ ވާހަކަ ދެކެވުނު ބައްދަލުވުމެއްގައި އަޅުގަނޑަށް އަންހެނަކު އޭނާގެ ފިރިމީހާ ކުރާ އަނިޔާ ތަކުގެ ވާހަކަ ކިޔައިދިނެވެ. ވިހައިގެން 3 ވަނައަށް ވީދުވަހު ގަދަކަމުން ޖިންސީގުޅުން ހިންގިވާހަކައެވެ. ފިރިމީހާ އޭނާ ވިހައިގެންއޮއްވާ ރޭޕް ކުރިވާހަކައެވެ. އަދި އެވޭން އޭނާއަށް އުމުރަށްވެސް ކުރާނެ ވާހަކައެވެ. އެކަމުން އޭނާގެ ހަށިގަނޑަށް ގެއްލުންލިބުނު ވާހަކައެވެ. އެހެންނަމަވެސް ވަކިވާންނުކެރޭނެ ވާހަކައެވެ. އަދި ރިޕޯޓުކުރަން ބިރުގަންނަ ވާހަކައެވެ. އެދުވަހު އަޅުގަނޑު އަންހެނުންގެ ދުވަހާއި މެދު ސީރިއަސް ގޮތަކަށް ވިސްނާލީމެވެ. އެ ވާހަކަ އަޑުއިވުމުން ނިދަންވެސް އުނދަގު ވުމާއެކުއެވެ. އަޅުގަނޑަށް އަންހެނުންގެ ދުވަހާ ގުޅޭގޮތުން މީހުން ޖޯކުޖެހީމަ އެކަން މަޖާ ނުވަނީ އެއަންހެން މީހާގެ ވާހަކަ އަޅުގަނޑުގެ ހިތުތެރޭ ހުރުމުންކަމަށް ގުރޫޕުގައި ލިޔެލީމެވެ.

އަޅުގަނޑު ހުރީ ލ.ފޮނަދޫ ގައެވެ. އަންހެނުންނަށް ކުރެވޭއަނިޔާގެ ވާހަކަ ދެކެވުނު ބައްދަލުވުމެއްގައި އަޅުގަނޑަށް އަންހެނަކު އޭނާގެ ފިރިމީހާ ކުރާ އަނިޔާ ތަކުގެ ވާހަކަ ކިޔައިދިނެވެ.

ބައިނަލްއަޤުވާމީ ގޮތުން އަންހެނުންގެ ދުވަހެއް ފާހަގަ ކުރަން ނިންމާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް އެކި ގޮތްގޮތުންކުރެވޭ އަނިޔާ އާއި ދެކޮޅަށެވެ. ތަޢުލީމީ ގޮތުން، ސިޔާސީ ރޮގުން އަދި އިޤް ތިސާދީ ގޮތުން ފިރިހެނުންނަށް ވުރެ އަންހެނުންނަށްހުރި ފުރުސަތުތައް މަދުވީމައެވެ. އަންހެނުންގެ ހައްޤު ތައް ރައްކާތެރި ކޮށް އަންހެނުން ބާރުވެރިކުރުވުމަށެވެ. މިދުވަހާއިމެދު ސުވާލު އުފެދޭމީހުން އެންމެ ގިނައިން އަހަނީ 365 ދުވަހުން އެންމެ ދުވަހެއް ހާއްސަ ކޮއްގެން އަންހެނުންގެ ހައްޤު ތަކަށް ބަދަލު ގެނެވޭނެތޯއެވެ. މީގެ ރައްދުގައި އަޅުގަނޑު ބުނެލާނީ، އަންހެނުންގެ ހައްގުތަކަށް ދާއިމީ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭނެކަން ވަރަށް ސާފުކަމެވެ. އަޅުގަނޑު ދެކޭގޮތުގައި މިދުވަސް ފާހަގަ ކުރުމެގެ އެންމެ ބޮޑު ބޭނުމަކީ މިމަސައްކަތުގައި ލިބޭ ކާމިޔާބީ ބަލައިގަނެ، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އަޑުއުފުލުމެވެ.

