އަންހެނުން ބާރުވެރިކުރުމަކީ މިންތީގެ ހަމަހަމަ ކަމާއި ތަރައްޤީއަށް މަސައްކަތް ކުރާ ހުރިހާފަރާތަކުން ބޭނުންކުރާ އެއް ސްޓްރެޓެޖީ އެވެ. ބާރުވެރިވުމަކީ އިގިރޭސިބަހުން އެމްޕަވަމެންޓް އެވެ. ބާރުވެރިވުމަކީ އަމިއްލައަށް ކަންކަން ނިންމުމުގެ މިނިވަންކަމާއި ފުރުސަތު ލިބިފައިއޮތުމެވެ. އެއާޚިލާފަށް ބާރުވެރިނުވުމަކީކުރަން ބޭނުންވާކަންކަން އަމިއްލަ އަށް ނިންމުމުގެ ފުރުސަތު ނެތުމެވެ.

ފުރިހަމަ ފުރުސަތު ލިބުމަށް ބޭނުންވާތިންކަމަކީ އަމިއްލައަށް ކަންކަން ނިންމަން ބޭނުންވާ އިޙްތިޔާރު، ވަސީލަތް އަދި ބޭނުންވާ ނަތީޖާހޯދުމުގެމަގުފަހިވެފައިއޮތުމެވެ. މިގޮތުން އަމިއްލަ އިޙްތިޔާރު ލިބިފައިވުމީ އެމީހެއްގެ ދިރިއުޅުމުގައި ބޭނުންވާ ކަންކަން ނިންމުމުގެ ބާރު ފުރިހަމައަށް ލިބިފައިވުމެވެ. މިސާލަކަށް އާއިލާއެއް ފެށުމުގެ ކުރިން މަތީތައުލީމު ހާސިލުކުރުމުގެ އިޙްތިޔާރު އޮތުމާއި އަދި އަމިއްލަ އިޙްތިޔާރުގައި ކަންކަން ނިންމުމަށް ބޭނުންވާ ވަސީލަތް ތަކުގެތެރޭގައި ފައިސާއާއި އެކަން ހާސިލުކުރުމަށް ބޭނުންވާ މާހައުލު ފަހިވެފައިއޮތުމެވެެ. މިގޮތުން ކިޔަވަން ބޭނުންވާމީހަކަށް ކިޔަވައިދޭ ތަންތަނާއި އިދާރާތަކާއި ކިޔަވަންހިނގާނެ ޚަރަދު ލިބޭނެ ގޮތްއޮންނަން ޖެހެއެވެ. އަމިއްލަ އިޙްތިޔާރުގައި، އަދި ލިބެންހުންނަ ވަސީލަތް ބޭނުން ކޮއްގެން އެމީހެއްގެ ފުރިހަމަ ޤާބިލުކަމަށް ދެވުމަކީ ލިބޭކާމިޔާބުގެބޭނުންހިފުމެވެ. މިސާލަކަށް ލޯޔަރުކަން ކިޔަވައިގެން، ލިބޭހުނަރާއި ތައުލީމުގެބޭނުންކޮށް އަމަލީގޮތުން ހަރަކާތްތެރިވުމެވެ. މިދެންނެވި ކާމިޔާބާހަމައަށް ވާސިލުވުމަށްް ބޭނުންވާ ތައުލީމު، ފުދުންތެރިކަން އަދި މަގުފަހި ކުރާސިޔާސަތުތައް ހުންނަންޖެހެ އެވެ.

