Artwork credit: student art exhibition by Billabong School, Male’, with UN Women IWD2017

އަޅާލުންތެރިޔާ!

މި ސުރުޚީގެ ދަށުން، ސިލްސިލާ ލިޔުންތަކެއް ތައްޔާރުކުރަން ހިތުލައި އެކަމައިގެން ފަށައިގަންނަމެވެ.

އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތަށް އަލިއަޅުވާލައިގެން، މި އަހަރު އަންހެނުންގެ ދުވަހު “އަޅާލުންތެރިޔާ!” މި ސުރުޚީގެ ދަށުން، ސިލްސިލާ ލިޔުންތަކެއް ތައްޔާރުކުރަން ހިތުލައި އެކަމައިގެން ފަށައިގަންނަމެވެ. ބޭނުމަކީ އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތާއި މިންތީގެ ހަމަހަމަކަމާ ގުޅެނީ ކިހާ ހިސާބަކުން ކިހިނެއް ކަން ބަޔާން ކޮށްދިނުމެވެ. އެގޮތުން، “އަޅާލުންތެރިޔާ!” މި ސިލްސިލާގައި ތިރީގައި މިވާ ކަން ކަމަށް އަލިއަޅުވާލެވޭތޯ މަސައްކަތްކުރާނަމެވެ.
■ އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތަކީ ކޮބާ؟
■ ދުނިޔޭގެ ހުރިހާ ކަންކޮޅޮ ތަކެއްގައިވެސް އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތުގެ ބޮޑު ހިއްސާއެއް އަންހެނުން އަދި އަންހެން ކުދިން އަދާ ކުރާ ސަބަބުތަކަކީ ކޮބާ؟
■ މިފަދަ މަސައްކަތުގެ “އަސްލު” އަގު އަދާކުރަނީ ކޮން ބައެއް؟ ކިހިނެއް؟
■ މުޖުތަމަޢުއަށް މި މަސައްކަތް މުހިންމުވަނީ ކިހިނެއް؟
■ މި މަސައްކަތަށް މާލީ އަގެއް ކަނޑައަޅަން އުނދަގޫވިޔަސް މި މަސައްކަތް ގުނަކޮށް، އަގުވަޒަން ކުރުން މުހިންމުވަނީ ކީއްވެ؟ ދުނިޔޭގެ އެކި ޤައުމުތަކުގައި މިކަން ކުރަނީ ކިހިނެއް؟
■ އުޖޫރަކާއި ނުލާ ކުރާ މަސައްކަތުގައި އަންހެނުންނާއި ފިރިހެނުން ހިއްސާވާ މިންވަރު ހަމަހަމަ ކުރުމަށްޓަކައި ސިޔާސަތު ކަނޑައެޅުމުގައި ވިސްނަންވީ ކަންތައްތަކަކީ ކޮބާ؟

ރާއްޖެ ފަދަ ޤައުމެއްގައި މި މައުޟޫޢުއާއި ގުޅުން ހުރި އާންމު ބަހުސް އެއްގެ މުހިންމުކަން މާ ބޮޑަށްވެސް އިހުސާސްކުރެވެއެވެ.

އުންމީދަކީ މި މައުޟޫޢުއާއި ގުޅުންހުރި ބޭނުންތެރި މަޢުލޫމާތު އަދި ޚިޔާލުތަކެއް ކިޔުންތެރިންނާއި ހިއްސާކުރެވި، މި މައުޟޫޢުއާއި ގުޅޭ ގޮތުން އާންމު ބަހުސް އެއް އުފެއްދުމެވެ.