ދެންއޮތީ އެހެންސުވާލެކެއެވެ. ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ސްޓޭޓަސް އެއްގައި އަންހެނުންގެ ދުވަހާގުޅިގެން އެއްޗެއް ލިޔެލައިފިނަމަ ތަކުރާރުކޮށް މީހުން އަހަމުންދާ ސުވާލެކެވެ. ‘ފިރިހެނުންގެ ދުވަސް ކޮބައިހޭ؟’ ކިޔާފައެވެ. މިއީވެސް އަޅުގަނޑު ރައްދު ދޭންބޭނުންވާ ސުވާލެކެއެވެ. މިއީ އަޅުގަނޑު ދެކޭގޮތުގައި ދައްތަ އެކޭ އެއްގޮތަށް މި ދުވަހާދޭތެރޭ ވިސްނަން ބޭނުންނުވާމީހުން ކުރާ ކޮމެންޓެކެވެ. ބޮޑަށް ސަމާސާއެއްގޮތަށް ނުވަތަ މަޖަލަކަށް ހަދާފައި ކުރާ ކޮމެންޓެވެ. މިދެކެވެނީ އަޅުގަނޑުމެންގެ މައިންނާއި އަންހެން ދަރީންނާއި، އަންހެން ކޮއްކޮ އަދި ދައްތައިންނަށް ހުރި މައްސަލަ ތަކެއް ނުވަތަ ހާލަތުތަކެއްގެ ވާހަކަ ކަމަކަށް މިފަދަ ކޮމެންޓު ލިޔާ މީހުން ނުދެކެއެވެ. އަޅުގަނުޑުގެ ހިތަށްއަރާ ސުވާލަކީ މިގޮތައް ކޮމެންޓު ކުރާ މީހުންނަކީ ފޮނަދޫއިން ދިމާވި އަންހެންމީހާ ފަދަ އަންހެނެއްގެ ޙައްޤުގައި ކޮމެންޓެއް ކޮށްލަން ބޭނުންނުވާ މީހުން ބާއެވެ.

ފިރިހެނުންގެ ދުވަސް ކޮބައިތޯ އަންހެނުންގެ ދުވަހު ސުވާލުކުރާ މީހުންނަށް ދޭންއޮތް ޖަވާބަކީ މިއީއެވެ. ތރީގައި ފާހަގަ ކޮށްފައިވާ ޕޮއިންޓު ތަކުން ދޭހަވަނީ، އިގްތިސާދީ ގޮތުންވިޔަސް ޢިޖުތިމާޢީ ގޮތުން ވިޔަސް އަދި ސިޔާސީ ދާއިރާގައިވެސް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ބޮޑެތިފަރަގުތަކެއް ހުރިކަމެވެ.

ރަސްމީނޫން މަސައްކަތުގެ ދާއިރާގައި ގިނައީ އަންހެނުންނެވެ. އެގޮތުން %90 އަންހެނުން އާމުދަނީ ހޯދުމަށްގޭގައި އަމިއްލަ މަސައްކަތް ކުރެއެވެ. މިފަދަ ނުރަސްމީ އަމިއްލަ މަސައްކަތަކީ ވަޒީފާގެ އެއްވެސް ރައްކާތެރިކަމެއް ލިބިގެންވާ މަސައްކަތެއް ނޫނެވެ.