ދިވެހިރާއްޖޭގައި ތައުލީމީދާއިރާއަށްބަލާލާއިރު ޒުވާންއަންހެންކުދިން ފިރިހެން ކުދިންނަށްވުރެ ގިނައިން މަތީތައުލީމު ހާޞިލުކޮށް ހޯދާ ނަތީޖާ ރަގަޅުކަމަށް ތަފާސްހިސާބުންދައްކައެވެ. 2014 ވަނައަހަރުގެ ބޯހިމެނުމުން ދައްކާގޮތުގައި މަތީތައުލީމު ހާޞިލްކުރަމުންދާ މީހުންގެތެރެއިން %61 އަކީ އަންހެނުންނެވެ. ރަނގަޅު ތައުލީމު ލިބުމަކީ ދިރިއުޅުމުގައި ހެޔޮބަދަލު ގެނައުމަށް ކަންކަމާމެދު ވިސްނާ ސުވާލުކުރުމަށްބޭނުންވާ ވަރަށް މުހިންމު ހުނަރެކެވެ. އަންހެނުން ދުޅަހެޔޮ ދިރިއުޅުމެއް އިޚްތިޔާރުކުރުމަށާއި، ގެވެށިއަނިޔާއިން ސަލާމަތް ވުމަށް ބޭނުންވާ ވަރަށް މުހިއްމު ވަސީލަތެކެވެ. އެހެންނަމަވެސް ތައުލީމުގެ ތެރޭން ކަންކަމާ ވިސްނާ ސުވާލުކުރުމުގެ ހުނަރުވެރިކަން ކުރިއަރާތަނެއް ނުފެނެއެވެ. ތައުލީމީ ނިޒާމުގެތެރޭން ވަކިފިކުރެއް ދަމަހައްޓަން މަސައްކަތް ކުރެއެވެ. މިސާލަކަށް މުޖުތަމައުގައި ހުންނަ ތަފާތުކުރުންތައް ދަމަހައްޓާ އަދި އަންހެނުންނަކީ ހަމައެކަނި ދަރިންބަލާ ގޭތެރޭމަސައްކަތް ކުރަންޖެހޭ ބައެއްކަމަށް ކިޔަވައިދޭ ފިލާވަޅުގެ ތެރޭންނާއި ޓީޗަރުންގެ ފިކުރުން ބާރުއަޅާނަމަ އަންހެނުންނަށް ތައުލީމުގެ މަންފާ ކައިވެންޏާ ހިސާބުން ހުއްޓޭނެއެވެ.

2014 ވަނައަހަރުގެ ބޯހިމެނުމުން ދައްކާގޮތުގައި މަތީތައުލީމު ހާޞިލްކުރަމުންދާ މީހުންގެތެރެއިން %61 އަކީ އަންހެނުންނެވެ.