ރާއްޖޭގެ އަބާދީގެ 35 އިން ސައްތަ މީހުންނަކީ އުމުރުން 18 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެ މާނައަކީ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ ކައިވެނިކޮށް، ދަރިން ހޯދާ ޢާއިލާއެއް ބިނާކުރުމުގެ ޒިންމާތައް އަދާކުރާ އުމުރު ފުރާގެ މީހުންކަމެވެ. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ހަޤީޤަތަކީ ޢާއިލާއެއް ބިނާކޮށް ގޭބިސީއެއް ހިންގުމުގެ ޒިންމާތައް އަންހެނުންނާއި ފިރިހެނުން ހަމަހަމަ ގޮތެއްގައި  ނެގުމަކީ ކައިވެންޏާއި ޢާއިލީ ދިރިއުޅުމުގެ ހަމަޖެހުމާއި އުފާވެރިކަން އިތުރުކޮށްދޭ ކަމެއްކަމެވެ. އަދި މީގެ އިތުރުން، މި ކަމުގައި ހަމަހަމަކަން ނެތުމުގެ ސަބަބުން، ހަޔާތުގައި އިންސާނާ ބޭނުންވާ އެންމެ އަސާސީ ބައެއް ކަންކަމުން – މިސާލަކަށް ތައުލީމު ހާސިލުކުރުން، އާމްދަނީ ހޯދުމަށްޓަކައި މަސައްކަތްކުރުން، އަރާމުކުރުން – އަންހެނުން މަހުރޫމުވެއެވެ. އަދި މިފަދަ އަސާސީ ކަންކަމުން މަހުރޫމުވުމުގެ ސަބަބުން އިގްތިޞާދީ އަދި އިޖުތިމާޢީގޮތުން ނިކަމެތިކަމާ ކުރިމަތިލާން ޖެހެއެވެ.

އުޖޫރަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތުގައި އަންހެނުން އަދި ފިރިހެނުން ހިއްސާވާ މިންވަރު ހަމަހަމަ ކުރުމަށް، ފަރުދީ ފެންވަރެއްގައި ކުރެވޭ ކަންކަމުގެ އިތުރުން ޤައުމީ ފެންވަރުގައި އެކަށައެޅޭ ސިޔާސާތުތައްވެސް ވަރަށް މުހިންމެވެ. މިކަމަށް އެންމެ އަކަށީގެންވާ ސިޔާސަތުތަކެެއް އަދު ރާއްޖެއަކު ނެތެވެ. އެހެންކަމުން ރާއްޖެ ފަދަ ޤައުމެއްގައި މި މައުޟޫޢުއާއި ގުޅުން ހުރި އާންމު ބަހުސް އެއްގެ މުހިންމުކަން މާ ބޮޑަށްވެސް އިހުސާސްކުރެވެއެވެ.

އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތުގައި

އަންހެނުން އަދި ފިރިހެނުންގެ ހިއްސާ

މި ސިލްސިލާގެ ބޭނުންތަކަށްޓަކައި، “އަންޕެއިޑް ކެއަރ ވާރކް” ދޭހަކޮށްދިނުމަށްޓަކައި “އުޖޫރައަކާ ނުލާ ކުރާ އަޅާލުންތެރި މަސައްކަތް”، މި އިބާރާތް ބޭނުންކުރާނަމެވެ.

މިފަދަ މައުޟޫޢޫއަކަށް އަލިއަޅުވާލާއިރު، އެންމެ އަސާސީ ހިސާބަކުން ފެއްޓުން މުހިންމެވެ. އެހެންކަމުން، އެންމެ ފުރަތަމަ އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތޭ ބުނާއިރު އަސްލު މި ދައްކަނީ ކޮން ވާހަކައެއްތޯ ސާފުކޮށްދެވޭތޯ މަސައްކަތް ކުރާނަމެވެ.

އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތަކީ ކޮބާ؟

މަތީގައި ބުނެފައިވާ ފަދައިން މިކަމަށް އިނގިރޭސި ބަހުން ބޭނުންކުރާ އިބާރާތަކީ “އަންޕެއިޑް ކެއަރ ވާރކް” އެވެ. އަދި މިހާތަނަށް، އެއްވެސް ރަސްމީ ސިފައެއްގައި މި އިބާރާތް ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. އެހެންކަމުން “އެހީތެރިޔާ!”، މި ސިލްސިލާގެ ބޭނުންތަކަށްޓަކައި، “އަންޕެއިޑް ކެއަރ ވާރކް” ދޭހަކޮށްދިނުމަށްޓަކައި “އުޖޫރައަކާ ނުލާ ކުރާ އަޅާލުންތެރި މަސައްކަތް”، މި އިބާރާތް ބޭނުންކުރާނަމެވެ.
އާންމު ގޮތެއްގައި އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތުގެ ގޮތުގައި ބެލެވެނީ، ޢާއިލާ އަދި މުޖުތަމަޢުގެ ދުޅަހެއު ކަމަށްޓަކައި އެއްވެސް މާލީ ބަދަލެއް ނުވަތަ އުޖޫރައަކާއި ނުލާ ކުރެވޭ މަސައްކަތެވެ. މި މަސައްކަތަށް އެއްވެސް މާލީ ބަދަލެއް ނުދެވުނުކަމުގައި ވިޔަސް، އުޖޫރަ ލިބޭ ގޮތަށް ކުރާ މަސައްކަތާއި އެއްފަދައިން، މި މަސައްކަތަށްވެސް އެ ކަމެއް ކުރާ ފަރުދެއްގެ ޖާނާއި ހަކަތަ އަދި ވަގުތު ހޭދަވެއެވެ. އަދި އާންމު ގޮތެއްގައި މިއީ، ކަައިވެނި ފަދަ ކޮންމެވެސް ކަހަލަ ޢިޖުތިމާއީ ކޮންޓްރެކްޓެއްގެ ދަށުން ފަރުދަކު ކުރާ މަސައްކަތެކެވެ.
އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި މިއަށް ބައެއް ފަހަރަށް “ޢާއިލީ ޒިންމާ” އޭވެސް ކިޔާ އުޅެއެވެ. އެގޮތުން އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތުގެ ތެރޭގައި ކެއްކުން، އެއްޗެތި ދޮވުން، ސާފުކުރުން، ކުޑަކުދިންނާއި މުސްކުޅިން ބެލުން އަދި ބަލި މީހުންނަށް އަޅާލުން ހިމެނެއެވެ. މިކަމުގައި އުޅޭ ފަރާތްތަކަށް ތަފްސީލު ނުކުރިޔަސް މިއީ ނިމުމެއް ނެތް ސިފައެއްގައި ކުރަންޖެހޭ އާންމު ދިރިއުޅުމުގެ ބުރަ މަސައްކަތް ތަކެއްކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތުގެ ބޮޑު ހިއްސާއެއް އަދާކުރަނީ އަންހެނުންނާއި އަންހެން ކުދިންނެވެ. ނިސްބަތުން ބަލާއިރު މިފަދަ މަސައްކަތުގައި ފިރިހެނުން ޝާމިލުވާ މިންވަރު ކުޑައެވެ. މިފަދަ މަސައްކަތަކީ މާލީ ބަދަލެއް ލިބޭ ގޮތަށް ކުރެވޭ މަސައްކަތަކަށް ނުވުމުން، ޤައުމީ ހިސާބުތައް (ނުވަތަ ނޭޝަނަލް އެކައުންޓްސް) ގައި މި މަސައްކަތެއް ނުހިމެނެއެވެ. އެހެންކަމުން އާންމު ގޮތެއްގައި މި މަސައްކަތް ގުނައި ހިސާބުކުރުން ވަނީ ދަތި ކަމަކަށެވެ. (މިކަމަށް ތަންކޮޅެއް ތަފްސީލީ ނަޒަރެއް އެހެން ލިޔުމެއްގައި ހިންގާލާނާމެވެ).
ނަމަވެސް ބައެއް ޤައުމުތަކުގައި މި މަސައްކަތުގައި އަންހެނުންނާއި ފިރިހެނުން ހިއްސާވާ މިންވަރު ބެލުމަށްޓަކައި “ޓައިމް-ޔޫސް” ނުވަތަ ފަރުދުން އެމީހުންގެ ވަގުތު ހޭދަކުރާގޮތުގެ ސާރވޭތައް ހަދައެވެ.