• 2015 ވަނަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް 438 ގެވެށި އަނިޔާ ގެ މައްސަލަ ހުށަހެޅުނެވެ. އޭގެތެރޭގައި، %80 އަކީ އަނިޔާ ލިބިފައިވާ އަންހެނުންނެވެ (ރިވެލި މަޖައްލާ، ވޮލިއުމް 1، މެއި 2016). އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެޔުނިޓަށް އަނިޔާ ލިބިގެން ގެނެވޭ މީހުންގެ ތެރެއިން %87 އަކީ އަންހެނުންނެވެ. (އެފްޕީޔޫ ސެޓިސްޓިކަލް އެނަލައިސިސް، އޯގަސްޓް 2010).
• 2014ގެ ބޯހިމެނުމުން ދައްކާ ގޮތުގައި އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ މިންވަރު (ލޭބަރފޯސް ޕާޓިސިޕޭށަން ރޭޓް) ފިރިހެނުންނާއި އަންހެނުންގެ ވަރަށްބޮޑުތަން ތަފާތެވެ. ދިވެހި އާބާދީގެ ފިރިހެނުން އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ މިންވަރު %79 ހުރިއިރު އަންހެނުން އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ މިންވަރުހުރީ %47.6 ގައެވެ. ވަޒީފާއެއް ނެތް އަންހެނުންގެ ނިސްބަތަކީ %7.4 އެވެ. މިއާ އަޅާބަލާއިރު ވަޒީފާއެއް ނެތް ފިރިހެނުންގެ ނިސްބަތަކީ %5 އެވެ.
• ރަސްމީނޫން މަސައްކަތުގެ ދާއިރާގައި ގިނައީ އަންހެނުންނެވެ. އެގޮތުން %90 އަންހެނުން އާމުދަނީ ހޯދުމަށްގޭގައި އަމިއްލަ މަސައްކަތް ކުރެއެވެ. މިފަދަ ނުރަސްމީ އަމިއްލަ މަސައްކަތަކީ ވަޒީފާގެ އެއްވެސް ރައްކާތެރިކަމެއް ލިބިގެންވާ މަސައްކަތެއް ނޫނެވެ.
• އިންތިޚާބު ކުރެވިފައިވާ 85 މަޖިލީސް މެމްބަރުންގެ ތެރޭގައި ހިމެނެނީ އެންމެ 5 އަންހެނުންނެވެ.
• ރަށު ކައުންސިލަރުންގެ %95 އަކީ ފިރިހެނުންނެއެވެ. އަތޮޅު ކައުންސިލަރުންގެ %99.5 އަކީފިރިހެނުންނެއެވެ. އަންހެން ސިޓީ ކައުންސިލަރުންގެ ތެރޭގައި ހިމެނެނީ އެންމެ އަންހެނެކެވެ.
• ފިރިހެނުންގެ މަސައްކަތު އާބާދީގެ %8 މަސައްކަތްކުރަނީ ދައުލަތްހިންގުމުގެ އެކިމުއައްސަސާތަކުގެ މަތީމަޤާމުތަކުގައި އާއި ސިޔާސީއިސްމަޤާމުތަކުގައި އަދިސަރުކާރުހިންގުމުގެއިދާރީމަތީފަންތީގެ މަގާމުތަކުގައެވެ. އަންހެނުންގެ މަސައްކަތު އާބާދީގެ ތެރެއިން މިފަދަ ކަންކަންނިންމުމުގެ މަތީ މަޤާމުތަކުގައި ހަރަކާތްތެރިވަނީ އެންމެ %2 އެވެ.
• ގެދޮރުގެ މިލްކުވެރިންގެ %65.5 އަކީ ފިރިހެނުންނެވެ.
• ވިޔަފާރިކުރުމަށް ނުވަތަ އެހެނިހެން ކަންކަމަށް ލޯނު ދޫކޮށްފައިވާ މީހުންގެ ތެރެއިން %64 އަކީ ފިރިހެނުންނެވެ.

އަޅުގަނޑުގެ އުންމީދަކީ މިއަހަރުގެ އަންހެނުންގެ ދުވަހުތިޔަ ބޭފުޅުންވެސް ސޯޝަލް މީޑިއާގައި ހިނގާ ޖޯކުތައް ޝެއާކުރުން މަދުކުރުމެވެ.

މަތީގައި ދެންނެވުނު މައުލޫމާތުން ހިކުމަތެއް ލިބޭނީ މިހާލަތާ ދޭތެރޭ ވިސްނާލީމަ އެވެ. އަޅުގަނޑުގެ ރައްދުބަހާއެކު އަޅުގަނޑުގެ ދައްތަ އާއި އާއިލާގެ ގިނަބަޔަކަށް މިދުވަހާއި މެދު އަލުން ވިސްނާލުމަށް ހިތްވަރެއް ލިބުނު ކަމަށް ބުނެއެވެ. އަޅުގަނޑުގެ އުންމީދަކީ މިއަހަރުގެ އަންހެނުންގެ ދުވަހުތިޔަ ބޭފުޅުންވެސް ސޯޝަލް މީޑިއާގައި ހިނގާ ޖޯކުތައް ޝެއާކުރުން މަދުކުރުމެވެ. އެކަންކުރާ ފަރާތްތަކަށް މި ރައްދުބަސްތައް ހިއްސާކޮއްލަ ދެއްވާށެއެވެ. އަދި ފިރިހެނުންގެ ދުވަހުގެ ކޮމެންޓު ތަކުގެ ބަދަލުގައި އަންހެނުންގެ ކުރިއެރުމަށް ތާއީދުދީ އެކަމަށް މަސައްކަތް ކުރާ ފަރާތް ތަކަށް އެއްބާރުލުންލިބޭ ގޮތަށް ކޮމެންޓު ކޮށްދެއްވާށެއެވެ.

ރާނިޔާ ސޯބިރު އަކީ އިކޮނޮމިކްސް އަދި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓުގެ ދާއިރާއިން މަތީތައުލީމު ހާސިލުކޮށް، ދިވެހިރާއްޖޭގައި ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމުގައި ގިނައަހަރުތަކެއްގެ ތަޖުރިބާހޯދާފައިވާ ފަރާތެކެވެ. ރާނިޔާ މިހާރުމަސައްކަތްކުރަނީ ބައިނަލްއަޤުވާމީފެންވަރުގައި ފަންނީދިރާސާކުރާ ކުންފުންޏެއްގައެވެ.

ރާނިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!