އިގުތިޞާދީ ފުދުންތެރިކަމަށްބަލާއިރު ރަސްމީދާއިރާގައި ނުވަތަ އާމްދަނީއަށް އުޖޫރަޔާ އިނާޔަތް ލިބޭމަސައްކަތްކުރާއަންހެނުންމަދެވެ. އަންހެނުންނަށް އާމްދަނީ ލިބުމަކީ އެމީހެއްގެ އަމިއްލަ އިޙްތިޔާރުގައި ކަން ކަން ނިންމުމަށް ލިބޭ ވަރަށް ބޮޑުބާރެކެވެ. އަދި ސިޔާސީމައިދާނުގައި ބައިވެރިވުމާއި އަމިއްލަފައިމައްޗަށް ތެދުވުމުގެ ފުރުސަތުބޮޑުވެ ގެވެށިއަނިޔާއިން ސަލާމަތްވުމަށް އޮންނަ މުހިއްމު މަގެކެވެ. އެހެންނަމަވެސް އާމްދަނީލިބޭމަސައްކަތްކުރާއާބާދީގެ އަންހެނުންގެ ނިސްބަތަކީ %47 އަދި ފިރިހެނުންގެނިސްބަތަކީ %75 އެވެ. އަންހެންވަންތަ މަސައްކަތާއި ފިރިހެންވަންތަ މަސައްކަތްތައް މުޖުތަމައުގައި ކަނޑައެޅުމުން އަންހެނުންނަށް އާމުދަނީހޯދަން ލިބޭ ފުރުސަތުތަކާއި އޭގެއިންލިބޭމަންފާވެސް ތަފާތުވެއެވެ. މިސާލަކަށް ސިޔާސީ ދާއިރާ، ސިފައިންގެ، ފުލުހުން، ފަތުރުވެރިކަމުގެ ދާއިރާ، މަސްވެރިކަން މިއީ ފިރިހެނުން ގިނައިން ޝާމިލުވާ ދާއިރާތަކެވެ. އެއާ ޚިލާފަށް އަންހެނުން ގިނައިން ޝާމިލުވާދާއިރާތަކުގެ ތެރޭގައި، ތައުލީމީ ދާއިރާ، ސިވިލް ސާވިސްގެ މެދުފަންތި، އަދި ނުރަސްމީ ނުވަތަ މަހު މުސާރަ ނުލިބޭ މަސައްކަތް ހިމެނެއެވެ. މިހެން އޮތުމުން އަންހެނުންއާންމުކޮށް ކުރާމަސައްކަތަށް ލިބޭއުޖޫރަ ކުޑަވުން އަދި ގިނަވަގުތު މަސައްކަތުގައި ހޭދަކުރަންޖެހުން ފާހަގަކޮށްލެވެއެވެ. ގޭތެރޭމަސައްކަތާ ދަރިންބަލަންޖެހުމުން އާމްދަނީ ހޯދަން ލިބޭވަގުތު މަދުވެ އަރާމުކުރަން ލިބޭވަގުތު އަންހެނުންނަށް ވަރަށްބޮޑުތަން މަދުވެގެންދެއެވެ. 2014 ގެ ބޯހިމެނުމުން ދޭހަވާގޮތުން މަސައްކަތްނުކުރާއާބާދީގެ %80 އަންހެނުން އާމްދަނީލިބޭކަންކަމުގައި ހަރަކާތްތެރިނުވަނީ ދަރިންބަލަންޖެހޭތީއެވެ. އަދި މަސައްކަތުގެ ދާއިރާއިން އަންހެނުން އެންމެ ގިނައިން ހަރަކާތްތެރިވަނީ ކިޔަވައިދިނުމުގައްޔާއި އާންމު ޚިދުމަތް ދިނުމުގައެވެ. މިއީއުޖޫރައާއި ލިބޭއިނާޔަތްތައް ނިސްބަތުން އެންމެ މަދުދާއިރާ ތަކެވެ.

އަންހެންވަންތަ މަސައްކަތާއި ފިރިހެންވަންތަ މަސައްކަތްތައް މުޖުތަމައުގައި ކަނޑައެޅުމުން އަންހެނުންނަށް އާމުދަނީހޯދަން ލިބޭ ފުރުސަތުތަކާއި އޭގެއިންލިބޭމަންފާވެސް ތަފާތުވެއެވެ.