ދިވެހިރާއްޖޭގައި އަދި މިހާތަނަށް ޓައިމް-ޔޫސް ސާރވޭ އެއް ހެދިފައެއް ނުވެއެވެ.

ބައިނަލް އަޤުވާމީ ޖަމާޢަތެއްކަމުގައިވާ އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ)އިން އެކި ޤައުމުތަކުގައި ހަދާފައިވާ ޓައިމް-ޔޫސް ސާރވޭތަކުން ދައްކާގޮތުން ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ނިސްބަތުން މިފަދަ މަސައްކަތުގައި އަންހެނުންނާއި ފިރިހެނުން ހޭދަކުރާ ވަގުތުގެ ތަފާތު ނުވަތަ ފަރަގު ދުނިޔޭގެ ތަރައްޤީ ނުވާ ޤައުމުތަކަށްވުރެ ކުޑައެވެ. އެގޮތުން:
■ މިފަދަ މަސައްކަތުގައި އަންހެނުން އަދި ފިރިހެނުން ހޭދަކުރާ ވަގުތުގެ ފަރަގު އެންމެ ކުޑައީ ސްވިޑަން، ނޯރވޭ، އަދި ޑެންމާރކް ގައެވެ. މި ފަރަގު އެންމެ ބޮޑީ މެކްސިކޯ، ތުރުކީ އަދި އިންޑިއާގައެވެ.
■ ސްވިޑަން އަދި ނޯރވޭގައި އެވެރަޖްކޮށް، މިފަދަ މަސައްކަތުގައި ފިރިހެނުން ހޭދަކުރާ ވަގުތަށް ވުރެ، 54 މިނެޓު އިތުރަށް އަންހެނުން މިފަދަ މަސައްކަތުގައި ހޭދަކުރެއެވެ.
■ އިންޑިއާގައި މިފަދަ މަސައްކަތުގައި ފިރިހެނުން ހޭދަކުރާ ވަގުތަށް ވުރެ 300 މިނެޓު އިތުރަށް އަންހެނުން މިފަދަ މަސައްކަތުގައި ހޭދަކުރެއެވެ.
ދިވެހިރާއްޖޭގައި އަދި މިހާތަނަށް ޓައިމް-ޔޫސް ސާރވޭ އެއް ހެދިފައެއް ނުވެއެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ އަބާދީގައި އަންހެނުން އަދި ފިރިހެނުންގެ ބައިވެރިވުން (ލޭބަރ ފޯސް ޕާޓިސިޕޭޝަން) އާއި ބެހޭ ތަފާސް ހިސާބުތަކަށް ބަލާލުމުން ފާހަގަވަނީ:
■ ރާއްޖޭގެ ފިރިހެނުންގެ އަބާދީގެ 79.7 އިން ސައްތަ އަކީ އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ މީހުން ކަމުގައިވާއިރު، އަންހެނުންގެ ތެރޭގައި އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ އަބާދީގައި ހިމެނެނީ އެންމެ 47.6 އިންސައްތައެވެ.
■ އިގްތީޞާދީ ގޮތުން ހަރަކާތްތެރިވާ އަބާދީގައި ނުހިމެނޭ އަންހެނުންގެ 41 އިން ސައްތަ މީހުން އިގްތިޞާދީ ގޮތުން ހަރަކާތްތެރިނުވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ގޭތެރޭގެ މަސައްކަތާއި ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރަންޖެހޭތީ ކަމެވެ. ފިރިހެނުންގެ ތެރޭގައި މިފަދަ ސަބަބުތަކަށްޓަކައި އިގްތިޞާދީގޮތުން ހަރަކާތްތެރި ނުވަނީ އެންމެ 1.1 އިންސައްތައެވެ.
ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ އަންހެނުންވެސް ގިނަ ފަހަރަށް އިގްތިޞާދީ ގޮތުން ހަރަކާތްތެރި ނުވާ އަންހެނުންނެކޭ އެއް ފަދައިން އެއް ހަމައެއްގައި އުޖޫރަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތުގައި ޝާމިލުވާކަމެވެ. އެގޮތުން އާމްދާނީ ހޯދުމަށްޓަކައި ބޭރުތެރޭގައި ވަގުތު ހޭދަ ކުރާއިރު، އެއާ އެއްވަރަށް ޢާއިލާއަށް އަޅާލާ ގޭބިސީގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައިވެސް ވަގުތުތަށް ހޭދަކުރެއެވެ. އެހެންކަމުން އާމްދަނީ އެއް ހޯދުމަށް މަސައްކަތެއް ކުރުމަކީ ކޮންމެހެން އުޖޫރައަކާ ނުލާ ކުރާ މަސައްކަތުން އަންހެނުން މިންޖުކުރުވާ ކަމަކަށް ނުވެއެވެ. އެއާ ޚިލާފަށް، އަޅުގަނޑުމެންގެ ތެރޭގައި ގިނަ ފަހަރަށް ފިރިހެނަކު އާމްދަނީ ހޯދުމަށްޓަކައި މަސައްކަތެއް ކުރާނަމަ، އުޖޫރަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތުގައި އޭނާގެ ބައިވެރިވުމެއް ނޯވެއެވެ. ނުވަތަ އޮތަސް ވަރަށް ކުޑައެވެ.
މިއީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއް ނޫނެވެ. ބައިނަލް އަޤުވާމީ ޖަމުޢިއްޔާއެއް ކަމަށްވާ އިންޓަރނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް (އައި.ފެސް) 2015 ވަނަ އަހަރު، ރާއްޖޭގައި އާންމު ދިރިއުޅުމުގައި އަންހެނުންގެ ބައިވެރިވުމާއި މެދު މީހުން ދެކޭގޮތް ބެލުމަށްޓަކައި ކޮށްފައިވާ ދިރާސާއަށް ބަލާލި ކަމުގައިވިޔަސް މިކަން އޮތް ގޮތް ހާމަވެއެވެ. 1
މި ދިރާސާއަށް މަޢުލޫމާތު ދިން ބައެއް ބައިވެރިން އާންމު ދިރިއުޅުމުގައި އަންހެނުންގެ ބައިވެރިވުން ކުޑަވާ ސަބަބުތަކަށް އަލިއަޅުވާލަމުން ދައްކާފައިވާ ބައެއް ވާހަކަތައް ހިއްސާކޮށްލާނަމެވެ.

އަންހެނަކު އާމްދަނީ ހޯދުމަށްޓަކައި މަސައްކަތަށް ނުކުންނަ ނަމަ، އޭނާ ކުރަންޖެހޭ މަސައްކަތް ދެ ގުނައަށް އިތުރު ވެޭ. ފިރިހެނަކު އާމްދަނީ ހޯދަން މަސައްކަތް ކުރިޔަސް، ގޭތެރޭގެ މަސައްކަތުގައި ބައިވެރިވުމަކަށް އޭނާ އަށް އެއްވެސް މަޖުބޫރު ކަމެއް ނޯވޭ – މިއީ ގިނަ ފަހަރަށް ކަން ވާ ގޮތް. އިސްތިސްނާވާ ފަހަރުވެސް އާދޭ. އެކަމަކު އަންހެނަކު އާމްދަނީ ހޯދަން މަސައްކަތައް ދާނަމަ، އޭނާ އެބަ ޖެހޭ މަސައްކަތަށް ދަމުން، ކައްކާ، ދަރިން ބަލާ…މި ހުރިހާ ޒިންމާ އެއްވެސް ނަގަން. އަންހެނުން އާންމު ދިރިއުޅުމަށް ނު ނުކުންނަނީ ކޮންމެހެން ބޭނުން ނުވާތީކީ ނޫން. ގެތެރޭގައި އެމީހުން އުފުލަން ޖެހޭ ޒިންމާތައް ގިނަ ކަމުން. ދަރިން ބަލާ ތަރުބިއްޔަތު ކުރުމުގައިވެސް ބޮޑަށް ޒިންމާ ނަގަނީ އަންހެނުން. އަންހެން މީހާއަށް ކިތަންމެ ބޮޑު އާމްދަނީ އެއް ލިބުނު ކަމުގައި ވިޔަސް ގޭތެރޭގައި އޭނާ ކުރަން ޖެހޭ މަސައްކަތްތަކަށް ލުޔެއް ނުލިބޭ ”
(ދިރާސާއަށް މަޢުލޫމާތު ހޯދުމަށްޓަކައި މާލޭގައި ބޭއްވުނު
ބައްދަލުވެމެއްގައި ވާހަކަ ދެއްކި އަންހެނެއް)