އާބާދީގެ ދެބައިކުޅައެއްބަޔަކީ އަންހެނުންނަށް ވާހިނދު، އެންމެންގެ ލާބަޔަށް ހަދާ ޤާނޫނުތަކާއި ސިޔާސަތުތައް ކަނޑައެޅުމުގައި ގޮތްނިންމާ މަޖުލިސްތަކުގައި އަންހެނުންނަށް ހަމަހަމަ އަށް ބައިވެރިވުމަކީ މިންތީގެ ހަމަހަމަ ކަމަށް ވާސިލުވުމަށް ކޮންމެހެން ބޭނުންކަމެކެވެ. ސަބަބަކީ ނިޒާމުގެތެރޭން ނިކުންނަ ތަފާތުކުރުން ނައްތާލުމަށް ބޭނުންވާ ސިޔާސީބަދަލު ގެންނަން އިގޭނީ އެކަމެއްގެ ތަޖުރިބާހުރި، އަދި އެކަމެއް ތަހައްމަލްކުރަމުންދާ ބަޔަކަށް ކަމަށްވާތީއެވެ. ދިވެހިރާއްޖޭގައިސިޔާސީމައިދާނުގައާއި ކަންކަން ނިންމާ މަޖުލިސްތަކުގައި އަންހެނުންގެ ބައިވެރިވުން ވަރަށްކުޑައެވެ. ލިބިދޭތައުލީމުގެ ތެރޭން އަންހެނުންނަށް ގެވެހިކަންކަމަށް ބާރުއެޅޭތީ ކަންކަމާސުވާލުކޮށް ސަރުކާރުޖަވާބުދާރީކުރުމަށް އޮންނަފުރުސަތުތައްވަރަށްމަދެވެ. ސުވާލަކީ އަންހެނުން ތައުލީމުހާޞިލްކޮށްގެން އަމިއްލަފުދުންތެރިކަން ރަނގަޅުކުރުމަށް ހަމަހަމަ ފުރުސަތު އޮވޭބާވައެވެ؟ މިފުރުސަތު އޮންނަކަމަށް ވަންޏާ އަންހެނުންގެ ކާމިޔާބީ ހާސިލު ވުމަކީ ކޮބާބާވައެެވެ؟. މަދު އަންހެނަކު ސިޔާސީގޮތުން ނުވަތަ އިގުތިސާދީގޮތުން ކުރިއަރާފައިވަނީ ނިޒާމުތަކުގައި ހުންނައެތަކެއް ގޮންޖެހުންތަކެއް ކަޑައްތުކޮށް ކަންޔަޤީނެވެ. އަހަރަކު އެއްފަހަރު މަދުއަންހެނަކަށް ރެހެންދި އެވޯޑު ލިބުމަކީ އަންހެނުންބާރުވެރިވުމަށް އަޅާކިޔޭނެ މިންގަނޑެއްނޫނެވެ.

ސުވާލަކީ އަންހެނުން ތައުލީމުހާޞިލްކޮށްގެން އަމިއްލަފުދުންތެރިކަން ރަނގަޅުކުރުމަށް ހަމަހަމަ ފުރުސަތު އޮވޭބާވައެވެ؟

ދިވެހިރާއްޖޭގައި “ބާރު” މިލަފުޒަކީ ފިރިހެންވަންތަ ސިފައެއްގޮތުގައި މުޖުތަމައު ދެކޭކަމަކަށްވުމުން އަންހެނުންބާރުވެރިވުމަކީ އާންމުގޮތެއްގައި ބަލައިގަންނަން އެހާފަސޭހަކަމެއްނޫނެވެ. ކިތަންމެގިނަ އަންހެނުންނެއް ތައުލީމު ހާޞިލުކުރިކަމުގައިވީނަމަވެސް، ލިބޭތައުލީމުގެ ބޭނުންކޮށް އަމަލީ މަސައްކަތުގެ މައިދާނަށް ނުނިކުންނަނީ އަމިއްލަ އިޙްތިޔާރުން ބާއެވެ، ނުވަތަ މަސައްކަތް ކުރުމަށް ފަހިމާހައުލެއް ނެތީމާ ބާއެވެ؟ އަންހެނުންނަށް އެމީހުން ހޯދާތައުލީމުގެ ބޭނުންހިފޭނެމާހައުލެއް ނެތްހާހިނދަކު، ކަންކަމުގައި އަމިއްލައިޚްތިޔާރު ބޭނުންކުރުމުގެ ބާރުލިބިފައިވާ ބައެއްގެގޮތުގައިި ނުބެލެވޭނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި އަންހެނުންނަކީ ބާރުވެރިބައެކޭ ބުނެވޭނެ ޖާގައެއް އަދި ނެތެވެ.

ޝާދިޔާ އިބްރާހިމް އަކީ އދ. ގެ އާބާދީ ޖަމުޢިއްޔާ ގައި 1997 ވަނަ އަހަރުން ފެށިގެން ޢިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަފަރާތެކެވެ. ޚާއްސަގޮތެއްގައި އަންހެނުންގެ ތަރައްޤީގެ މަސައްކަތްތަކުގައި ޝާދިޔާއަކީ ތަފާތު ގިނަގުނަ ތަޖުރިބާލިބިފައިވާ ފަރާތެކެވެ. ޝާދިޔާ އަކީ އުތެމަ ގެ ލިޔުންތެރިއެކެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!