“އަންހެނުންގެ ބައިވެރިވުމުގެ ވާހަކަ ދައްކާއިރު… ބުނަމާ މާދަމާ ސްކޫލުގައި ބެލެނިވެރިންގެ ބައްދަލުވުމެއް އޮތިއްޔޯ. އޭރުން އެތަނުން ފެންނާނެ އަންހެނުންގެ ބައިވެރިވުން. 400 ބެލެނިވެރިންގެ ތެރެއިން ފެންނާނީ އެންމެ 10 ވަރަކަށް ފިރިހެނުން…”
(ދިރާސާއަށް މަޢުލޫމާތު ހޯދުމަށްޓަކައި ލ.ފޮނަދޫގައި ބޭއްވުނު
ބައްދަލުވުމެއްގައި ވާހަކަ ދެއްކި ފިރިހެނެއް)

މަތީގައި ބަޔާންކުރެވިފައިވާ ވާހަކަތަކާއި މެދު ވިސްނާލިޔަސް އުޖޫރަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތުގައި އަންހެނުން އަދި ފިރިހެނުން ހިއްސާވާ މިންވަރުގައި ހުރި ފަރަގުގެ ބޮޑުކަން ފެނެއެވެ.

ތަފާސް ހިސާބުތަކާއި ދިރާސާތައް ދޫކޮށްލާފައި އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމާއި ގޭބީސީ ތަކަށް ބަލާލިކަމުގައިވިޔަސް، އުޖޫރައަކާއި ނުލާ ކުރާ އަޅާލުންތެރި މަސައްކަތުގައި ދިވެހި އަންހެނުންނާއި ފިރިހެނުން ހިއްސާވާ މިންވަރުގައި ހުރި ތަފާތުތައް އިހުސާސް ކުރެވޭނެކަމީ ޝައްކެއްވެސްނެތްކަމެކެވެ.

[1] އިންޓަރނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް (އައި.ފެސް) އިން 2015 ވަނަ އަހަރު ޝާޢިރުކޮށްފައިވާ ދިރާސާ، “ކުއަލިޓޭޓިވް އެސަސްމަންޓް:ޕާސެޕްޝަންސް އަބައުޓް ވިމަންސް ޕާޓިސިޕޭޝަން އިން ޕަބްލިކް ލައިފް އިން ދަ މޯލްޑިވްސް،” ގެ 23 ވަނަ ސަފްޙާ.

ޚަދީޖާ ޙާމިދަކީ އިކޮނޮމިކްސްގެ އަދި ގްލޯބަލް ސްޓަޑީޒް އިން ބެޗަލަސް ޑިގްރީ ހާސިލުކޮށް، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤު ކުރިއަރުވައި އެކަމަށް މީހުން އަހުލުވެރި ކުރުމުގެ މަސައްކަތުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ފަރާތެކެވެ.

ޚަދީޖާ ޙާމިދަކީ އުތެމާގެ ލިޔުންތެރިއެކެވެ.

ލިޔުން – ކިޔުން

Do NOT follow this link or you will be banned from the site!